އައްޑޫއާއި ފުވައްމުލަކުގައި ނަމާދުގެ ޖަމާއަތް ނުބާއްވަން އަންގައިފި

މާލޭގެ ސުޓޭޑިއަމް ސަރަހައްދުގައި ބޮޑު އީދު ނަމާދު ކުރުން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން، މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުން އެންގި އެންގުމުގެ މުއްދަތު އިތުރުކޮށް، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ގައިވެސް ޖަމާއަތުގައި ނަމާދުކުރުން ވަގުތި ގޮތުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މާލެ ސިޓީ އާއި ސަރުކާރުން އަރާ ފޭބުން މަނާކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ފުރަތަމަ މަނާކުރީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.

އަދި މިހާރު އެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން 23 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާއަތް ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ވަނީ މި މުއްދަތުގައި އިސްލާމިކް މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.

މީގެ އިތުރުން ރަށެއް ލޮކްޑައުން ކޮށްފިނަމަ، އެ ރަށެއްގައި ވެސް އެ ހާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާިއ ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި ނުވާ ކަމަށާއި ހަމައެކަނި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތައް އެކަނި ކަމަށެވެ.

މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.

comment ކޮމެންޓް