އެންގުމާ ޚިލާފަށް ރިސޯޓް މުވައްޒަފުން ގޮވައިގެން ދިޔަ ލޯންޗެއްގެ ކެޕްޓަން ހައްޔަރުކޮށްފި

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޕީއޭގެ އެންގުމާ ޚިލާފަށް ރިސޯޓް މުވައްޒަފުން ގޮވައިގެން އައްޑޫ ސިޓީ ހިތަދުއަށް ދަތުރުކުރި ލޯންޗެއްގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖެ އެއްކޮށް ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގެމާ ހިލާފަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނުނަގާ ރިސޯޓުތަކުން މުވައްޒަފުން ގޮވައިގެން އައްޑޫ ސިޓީ ހިތަދުއަށް ދަތުރުކުރި ލޯންޗެއްގެ ކެޕްޓަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ލޯންޗު ހިތަދޫއަށް ގޮސްފައިވަނީ މިއަދު ހެނދުނު 8:15 ގައި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ، އެ ލޯންޗުގައި ތިބި ފަޅުވެރިން ވަނީ، އައްޑޫ ސިޓީ ޓާސްކް ފޯސްގެ ފަރާތުން ހެލްތު ސްކޫރިން ކޮށްފައި ކަމަށާއި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތެއް ފެންނަން ނެތުމުން ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުންކަމެއް ފުލުހުން ހާމަކޮށްފަ އެއް ނުވެއެވެ.

ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަަށުން އަނެއް ރަށަށް ދަތުރުކުން ވަނީ މަނާކޮށްފަ އެވެ. ރަށްރަށަށް ބޭނުންވާ މުދަލާއި އެހެނިހެން ވެސް ޒަރޫރީ ކަންކަން އެ ރަށެއްގެ ކައުންސިލުން ރާވާ ގޮތެއްގެ މަތިން ހަމަޖެއްސުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. މީގެ އިތުރުން އާންމު ތަންތަނަށް މީހުން އެއްވުމާއި އެއްވެސް ޒާތެއްގެ އެއްވުމެއް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް