ސިއްހީ ހިދުމަތްތެރީންނަށް އަދާކޮށްދޭން ޖެހޭ ދަރަނި ވަރަށް ބޮޑު: ރައީސް

ރައީސުލްޖުމްހޫރިއްޔާ އެންއީއޯސީ އަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ/ރައީސް އޮފީސް

ކޮވިޑް19 އިން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ކޮންމެ ދުވަހަކު، ދިވެހި ސިއްހީ ހިދުމަތްތެރީން ވަމުން އަންނަ ގުރުބާނީއަށް، ހުރިހާ ރައްޔިތުން ވަރަށް ބޮޑު ދަރަންޏެއް އަދާކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދިވެހި ޑޮކްޓަރުންްގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ޑޮކްޓަރުންގެ ދުވަސް މިފަހަރު ބައްދަލުވެފައި މިވަނީ، ޑޮކްޓަރުން ކުރާ އަގުނުކުރެވޭ ހިދުމަތާއި ގުރުބާނީ ހާމައަށް ފެންނަން އޮތް ދަނޑިވަޅެއްގައި ކަމަށެވެ.

އަދި ކޮވިޑް19 އާ ދެކޮޅަށް ސިއްހީ ހިދުމަތްތެރިން، އެބޭފުޅުން ނުރައްކަލަށް ހުށަހެޅިގެން ތިއްބަވައި ކުރައްވަމުން އަންނަ މަސައްކަތަށް ހުރިހާ ރައްޔިތުން އަދާކުރަންޖެހޭ ޝުކުރުގެ ދަރަނި ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސިއްހީ ހިދުމަތްތެރިން ރެޔާ ދުވާލު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.

"ސިއްހީ ހިދުމަތްތެރިންގެ ފަނޑުވުމެއް ނެތް ހިތްވަރު އެބަ ފެނޭ"

ރައީސް ސޯލިހުގެ އިތުރުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ދުވަހާ ގުޅުވައިގެން ޓުވީޓެއް ކުރައްވައިފައެވެ.

އަމީންގެ ޓުވީޓުގައި ސިއްހީ ހިދުމަތްތެރިން ސިފަކުރައްވާފައި ވަނީ ވަރުބަލިކަމެއް ނެތި، ކޮވިޑް19 އާ ދެކޮޅަށް ހަނގުރާމަކުރާ ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައެވެ.

ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައި މިނިސްޓަރު ވަނީ، ހުރިހާ ރައްޔިތުން އެއްބައިވެ، ފަރުދީ ޒިންމާ އަދާކޮށް، ކޮވިޑް19 އާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވައިފައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކުރެއްވި ޓުވީޓެއްގައި ވަނީ ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ރެޔާ ދުވާލު ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.

"އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރަން އުޅެ، އެތައް ސިއްހީ ހިދުމަތްތެރިންގެ ފުރާނަ ވަނީ ގެއްލިފައި. ނަމަވެސް ރެޔާ ދުވާލު އަދިވެސް މަސައްކަތް ކުރަމުން ދަނީ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރަން. ސެލިއުޓް ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް