ޑްރަގް މައްސަލައެއްގެ ބަދަލުހިފަން ސައިކަލެއްގައި ރޯކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ބަދަލުހިފުމަށް ސައިކަލެއްގައި ރޯކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު މާލެ އިން ފުރައިގެން ކ. ދިއްފުށްޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި މަސްތުވާތަކެތި ގެންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ލޯންޗުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ލޯންޗު ހުއްޓުވީ ކަނޑުމަތިން ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކޮށްފައި ވަނިކޮށް، މިއަދު އެ ލޯންޗު ދުއްވި ކައްޕިގެ ސައިކަލުގައި ވަނީ ރޯކޮށްލައިފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، ބޮޑަށް ބެލެވެނީ ކައްޕިގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް