އެންހިފަން ފީނި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

އެންހިފަން ފޭބިމީހާ ހުރި ދޯނި --- ފޮޓޯ/ އެމްއެންޑީއެފް

އެން ހިފަން ފީނުމަށް ފަހު ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ "އަސްދާން" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނި އުމުރުން 28 އަހަރުގެ ދިވެއްސެކެވެ. އެމީހާ ގެއްލިފައި ވަނީ ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން ފައިބައި އުޅެނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ މީހާ ފެނޭތޯ ކޯސްޓް ގާޑުގެ ޑައިވަރުން ފީނުމުގެ ތެރޭގައި އޭނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިފައިވާ ކަމަށް މިރޭ އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން މީގެ ކުރިން ބުނީ އެ މީހާ ފީނަން ފޭބީ ހަތަރު މީހުންނާ އެކުގައި ކަމަށެވެ. އޭނާ ގެއްލިގެން 25 މީހުން ތިބި އަސްދާން ދޯނިން އެމްއެންޑީއެފްއަށް ރިޕޯޓުކުރީ، އޭނާ ހޯދަން ދޯނިން މަސައްކަތް ކުރުމަށް ފަހު ހަބަރެއް ނުވެގެންވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިރޭ 20:12 އެހައިކަންހާއިރުއެވެ.

comment ކޮމެންޓް