ހައްޖަށް ދާން އުމުރު ދުވަހު އެއްކުރި ފައިސާ ދިނީ ކޮވިޑް ފަންޑަށް!

އިންޑިއާގެ ކަޝްމީރުގެ އަންހެނެއް ކަމަށްވާ ހާލިދާ ބޭގަމް ނަމަކަށް ކިޔާ މީހަކު އޭނާ ހައްޖަށް ދާން އެއްކުރި ހުރިހާ ފައިސާއެއް ކޮރޯނާ ފަންޑަށް ހަދިޔާ ކޮށްފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިއަހަރުގެ ހައްޖުގެ އަޅުކަން ކުރުމާ މެދު އަދި ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ވަކި ގޮތެއް ނުނިންމަ އެވެ. އަދި އެގައުމު އާންމު ހާލަތަކަށް ރުޖޫއަ ނުވާ ހިނދަކު ހަައްޖުގެ އަޅުކަން ކުރުމަށް ރޭވުންތައް މިވަގުތު ނުރޭވުމަށް ހައްޖު މިނިސްްޓްރީން ވަނީ ބުނެފަ އެވެ.

"ހައްޖާއި އުމްރާ އަށް އަންނަ މީހުންނަށް ހިދުމަތް ކުރުމަށް ސައުދީ އަރަބިއާ އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި. އެކަމަކު މިހާރު ދިމާވެފައިވާ ހާލަތުގައި ސައުދީ ސަރުކާރުން އެންމެ އިސްކަން ދެނީ މުސްލިމުންގެ ސިއްހީ ރައްކާތެރި ކަމަށް. އެހެންވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ ކިބައިން މި އެދެނީ ހާލަތު ސާފުވަންދެން ހައްޖު އެއްބަސްވުންތައް ނުހަދާ މަޑުކޮށްލަ ދިނުމަށް،" މަސްޖިދުލް ހަރަމްގައި ހުންނަވައި ސައުދީގެ ހައްޖު މިނިސްޓަރު މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ.

ވުމާއެކު މިއަހަރުގެ ހައްޖުގެ އަަޅުކަން ކުރެވޭނެ ކަމުހެ އުންމީދު މުސްލިމުންނަށް ގެއްލިފައިވާ މި ދަނޑިވަޅުގައި ހާލިދާ ބޭގަމް ވަނީ އޭނާ އުމުރު ދުވަހު ހައްޖަށް ދާން އެއްކުރި ފައިސާ ކޮރޯނާ ފަންޑަށް ހަދިޔާ ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ 500،000 އިންޑިއަން ރުޕީސް ހަދިޔާ ކޮށްފަ އެވެ.

އުމުރުން 87 އަހަރުގެ ހާލިދާގެ މި ވާހަކަ އަޑު އިވި ގިނަބަޔަކު ދަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ. ހާލިދާ އަކީ ކަޝްމީރުގައި ތިބި އެންމެ އިލްމީ އަންހެނުންގެ ތެރެއިން އެކަކަށްވާއިރު އޭނާގެ ދަރިއަކީ ރިޓަޔާ ކޮަށްފައިވާ ކުރީގެ އިންޑިއަން ޕޮލިސް އޮފިސަރެކެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި މީގެ ކުރިން ވެސް ވަނީ ބޮޑެތި ރޯގާތައް ފެތުރިފަ އެވެ. ސައުދީގައި 1821 ވަނަ އަހަރު ފެތުރުނު ކޮލެރާ ބަލިމަޑުކަމެއްގައި 20،000 ހައްޖުވެރިން މަރުވި އެވެ. އަދި 1865 ވަނަ އަހަރު ފެތުރުނު ކޮލެރާ ރޯގާގައި 15،000 ހައްޖުވެރިން މަރުވި އެވެ. ފަހުގެ ތާރީޚަށް ބަލާއިރު ސައުދީގައި ފެތުރުނު މާސް ރޯގާގެ ސަބަބުން ވެސް ހައްޖުގެ އަޅުކަމަށް ވަނީ އަސަރުކޮށްފަ އެވެ. އޭގެ ފަހުން ސައުދީން ވަނީ އާއްމު ސިއްހަތުގެ ފިޔަވަޅުތައް ހަރުދަނާކޮށްފަ އެވެ.

އިންޑިއާގައި މިހާތަނަށް 14،378 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ އިރު، އެބަލި ޖެހިގެން 480 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް