އައިޔޫއެމްގެ އޮންލައިން ކްލާސްތައް މެދުކަނޑާލައިފި

ސަން ފައިލް ފޮޓޯ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ކުރިއަށް ގެންދިޔަ އޮންލައިން ކްލާސްތައް މެދުކަނޑާލައިފި އެވެ.

އައިޔޫއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ޔުނިވާސިޓީތަކުގައި ކްލާސްތައް ބޭއްވުން މަނާކޮށްފައި ވީނަމަވެސް، މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އޮންލައިން ކްލާސްތައް ނަގައިދެމުން އަންނަ ކަމަށެވެ.

އަދި އެއީ ދަރިވަރުންގެ ކިޔެވުން މެދުކަނޑާނުލުމަށް އޭރު ނިންމި ނިންމުމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް މިހާރު މާލޭގައި ކޮވިޑް19 ފެތުރި، މާލެ އާއި މުޅި ރާއްޖެ ވެސް ލޮކްޑައުން ކޮށްފައިވުމާއި، ބަލީގެ ނުރައްކާތެރިކަން އިތުރުވަމުން އަންނާތީ މިއަދުން ފެށިގެން އޮންލައިން ކްލާސްތައް ވެސް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އައިޔޫއެމް އިން ބުނީ އޮންލައިން ކްލާސްތައް މެދުކަނޑާލާފައި ވަނީ އަންނަ މޭ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މާލެއިން ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސް އެއް ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަދި މިހާތަނަށް މާލެއިން 11 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ.

މާލޭގައި ބަލި ފެތުރޭތީ މުޅި މާލެ 14 ދުވަހަށް އޮތީ ލޮކްޑައުންކޮށްފަ އެވެ.

comment ކޮމެންޓް