ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއާޕޯޓު މީހެއް ހިމެނޭ

ކޮވިޑް19 އާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފަޅަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް ވި ދިވެހީންގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މީހެއް ހިމެނޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއާޕޯޓު މީހެއް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ވައިރަސް އަށް މިހާތަނަށް މާލެއިން އެކަނިވެސް އަށް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ ބުނެފައެވެ.

އެ ވައިރަސް ޖެހުނު މީހުންގެ ފަރާތުން ކޮންޓެކްޓްރ ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރަމުން ދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ، ޕޭޝަންޓް 21 އަކީ މ. ޖަރީމާގޭގައި ދިރިއުޅެމުންދިޔަ އަންހެނެކެވެ. އޭނާއަށް ބަލި ޖެހުނުކަން ކަށަވަރުވީ އަންގާރަ ދުވަހު އެވެ. ދެވަނައަށް ޕޮޒިޓިވްވީ، ޕޭޝަންޓް 22 އަކީ އޭނާގެ އެއް އަހަރުގެ ދަރިފުޅެވެ.

ތިންވަނަ މީހަކު ޕޮޒިޓިވްކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ އިއްޔެއެވެ. އެއީ، ޕޭޝަންޓް 23 އެވެ. ރޭ ދަންވަރު ޕޮޒިޓިވް ދެ މީހުންނަކީ ޕޭޝަންޓް 23 އާ ސީދާ ބައްދަލުވި ދެ ދިވެހިން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި މިިދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަސް މީހަކު ބައްޔަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފައެވެ.

ނަމަވެސް ވައިރަސް ޖެހުނު މީހުންގެ ހާލު ރަނގަޅު ކަމަށް ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް