މިދިޔަ 10 އަހަރު ތެރޭ ޗައިނާ އިގްތިސާދު ފުރަތަމަ ފަހަރަށް ދަށަށް

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސޯދު، ޗައިނާގެ އިގްތިސާދު މިދިޔަ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެ އެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދު އެންމެ ދަށަށް ދިޔަ ކުއާޓަރެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ގައުމުގެ އިގްތިސޯދު ދަށަށް ދިޔުމުން އެކަމުން އަރައިގަންނަން ވަގުތު ނަގާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް، ޗައިނާ އާއި ވާދަވެރި އެހެން އިގްތިސޯދުތަކާ އަޅާބަލާއިރު ޗައިނާގެ އިގްތިސޯދީ ދުވެލި ރަނގަޅު ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ އިގްތިސޯދު ވަނީ 6.8 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއީ 98 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.

މިއީ 1992 ވަނަ އަހަރު، ޗައިނާއިން އެގައުމުގެ އިގްތިސޯދާ ބެހޭ މައުލޫމާތާއި ތަފާސްހިސާބު އާންމުކުރަން ފެށިފަހުން އެގައުމުގެ އިގްތިސޯދު މިހާބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން މިއީ 1976 ވަނަ އަހަރަށްފަހު ޗައިނާގެ އިގްތިސޯދު ފަހަތަށް ދިޔަކަމަށް އެ ގައުމުން ބުނި ފުރަތަމަ ފަހަރުވެސް މެއެވެ.

ޗައިނާގެ އިގްތިސޯދުގެ އެންމެ މުހިއްމު ތިން ބައި ކަމަށްވާ ކޮންޒިއުމާ ސްޕެންޑިން، އެކްސްޕޯޓްސް އަދި ފިކްސްޑް އެސެޓް އިންވެސްޓްމެންޓު ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށަށް ގޮސްފައެވެ. އެގޮތުން ކޮންސިޒުމާ ސްޕެންޑިން 19 ޕަސެންޓް ދަށަށް ދިޔައިރު، އެކްސްޕޯޓް ވަނީ 13 ޕަސެންޓް ދަށަށް ގޮސްފައެވެ. ފިކްސްޑް އެސެޓް އިންވެސްޓްމެންޓުވެސް 16 ޕަސެންޓް ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

ޗައިނާގެ އިގްތިސޯދު ދަށަށް ގޮސްފައިވާކަން އެ ގައުމުން ހާމަކޮށްފައިވާއިރު އެ ގައުމުގެ ވޫހާން ސިޓީ އިން އުފަންވި ކޮރޯނާ ވައިރަސްގެ އަސަރު ދުނިޔޭގެ ހުރިހާ ބިތަކަށް ކޮށް، ދުނިޔޭގެ އިގްތިސޯދަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. އިގްތިސޯދީ މަސައްކަތްތައް ހުއްޓި ވިޔަފާރިތައް ބަނގުރޫޓުވެ ދަތުރުފަތުރުގެ ދާއިރާ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މިހާތަށް ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 160،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. ޗައިނާއިން ބަލި ޖެހުނުމީހުންގެ އަދަދު 82،000 އަށްވުރެ ގިނައެވެ. އެގައުމުން މިހާތަނަށް 4632 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް