ހުޅުމާލޭގައި ޑެލިވަރީގެ މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

އޭޕްރީލް 16، 2020: މާލެއިން ކޮވިޑް19އަށް މީހަކު ޕޮޒޮޓިވް ކޭސްއެށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެ މީހުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ގޭބީސީތަކަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ޑެލިވަރީގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ތާޑް ޕާޓީ ސާވިސް ޕްރޮވައިޑަރުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، އެފަދަ ފަރާތްތަކަށް މުދާ ރައްކާ ކުރުމަށް ހުޅުމާލޭ ރަށު މާރުކޭޓުން ޖާގަ ހަމަޖައްސައިދޭނެ އެވެ.

މި ޖާގަތައް ދޫކުރާނީ އެއްވެސް ފީއެއް ނުނަގާގޮތަށް ހަ މަސްދުވަހުގެ މުއްދަތަކަށެވެ.

އެޗްޑީސީ އިން ބުނީ ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޑެލިވަރީގެ ހިދުމަތް ދޭންވާނީ ހުޅުމާލޭގައި ކަމަށް އެޗްޑީސީގެ އިއުލާނުގައި ވެއެވެ.

ޑެލިވަރީގެ ހިދުމަތް ދިނުމަށް އެދި ކުރިމަތިލާ ފަރާތްތަކަކީ މި ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

https://sun.mv/134956

ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީ އަށް ފޯމު ހުށަހަޅަން އިއުލާނުކޮށްފައިވާއިރު ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީ އިން ވަނީ މާލޭގެ ފިހާރަތަކަށް ޑެލިވަރީގެ މަސައްކަތުގައި އެހީވުމަށް ވޮލަންޓިއަރުން ހޯދުމަށް މީގެ ކުރިން އިއުލާނުކޮށްފަ އެވެ. އެ ފުރުސަތުގައި 300 އެއްހާ ވޮލަންޓިއަރުން ކުރިމަތިލާފައިވާއިރު ވޮލަންޓިއަރުންނާ އެކު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ޑެލިވަރީގެ މަސައްކަތުގައި ހަރަކާތްތެރިވެ ލައްވައިފަ އެވެ.

ކޮރޯނާ ވައިރަސްގެ ކޭހެއް މިދިޔަ ބުދަ ދުވަހު މާލެ އިން ފެނި، މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު ފާއިތުވި ހަތަރު ދުވަސްތެރޭ މާލެ ސަރަހައްދުން ވަނީ ކޮރޯނާގެ 15 ކޭސް ފެނިފައެވެ. މިހާތަނަށް ރާއްޖެއިން ބަލީގެ 35 ކޭސް ފެނިފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ 16 މީހެކެވެ.

comment ކޮމެންޓް