އެޕަލް އިން އަގުހެޔޮ އެއާޕޮޑްސް ނެރެނީ

މިއަހަރަކީ އެޕަލްއިން މުޅީން ތަފާތުކޮށް ކަންތައް ކުރަމުން ގެންދާ އަހަރެކެވެ. މީގެކުރީން މުޅީންވެސް އަގުބޮޑު އުފެއްދުންތައް ނެރުމަށް މަޝްހޫރު އެޕަލް އިން މިއަހަރު ވަނީ އަގުހެޔޮ އައިފޯނެއް ނެރެފައެވެ. މިހާރު އެކުންފުނިން ތައްޔާރުވަމުންދަނީ އަގުހެޔޮ ވަޔާލެސް ހެޑްސެޓްތަކެއް ނެރުމަށެވެ. އެ ކުންފުނީގެ މަޝްހޫރު އެއާޕޮޑްސް ސީރީޒްގެ އަގުހެޔޮ ޕްރޮޑަކްޓެއް ނެރެން އެޕަލް ތައްޔާރުވެއްޖެ އެވެ.

އެއާޕޮޑްސް އަކީ އެޕަލް އިން ނެރެންފެށި ވަޔާލެސް ބަޑްސް އެވެ. އަދި އެ ޕްރޮޑަކްޓު ވެފައިވަނީ މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ އިއާ ބަޑްސް އަށެވެ.

އެޕަލްގެ ލީކްތަކަށް މަޝްހޫރު ފްރޮންޓް ޕޭޖް ޓެކް އިން ބުނެފައިވަނީ އެޕަލް އިން ވަނީ އެއާޕޮޑްސް ލައިޓް އެއް ނެރުމަށް ތައްޔާރުވެފައި ކަމަށެވެ.

އަދި މީގެކުރީން މިދިޔަ މަހުގައި އެ ޕްރޮޑަކްޓް ދައްކާލުމަށް ތައްޔާރުވިނަމަވެސް ކޮވިޑް-19 އާ ގުޅިގެން ޕްރޮޑަކްޓް ލޯންޗު ލަސްކޮށްފައިވާ ކަމަށް ފްރޮންޓް ޕޭޖް ޓެކް އިން ބުނެއެވެ. މިހާރު އެ ޕްރޮޑަކްޓް ދައްކާލުމަށް ހަމަޖެހިފައިވަނީ އެޕަލްގެ މެކްބުކް ދައްކާލާ އިވެންޓުގައެވެ. އެ އިވެންޓު އޮންނާނީ އަންނަ މަހުގައި ކަމަށްވެސް ފްރޮންޓް ޕޭޖް އިން ބުނެއެވެ.

އެ ޕްރޮޑަކްޓާ ގުޅޭ މާ ގިނަ މައުލޫމާތެއް އާންމުވެފައެއް ނުވެއެވެ. ނަމަވެސް އެ އެއާޕޮޑްސްގެ އަގު 100 ޑޮލަރަށްވުރެ އަގުހެޔޮ ވާނެ ކަމަށް ވާހަކަ ދެކެވެއެވެ.

އެޕަލް އިން މިހާރު އެއާޕޮޑްސްގެ ދެ ވައްތަރެއްގެ ޕްރޮޑަކްޓް ނެރެއެވެ. އެއީ އެއާޕޮޑްސް އާއި އެއާޕޮޑްސް ޕްރޯ އެވެ. އެއާޕޮޑްސް ޕްރޯއަކީ ދެ ޕްރޮޑަކްޓުގެ ތެރެއިންވެސް އެންމެ އަގުވޮޑު އުފެއްދުމެވެ. އޭގެ އަގު 249 ޑޮލަރަށް އަރައެވެ.

comment ކޮމެންޓް