ރާއްޖެއަށް ހުރި ދަތިތަކާ މެދު ރައީސް އާއި މޯދީ މަޝްވަރާ ކުރައްވައިފި

ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު މޯދީ ޢާއި ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ އާއި އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް ސޯލިހާއެކު ފޯނުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

"އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ހާއްސަ ގުޅުމާއެކު މި ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރާނަން. އިންޑިއާ އިން އަބަދުވެސް ރާއްޖެއާއެކު އޮންނާނެ،" މޯދީގެ ޓްވީޓުގައި ވިދާޅުވި އެވެ.

ކޮރޯނާގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާއިން ވަނީ އެކި ފަހަރު މަތިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ވައިގެ ދަތުރުފަތުރުތައް މެދުކެނޑިފައި އޮތުމާ ގުޅިގެން އިންޑިއާގައި ނުގެނެވިފައި ހުރި ބޭސްތައް، އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްދީފައިވެ އެވެ.

މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބައެއް ބޭސް އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު އެގައުމުން އެކްސްޕޯޓު ކުރުން ހުއްޓާލާފައިވާ ބޭހާއި ބައެއް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.

ރާއްޖެއިން މިހާތަނަށް 52 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ ދެ މީހަކުވެސް ހިމެނެ އެވެ. އިންޑިއާ އިން މިހާތަނަށް 17,615 މީހަކަށް ބަލިޖެހިފައިވާއިރު 559 މީހަކު ވަނީ މަރުވެފަ އެވެ. އެ ވައިރަހާ ގުޅިގެން އެ ގައުމު އޮތީ ލޮކްޑައުންއެއްގަ އެވެ.

މިއަދުގެ މަޝްވަރާ އާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮރޯނާ އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"މީގެ އިތުރުން ރާއްޖެއަށް އިންޑިއާ އިން ދެވޭނެ އެހީތަކާއި ދެގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު،" ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް