މީޑިއާ ކައުންސިލުން ނޫސްވެރިން އެކްރެޑިޓް ކުރަން ފަށަނީ

މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މީޑިއާ ކައުންސިލް (މީޑިއާ ކައުންސިލް) އިން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިގޮތަށް ބުނެފައި މިވަނީ، ރޭ އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮންލައިން ނޫހެއްގެ ފަރާތުން ބައިވެރިވި މީހަކު ސުވާލުކުރުމުގައި ގެންގުޅުނު ހަޑި ހުތުރު ބަހުރުވައިގެ ސަބަބުން އެހެން ނޫސްވެރިންނާއި އާންމުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އުސޫލެއް ގައިމުކުރުމަށް ގޮވާލަމުންނެވެ.

މީޑިއާ ކައުންސިލް އިން ރޭ ކުރި ޓްވީޓެއްގައި ބުނީ، ނޫސްވެރިންގެ ބައްދަލުވުމުގައި ރަސް އޮންލައިންގެ ފަރާތުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ޒިންމާދާރު އަމަލެއް ކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށެވެ.

"އެހެންކަމުން ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ކުރިއަށް އޮތްތަނުގައި މި ކައުންސިލްގެ ރޫހު ހުރީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާ ވެސް އަވަހަކަށް އަމަލުކުރަން ފެށުމެވެ." މީޑިއާ ކައުންސިލުން ކުރި ޓްވީޓްގައި ބުނެ އެވެ.

ޓްވީޓްގައި އިތުރަށް ބުނީ، ރަސް އޮންލައިންގެ ފަރާތުން އެގޮތަށް ސުވާލު ކުރި މީހާއާއި އެ ނޫހުގެ އެޑިޓަރު އެކަމަށް މައާފަށް އެދުމަށް ވެސް ކައުންސިލުން އަންގާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރި ފަރާތުން ސުވާލުކުރީ ބަންގްލަދޭޝް މަސައްކަތްތެރީންނަށް "ބަންގާޅީން" މި ބަސް ބޭނުންކޮށްގެންނެވެ. ނަމަވެސް ނޫސްވެެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު އޭނާ ހުއްޓުވައި އެގޮތަށް މުހާތަބު ނުކުރަމަށް އެދިވަޑައިގެންނެވިއެވެ.

އޭނާގެ މި އަމަލު ރާއްޖޭގެ ވަރަށް ގިނަ ނޫސްވެރިން ވެސް ދަނީ ކުށްވެރިކުރަމުންނެވެ. އަދި އެފަދަ މީހުންނަށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފުރުސަތު ނުދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ނަޒްލާއަށް ވެސް ދަނީ ތައުރީފު ކުރަމުންނެވެ.

https://sun.mv/135105

comment ކޮމެންޓް