އެން ހިފަން ފޭބި ދިވެއްސަކު ގެއްލިގެން ހޯދަނީ

އެންހިފަން ފޭބިމީހާ ހުރި ދޯނި --- ފޮޓޯ/ އެމްއެންޑީއެފް

އެން ހިފަން ފީނި މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ "އަސްދާން" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނި އުމުރުން 28 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާ ފީނަން ފޭބިއިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސެއް ކަމަށެވެ. އަދި އަޅައިގެން ހުރީ ކަޅުކުލައިގެ މާސްކެއް ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިިވާ ކަމަށެވެ.

އޭނާ ފީނަން ފޭބީ ހަތަރު މީހުންނާ އެކުގައި ކަމަށާއި، އެމްއެންޑީއެފް އަށް ރިޕޯޓުކުރީ، އޭނާ ހޯދަން ދޯނިން މަސައްކަތް ކުރުމަށް ފަހު ހަބަރެއް ނުވެގެން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިރޭ 20:12 އެހައިކަންހާއިރުއެވެ. އެ ދޯނީގައި ޖުމްލަ 25 މީހުން ތިބިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމީހާ ގެއްލިފައި ވަނީ ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅެނިކޮށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމީހާ ހޯދުމަށް މިހާރު އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޭނާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެދިފައިވެއެވެ.

comment ކޮމެންޓް