މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގުމުން މިނިސްޓަރާއި ކޮމިޝަނަރު ޖަލަށް

މާފުށީ ޖަލު ---ސަން ފޮޓޯ// ފަޔާޒު މޫސާ

މާފުށީ ޖަލުގެ ޔުނިޓަކުން ގައިދީން ނުކުމެ ހަމަނުޖެހުން ހިންގުމާ ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ޖަލަށް ޒިޔާރަތް ކުރަން ދަތުރުފައްޓަވައިފިއެވެ.

ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުމެފައިވާ ކަމަށެވެ.

އެ ހާދިސާގައި ގައިދީއަކަށާއި ދެ އޮފިސަރުންނަށް އަނިޔާވެފައިވާ ކަމަށާއި އެހެން ނަމަވެސް، ހާލަތު މިހާރު ކޮންޓުރޯލު ކުރެވިފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މިކަމާ ގުޅިގެން ޖަލު ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ ހާދިސާ ހިނގި ގޮތް ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އާއެކު މާފުށި ޖަލަށް ވަޑައިގަތުމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ.

ޖަލުގައި މިރޭ ހަމަނުޖެހުން ހިންގާފައިވާއިރު، ކޮވިޑް19 އާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 105 ގައިދީއެއްގެ އަދަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ލުއިކޮށްދެއްވައިފައެވެ.

އަދި އެމީހުން މިނިވަންވެ، މިހާރު އެމީހުން ގެއަށް ގެންގޮސްދީފައިވާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް