"އެކްސްކިއުޒް މީ، ފުރަތަމަ އިންސާނަކަށް ވީތީ އިހްތިރާމް ކުރޭ"

ޑރ. ނަޒްލާ ރަފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ދިވެހިން ބިދޭސީންނާ ދޭތެރޭ ތަފާތުކޮށް، އެމީހުންނަކީ ދަށް ބަޔަކަށް ހަދައި ގެންގުޅޭ ވިސްނުމާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގް މިރޭ ވާހަކަ ދައްކަވައިފިއެވެ.

މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ރާއްޖޭގައި ތިބި "ބަންގާޅީން"ގެ މެދުގައި ކޮވިޑް19 ފެތުރިއްޖެނަމަ ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށާއި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކަންތައް އޮތީ ކިހިނެތްތޯ ސުވާލުކޮށްފައެވެ.

ނޫސްވެރިޔާގެ ސުވާލު މުޅިން ފުރިހަމަ ނުވަނީސް ޑރ. ނަޒްލާ ވަނީ ނޫސްވެރިޔާ ހުއްޓުވައިފައެވެ. ނޫސްވެރިޔާ ބޭނުންކުރި ބަސްމަގުން ޑރ. ނަޒްލާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.

"އެކްސްކިއުޒް މީ އިނގޭތޯ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ސުވާލުކުރާ އިރުގައިވެސް ހުރިހާ އެންމެންނަކީ ވެސް އިންސާނުން، އެހެންވީމަ އެމީހުންނަށް ދޭންޖެހޭ ރެސްޕެކްޓް އާ އެއްކޮށްހެން އަޅުގަނޑުމެން އެންމެންގެ ވެސް ބަހުރުވަ ހުންނަން ވާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެޗްޕީއޭއަށް ލާޒިމުވަނީ ހަމައެކަނި ދިވެހިންގެ ސިއްހަތު ރައްކާތެރި ކުރުން ނޫން ކަމަށާއި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސިއްހަތު ރައްކާތެރި ކުރުމަކީ ވެސް އެޗްޕީއޭގެ ޒިންމާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވަކި ގައުުމަކުން ރާއްޖެ އައިސްފައި ތިބޭ މީހުންނާ މެދު ބައެއް ދިވެހިންގެ ވިސްނުން ހުންނަ ގޮތް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންްގެ ވިސްނުން މި ހުންނަނީ ބޭރު މީހަކަށް ޖެހިއްޖެއްޔާ، އަދި ވަކިން ހާއްސަކޮށް ވަކި ގައުމެއްގެ މީހަކަށް ޖެހިއްޖެއްޔާ ދިވެހިންނަށް ޖެހޭނޭ. ނޫނީ އަޅުގަނޑުމެންގެ ތެރެއަށް ބަލި ފެތުރޭނޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލެއިން އެންމެ ފުރަތަމަ ބަލި ފެނުނީ ދިވެއްސެއްގެ ފަރާތުން ކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ މާލެއިން ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ދިވެހި އާއިިލާއެއްގައި ހިމެނޭ މީހެއް ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ރާއްޖޭގެ (ޕޭޝަންޓް 30)ގެ ޑައިރެކްޓް ކޮންޓެކްޓެކެވެ.

"އެހެންވީމަ އެމީހުންނަށް ބުނެވިދާނެ ދިވެހިންގެ ފަރާތުންނަނޭ އެމީހުންނަށް ޖެހުނީ، އެހެންވީމަ އެގޮތަށް އާޅުގަނޑުމެންގެ ވިސްނުން ހުރުމަކީ ރަނގަޅު ކަމެއް ނޫން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ބިދޭސީން ރާއްޖެ ގެނެސް، ގިނަ އަދަދެއްގެ މީހުން އެއް ތަނެއްގައި ތޮއްޖައްސައި، ހާލުގައި ގެންގުޅެނީ ވެސް ދިވެހިންކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. އެހެންކަމުން މިކަމުގައި ދިވެހިން ވެސް ޒިންމާވާން ޖެހޭނެ ކަމަށް ޑރ. ވިދާޅުވި އެވެ.

މިރޭގެ ޕްރެސްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ވަރަށް ގިނަ ގައުމުތަކަށް، އެ ގައުމުތަކުގައި ހުރި އިޖުތިމާއީ މައްސަލަތަކާއި، ސިއްހީ ނިޒާމުގައި ހުރި މައްސަލަތަކާ އަދި އެހެނިހެން މައްސަލަތައް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަނެވުމުން އެ މައްސަލަތައް ރަނގަޅުކުރުން އާ ހިތްވަރެއް ލައިގެން މަސައްކަތް ފަށަންޖެހޭނެ ކަމަށެވެ.

ޑރ. ނަޒްލާގެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޑރ. ނަޒްލާއަށް ތައުރީފު ކުރަމުންނެވެ.

comment ކޮމެންޓް