ކާގޯ އެބަ އާދޭ، މުދާ ލިބުމުގައި ދައްޗެއް ނުވާނެ: އެމްޕީއެލް/ކަސްޓަމްސް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ސަބަބުން މާލެ ލޮކްޑައުންކޮށްފައި އޮތަސް، ރާއްޖެއަށް މުދާ ހިފައިންގެން ކާގޯ ބޯޓުތައް އެބަ އަންނަ ކަމަށާއި، އެ މުދާތައް ދަތިކަމެއް ނެތި ދޫކުރަމުންދާނެ ކަމަށް އެމްޕީއެލްއާއި ކަސްޓަމްސްއިން ބުނެފިއެވެ.

ނެޝަނަލްް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ހަވީރު ކަސްޓަމްސްއާއި އެމްޕީއެލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިހާރުވެސް ރާއްޖެއަށް މުދާ ހިފައިގެން ބޯޓުތަށް އަންނަމުންދާ ކަމަށެވެ. އެގޮތުން މި ހަފްތާގައި އަށް ބޯޓެއް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޕީއެލްއާ ގުޅިގެން ވީހާވެސް އަވަހަކަށް އެ މުދާ ކްލިއާކޮށްދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޔަގީންކަން މި ދެނީ އަޅުގަނޑުމެންނާއި އެމްޕީއެލްއާ މިކުރެވޭ މަސަައްކަތްތަކުގެ ތެރެއިން ހާއްސަކޮށް ކްލިއާކުރަން ޖެހޭ މުދާތައް ކްލިއާ ކުރެވިގެން މާލޭގައި މިހިރަ ފިހާރަތަކާ ކަންމަތީ ފިހަރަތަކަށާއި އެހެން، ޑިޕާޓްމަންޓް ސްޓޯރުތަކަށާއި އެ ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މި ލޮކްޑައުން ދުވަސްވަރުގެ ތެރޭގައި މަސައްކަތް މިކުރަނީ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް ވަރަށް ކާމިޔާބުކަމާ އެކީގައި ކޮށްދޭނަން،" ޝަރީފް ވިދާޅުވިއެވެ.

މާދަމާ ހެނދުނު 8:30އިން ފެށިގެން ހަވީރު 16:30އަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއާޕޯޓުގައި ހެނދުނު 9:00އިން 16:30އަށް މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މާދަމާ މުދާ ދޫކުރާ އިރު އިސްކަން ދޭނީ ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތަކަށް ކަމަށެެވެ. އަދި މަސައްކަތް ކުރިއަށްދާނީ އެ ނޫންވެސް މުހިންމު ބާވަތްތަކަށް އިސްކަންދޭ އުސޫލަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ މިހާރު މި ލޮކްޑައުން ހާލަތުގައި އަޅުގަނޑުމެންނަށް އާންމު ހާލަތެއްގައި ދޫކުރާ އުސޫލުން އެ ވަގުތުތަކުގައި އެއްކޮށް އަޅުގަނޑުމެންނަށް މުދާ ދޫކުރުމުގެ ކަންތައް ކުރިއަކަށް ނުގެންދެވޭނެ. އެހެންވީމަ އަޅުގަނޑު މި ދަންނަވާހެން ކާބޯތަކެއްޗާއި ބޭހުުގެ ބާވަތްތަކާއި އެ ނޫންވެސް ޒަރޫރީ ބާވަތްތަކަށް އިސްކަންދީގެން ކްލިއަރެންސް ދޭ އުސޫލަކުން އަޅުގަނޑުމެން ކުރިއަށްދާނީ،" ޝާހިދު އަލީ ވިދާޅުވިއެވެ.

މުދާ އެތެރެ ކުރާ ފަރާތްތަކާ އެކު ގާތުން މަސައްކަތްކޮށް، ކްލިއާ ކުރަން ހުރި ބާވަތްތައް އޮޅުން ފިލުވައިގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދުވެސް ވިދާޅުވީ، މިހާރުވެސް ރާއްޖެއަށް މުދަލާއެކު ބޯޓެއް އަންނަމުންދާ ކަމަށެވެ. އަދި އެ ތަކެތި ވީހާވެސް އަވަހަށް ކަންކަމަތީ ފިހާރަތަށާއި ތަންތަނަށް ފޯރުކޮށްދެވޭނެހެން ކަންކަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުދާ އެބަ އާދޭ ފުދޭވަރަކަށް، ސަޕްލައި ޗެއިންގެ ތެރެއިން. މިހާރުވެސް މި ދެންނެވިކަން ދެ ކޮންޓެއިނަރު ބޯޓު އެބަ އޮތް. އަދި އެއް ބޯޓު 24ގައި އެބަ ވަދޭ. ބަންގްލަދޭޝްގެ އެހީގެ ބޯޓެއް އެބަ ވަދޭގައި. ޕެރިޝަބަލްސްގެ ކާގޯގެ ދެ ބޯޓެއް ފުރާފައިވޭ އެކަތި މިހާރު ވަނީ ވަދެފައި،" ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭ ޔަގީންކަމަކީ އެކަށީގެންވާ ވަރަކަށް އެބަ އަންނަކަން ކާގޯ. އަޅުގަނޑުމެންގެ މަސައްކަތަކަށް މި ވަނީ އެ ތަކެތި ވީހާވެސް އަވަހަށް ފޯރުކޮށްދިނުން،" ޝާހިދު ވިދާޅުވިއެވެ.

އާންމު ހާލަތުގައި މުދާ ދޫކުރާ އުސޫލުން ދޫނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބަނދަރުގައި ނުނެރެވި ލަސްވާ މުދަލަށް އަރާ ޑެމަރޭޖު ދައްކަން ނުޖޭހެނެކަން ފާހަގަކޮށް އޭނާ އެދިވަޑައިގަތީ އެކަމާ ހެދި އަވަސް އަރުވާލައިގެން ނުނެރެވި ހުރި މުދާ ނެރުމަށް މަސައްކަތް ނުކުރުމަށެވެ. ލޮކްޑައުން ނިމުމުންވެސް ކޮންމެހެން މުހިންމު ނޫން މުދާ ނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް