ސިންގަޕޫރުގައި ކޭސްތައް ގިނަވެ، ސިއްހީ ނިޒާމަށް ބާރުބޮޑުވެއްޖެ

ސިންގަޕޫރުގައި 5،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: އޭޕީ

ސިންގަޕޫރު (އޭޕްރިލް 18): ސިންގަޕޫރުގައި ކޮރޯނާވައިރަހުގެ ކޭސްތައް ކުއްލިއަކަށް ގިނަވެ، ސިއްހީ ނިޒާމަށް ބާރު ބޮޑުވެއްޖެ ކަމަށް އެގައުމުގެ މާހިރުން ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5،992އަށް އަރައިފަ އެވެ. އަދި ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެ ގައުމުން 24 ގަޑިއިރު ތެރޭ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު 447 މީހަކާއި ބުރާސްފަތި ދުވަހު 728 މީހަކާއި އިއްޔެ 623 މީހަކާއި މިއަދު 942 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެއީ އެގައުމުގައި އެއް ދުވަސް ތެރޭ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 900އަށް އެރި ފުރަތަމަ ފަހަރެވެ.

ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ވައިރަސް ޖެހޭ ގިނަ މީހުންނަކީ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްފައިވާ ޑޯމިޓަރީތަކުގައި ދިރިއުޅޭ މީހުންނެވެ. އަދި ވައިރަހަށް ޕޮޒިޓިވްވާ އެގައުމުގެ ރައްޔިތުންގެ އަދަދު ދަނީ މަދުވަމުންނެވެ.

ސިންގަޕޯ ޓައިމްސްއާ ވާހަކަ ދެއްކެވި، ނެޝަނަލް ޔުނިވާސިޓީގެ ޕަބްލިކް ހެލްތު ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސާ ޝޫ ލިޔަންގް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެގައުމުން އިތުރު ބިދޭސީ މަސައްކަތްތެރިން ޕޮޒިޓިވްވާނެ އެވެ. އެހެންކަމުން "ބިދޭސީން ދިރިއުޅޭ ޑޯމިޓަރީތަކުގައި ބަލި ފެތުރުން ކުޑަ ކުރަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އިތުރު ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ހޮސްޕިޓަލަށް ނުކަތާ ވަރު ވާނެ" ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

އެ ޕަބްލިކް ހެލްތު ސްކޫލުގެ ވައިސް ޑީން އޮފް ރިސާޗް، އެސޯސިއޭޓް ޕްރޮފެސަރު އެލެކްސް ކުކް ވިދާޅުވި ގޮތުގައި ޑޯމްތަކުގައި ތިބި މީހުންގެ މެދުގައި ގައިދުރު ކުރުމުގެ ފިޔަވަޅުތައް ނާޅާ ނަމަ، މި މަސް ނިމޭ އިރު ޕޮޒިޓިވް ކޭސްތަކުގެ އަދަދު 10،000އާއި 20،000އާ ދެމެދުގެ އަދަދަކަށް އިތުރުވެދާނެ އެވެ.

ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީ ހޮސްޕިޓަލް (އެންޔޫއެޗް)ގެ އިންފެކްޝަސް ޑިޒީސް މާހިރެއް ކަމަށްވާ ޕްރޮފެސަރު ޑޭލް ފިޝާ ވިދާޅުވި ގޮތުގައި އެގައުމުގެ ސިއްހީ އިދާރާތަކާއި ސިއްހީ މުވައްޒަފުން މިވަގުތު ދަނީ ހާލަތު މެނޭޖު ކުރަމުންނެވެ. ނަމަވެސް އެ ދެ ފަރާތަށްވެސް ދަނީ ބާރުބޮޑުވަމުންނެވެ.

ސިންގަޕޯ ޓައިމްސްއާ ވާހަކަ ދެއްކެވި އެތިން ބޭފުޅުންވެސް ވަނީ އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވެ ހާލު ސީރިއަސް ނުވާ މީހުން ހޮސްޕިޓަލަށް ނުގެންގޮސް، އެކަހެރިކޮށް، މޮނިޓާ ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ގިނަ މަސައްކަތްތެރިންނަކީ ދުޅަހެޔޮ ޒުވާނުން ކަމުން ހާލު ސީރިއަސްވާ މީހުންގެ އަދަދު މަދުވި ނަމަވެސް، ވައިރަސް ޖެހޭ އަދަދު ގިނަވާ ވަަރަކަށް ހޮސްޕިޓަލަށް ގެންދަން ޖެހޭ މީހުންގެ އަދަދުވެސް ގިނަވާނެ ކަމަށް އެބޭފުޅުން ފާހަގަ ކުރެއްވި އެވެ.

ޕްރޮފެސާ ފިޝާ ލަފާ ކުރައްވާ ގޮތުގައި އެގައުމުގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ އެވެ. އަދި އެކެއް ނުވަތަ ދެ ޕަސެންޓު މީހުންގެ ހާލު ސީރިއަސް ވެދާނެ އެވެ. ނަމަވެސް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ނުވަތަ ލޭގެ ޕްރެޝަރު މަތި މީހުން ނަމަ އެމީހުންގެ ހާލު ސީރިއަސްވުމުގެ ފުރުސަތު ބޮޑުވާކަންވެސް ޕްރޮފެސާ ކުކް ފާހަގަ ކުރެއްވި އެވެ.

ސިންގަޕޯ ޓައިމްސްގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އެގައުމުގެ ހޮސްޕިޓަލްތަކުގައި ހުރި ކްރިޓިކަލް ނޫން ހާލަތްތަކުގައި ފަރުވާދޭ އެނދުގެ އަދަދު 11،321އަށް އަރަ އެވެ. އޭގެ ތެރެއިން 9،400 އެނދަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހުރި އެނދުތަކެވެ. އަދި 1،600އަށް ވުރެ ގިނަ އެނދުތައް ހުންނަ ޕްރައިވެޓް ހޮސްޕިޓްލަތަކުން ދަނީ ވައިރަހަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމުގައި އެހީވަމުންކަން އެނޫހުން ހާމަ ކުރި އެވެ.

ޕްރޮފެސާ ޝޫގެ ލަފަޔަކީ ކޮވިޑް-19 ކޭސްތަކުގެ ސީރިއަސް ކަމަށް ބަލައި، ނުރައްކާ ކުޑަ މީހުން ހޮސްޕިޓަލަށް ގެންދިޔުމުގެ ބަދަލުގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ބައިތިއްބައިގެން އެމީހުންގެ ހާލު ބަލަމުން ދިޔުމެވެ. އަދި އެމީހުންގެ ހާލު ދެރަވެއްޖެ ނަމަ ވަގުތުން ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

ސިންގަޕޫރުން ވަނީ އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިމަހުގެ ހަތެއްގައި "ސާކަޓް ބްރޭކާ" ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެފިޔަވަޅުތަކުގެ ދަށުން އެގައުމުގެ މީހުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި ބޭރަށް ނުދިޔުމަށް އަންގައި އަސާސީ ހިދުމަތްދޭ ވިޔަފާރިތައް ނޫން އެހެން ހުރިހާ ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

މީގެ އިތުރުން އެގައުމުން ވަނީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ 12 ޑޯމިޓަރީއަކުން ކޮރޯނާވައިރަސް ފެނުމާ ގުޅިގެން އެޑޯމްތައް ކަރަންޓީނުކޮށްފަ އެވެ.

comment ކޮމެންޓް