ކާށިދޫ މޮނިޓަރިންގް އިން ނަގައިފި

ކ. ކާށިދޫ --- ފޮޓޯ: ސަން

ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި މީހަކު ހުރުމުގެ ސަބަބުން، މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ކ. ކާށިދޫ އާންމު ހާލަތަކަށް ގެނެސްފި އެވެ.

ކާށިދޫ މޮނިޓަރިންގް އަށް ގެންދިޔައީ ވެރިރަށް މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި މީހަކު އެ ރަށުގައި ހުރުމުން، ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ.

އެސްޓީއޯގައި މަސައްކަތް ކުރާ އެ މީހާ ކާށިދޫއަށް ގޮސްފައި ވަނީ މިދިޔަ ހޮނިހުރު ދުވަހު އެވެ. އެސްޓީއޯގެ އިސްވެރިންނާއި އެކު ކުރި އެ ދަތުރަކީ އެ ރަށުގެ ދަނޑުބިންތަކާއި ބެލުމަށާއި ދަނޑުވެރިންނަށް ހުރި ދަތިތައް ބެލުމަށް ކުރި ދަތުރެކެވެ. އެ ޓީމް އެ ރަށުގައި ރޭ ކޮށްފައި ނުވި ނަމަވެސް ގެސްޓު ހައުސެއްގައި ވަނީ މަޑު ކޮށްފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ކާށިދޫ އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންކަން އަދި ވެސް ބަލަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޭޝަންޓް 21 އަކީ މ. ޖަރީމާގޭގައި ދިރިއުޅެމުން ދިޔަ އަންހެނެކެވެ. އޭނާއަށް ބަލި ޖެހުނުކަން ކަށަވަރުވީ އަންގާރަ ދުވަހު އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ.

ތިންވަނަ މީހަކު ޕޮޒިޓިވްކަން އެޗްޕީއޭއިން ހާމަކޮށްފައި ވަނީ އިއްޔެއެވެ. އެއީ، ޕޭޝަންޓް 23 އެވެ. ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި މިިދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަސް މީހަކު ބައްޔަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ.

މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަކުރެވިފައެވެ.

comment ކޮމެންޓް