ހަރަދުތައް ކުޑަކުރޭ، އެ ނޫން ގޮތެއް ނެތް!

މިދުވަސްވަރު ފައިސާ ހަރަދު ކުރާ މިންވަރު ބެލުމަކީ ވަރަށް މުހިއްމު ކަމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރައި އޭގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. އާންމުންގެ ރައްކާތެރިކަމަށް ގައުމުތައް ލޮކްޑައުންކޮށް ދަތުރުތައް މެދުކަނޑާލުމާއެކު އިގުތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ކުރަމުންނެވެ. އެ އަންނަ ބަދަލުތަކަކީ ހުރިހާ އެންމެނަށްވެސް އޭގެ އަސަރުކުރާނެ ބަދަލުތަކެކެވެ. އެހެންކަމުން އާންމުންގެ ލައިފްސްޓައިލްތަކަށް ބަދަލެއް ގެންނަން މިއޮތީ ޖެހިފަ އެވެ. ކުރާ ހަރަދުތަކަށް މިއޮތީ ބަލަން ޖެހިފަ އެވެ. އަދި ފައިސާ އިގުތިސޯދުކުރަންވެސް މިއޮތީ ޖެހިފައެވެ.

ބައެއް ކުންފުނިތަކަށް މިހާރު ވަނީ އާމްދަނީ ލިބޭނެ ގޮތްތަކާ މެދު ސުވާލު އުފެދި ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. އެހެންކަމުން އިގުތިސާދީގޮތުން ދަތި ދަނޑިވަޅުގައި އާންމުން ފައިސާ ރައްކާ ކުރުމާއި ހަރަދުތަކަށް ބަލައިގެން އުޅުން ވަރަށް މުހިއްމެވެ. އެގޮތުން ހަރަދުތައް ކުޑަކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ.

ފިހާރައިން އެއްޗެހި ގަންނައިރު ލިސްޓެއް ހެދުން

މި ދުވަސްވަރަކީ ކޮންމެހެން ގަންނަން ޖެހޭ ތަކެތި ނޫން އެހެން ތަކެތި ނުގަނެ ފަހަށް ބަހައްޓާލުން ރަނގަޅު ވަގުތެކެވެ. އެގޮތުން ގެއަށް ބޭނުންވާ ސާމާނަކީ ކޮންމެހެން ގަންނަން ޖެހޭ އެއްޗެއްސެވެ.

އެހެންނަމަވެސް އެފަދަ ތަކެތި، ފިހާރައަށް ގޮސް ގަތަސް ނުވަތަ އޮންލައިންކޮށް ގަތްނަމަވެސް އެތަކެތި ގަތުމުގެ ކުރީން ލިސްޓެއް ތައްޔާރުކުރުން ވަރަށް ބުއްދިވެރިއެވެ. ލިސްޓުގައި ހިމަނާނީ ގެއިން ހުސްވެ، އަދި މިވަގުތަށް ކޮންމެހެންވެސް މުހިއްމު އެއްޗެއްސެވެ. އަދި ލިސްޓަށް އަމަލުކުރުމަކީ މިކަމުގައި ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ވަގުތަށް ބޭނުން ނުވާ އެއްޗެހި ގަތުމުގެ ފުރުސަތު ކުޑަކުރެވިދާނެއެވެ.

އިންޓަނެޓް ހަރަދު ކުޑަކޮށްލަމާ!

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑާތަކުން ވަނީ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އިތުރު ޑޭޓާ އެލަވެންސް އާއި ޑޭޓާގެ އަގުތައްވެސް ވަނީ މި ހާލަތުގައި ތިރިކޮށްފައެވެ. އެހެންނަމަވެސް އިންޓަނެޓްގެ އަގަކީ ރާއްޖޭގައި ކުޑަ އެއްޗެއް ނޫނެވެ.

އެހެންކަމުން މި ދަނޑިވަޅުގައި އިންޓަނެޓްގެ ހަރަދު ކުޑަކުރުން މުހިއްމެވެ. ޑޭޓާ ޕެކޭޖަށް ބުރަ ވާނެގޮތަށް އަބަދު ނެޓްފްލިކްސް ސްޓްރީމް ކުރަން ނުވަތަ ޔޫޓިއުބް ހާވަން އޮތުމުގެ ބަދަލުގައި އެހެން ގޮތްތަކެއް ހޯދުން ބުއްދިވެރިއެވެ. އެގޮތުން ވާހަކަފޮތްތައް ކިޔާލުން ކިހިނެއް ވާނެ ހެއްޔެވެ؟ އަމިއްލަ ހުނަރެއް ހުރިއްޔާ އެ ހުނަރުގެ އެހީގައި ކަމެއް ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟ އެގޮތުން ކުރެހުން ފަދަ ކަންތައްތައް ކުރުމަކީވެސް ރަނގަޅު ކަމަކަށް ވެދާނެއެވެ.

ބޭނުންކޮށް ނިމުމުން ސުވިޗް ނިއްވާލާ!

ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތައް ބޭނުންކޮށް ނިމުމުން އެއިން ކަރަންޓު ކަނޑާލާށެވެ. ކިތަންމެ ކުޑަ ފައިސާއެއް އޭގެ ސަބަބުން ސަލާމްތަކުރެވުނަސް އެއީ ހަމަ ހޭދަ ނުކޮށް އަތުގައި ބޭއްވިދާނެ ފައިސާތަކެވެ.

ކޮޓަރީގައި މީހެއް ނެތް ނަމަ އެތަނުގައި ބޭނުންކުރާ ފަންކާ ނުވަތަ އެއާ ކޮންޑިޝަން އަދި ބޮކިތައް ނިވާލުން ބުއްދިވެރިއެވެ.

ހެޔޮ ނުވާނެ ސިނގިރޭޓު ބުއިން ހުއްޓާލާ!

ސިނގިރޭޓު ބުއިން ހުއްޓާލަން ޖެހޭ ބައިވަރު ސަބަބުތައް އެބައޮތެވެ. އޭގެ ސަބަބުން އަމިއްލަ ޖީބަށް ދަތިވުމުގެ އިތުރުން އަމިއްލަ ސިއްހަތައްވެސް ނުރައްކާ އެބައޮތެވެ.

އެކަމުވެސް ވަރަށް ގިނަ ދިވެހީންނަކީ ސިނގިރޭޓު ބުއިމަށް އާދަވެފައިވާ ބައެކެވެ. ސިނގިރޭޓު ބުއިމަށް ކޮންމެ މަހެއްގެ މައްޗަށް ގިނަ ފައިސާއެއް ހަރަދު ކުރަން ޖެހެއެވެ. އެހެންކަމުން އެ ހަރަދު ކުޑަކޮށްލައިފި ނަމަ އެ ސަލާމަތްކުރެވޭނީ ވަރަށް ގިނަ ފައިސާ ނޫން ހެއްޔެވެ؟

އެ ފައިސާ ބޭނުންކޮށްގެން ގެއަށް ކޮންމެހެން ގެންނަން ޖެހޭ ތަކެތި ގަނެވިދާނެއެވެ. އެގޮތުން ކެއުމަށް މުހިއްމު މޭވާ އާއި ތަރުކާރީ ވެސް އެ ފައިސާ ބޭނުންކޮށްގެން ގަނެވިދާނެ އެވެ.

comment ކޮމެންޓް