އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތަކުން ރޭގަނޑު ހިދުމަތް ނުދޭން އަންގައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ނުރައްކާތެރިން ރާއްޖޭގައި އިތުރުވަމުން އަންނާތީ، އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތް ދޭ ތަންތަނުން ރޭގަނޑު ހިދުމަތް ނުދިނުމަށް އަނެއްކާ ވެސް އަންގައިފި އެވެ.

މީގެކުރިން ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެގޮތަށް އަންގައިފައެވެ. އެހެން ނަމަވެސް ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި އެފަދަ ފިޔަވަޅެއް އަޅާނެ ފަދަ ހާލަތެއް އޭރު އޮތް ކަމަށް އެޗްޕީއޭ އިން ނުދެކޭތީ ފަހުން އެ އިއުލާނު ވަނީ ބާތިލްކޮށްފައެވެ.

ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގިނަވަމުން އަންނާތީ އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކް ތަކާއި ބޭސްފިހާރަތައް ފިޔަވައި ވިޔަފާރިކުރާ ފިހާރަތަކާއި އާންމު ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމުގައި ވަކި ގޮތަކަށް އަމަލުކުރަން އަންގާ ކަަމަށެވެ.

އެގޮތުން އާންމު ވިޔަފާރި ކުރާ ފިހާރަތަކާއި، އާންމު ހިދުމަތް ދޭ ތަންތަން ހުޅުވިފައި ހުންނަންވާނީ ހެނދުނު 09:00 އިން ހަވީރު 05:00 އަށް ކަމަށް އިއުލާނުގައިވެއެވެ.

ކައުންސިލުން ބުނީ ވިޔަފާރި ކުރާ ތަންތަނުން ހަވީރު 5:00 އިން ރޭގަނޑު 10:00އަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަނުން ހެނދުނު 09:00 އިން ރޭގަނޑު 12:00އަށް ހަމައެކަނި ޓޭކް އަވޭއާއި، ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

މީގެ އިތުރުން ގާޑިޔާތަކުން ވެސް ކޮންމެ ދުވަހަކު ހެނދުނު 09:00ން ހަވީރު 05:00އަށް ޓޭކް އަވޭއާއި ޑެލިވަރީ، ކުރަން ވަނީ އަންގައިފައެވެ.

ސިޓީ ކައުންސިލުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ލަމާރުކަޒީ ގާނޫނުގައި ވާގޮތުގެމަތިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 34 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ކުރިއަށް އޮޮތް ތަނުގައި ޕޮޒިޓިވްވާ މީހުން އަތުރުވަމުން އަންނާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް