ޖަރުމަނުގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިއްޖެ: ސިއްޙަތާބެހޭ ވަޒީރު

ޖަރުމަނުގެ ސިއްޙަތާބެހޭ ވަޒީރު ޔެންސް ޝްޕަން

ބާލިން (17 އެޕްރީލް 2020) : ޖަރުމަނުގައި ކޮރޯނާ ވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެގައުމުގެ ސިއްޙަތާ ބެހޭ ވަޒީރު ޔެންސް ޝްޕަން ވިދާޅުވެއްޖެ އެވެ.

ބާލިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝްޕަން ވިދާޅުވީ ޖަރުމަނުގައި ކޮވިޑް-19 އަލަށް ޖެހޭ މީހުންގެ އަދަދު ވަރަށްބޮޑަށް މަދުވެ ސްޓޭބަލް ޙާލަތަކަށް ގޮސްފައިވާ ކަމުގަ އެވެ. ނަމަވެސް ކޮންޓްރޯލް ވުމަށް ފަހު އެރޯގާގެ ދެވަނަ ރާޅެއް ނަގައިފާނެކަމުގެ ބިރު އޮތުމުން މިހާރު އަޅާފައިވާ ފުރަބަންދުކުރުމާއި އިގްތިސާދީ ހަރަކާތްތައް ހުއްޓާލުމުގެ ފިޔަވަޅުތަކަށް ލުއިދޭނީ އެކަމަށް ރިޢާޔަތްކޮށްގެން މަޑުމަޑުން ކަމަށް ޝްޕަން ވިދާޅުވި އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ އިދާރާ ކަމަށްވާ ޖާމަން ފެޑްރަލް ޑިޒީސް ސަވާއިލެންސް އެޖެންސީ އަށް ނިސްބަތްވާ ރޮބަޓް ކޯޚް އިންސްޓިޓިއުޓުގެ ޑޭޓާތައް ބުނާގޮތުން ޖަރުމަނުގައި ކޮވިޑް-19 އަލަށް ޖެހޭ މީހުންގެ އަދަދު ވަނީ ކުރިން ދުވާލަކު އެވުރެޖުކޮށް ޖެހޭ އަދަދު 3،0000 އިން 700 އަށް ދަށްވެފަ އެވެ. އަދި މަރުވެސް އެވްރެޖްކޮށް 45 އިން 25 އަށް ދަށަށް ގޮސްފައިވާ ކަމުގަ އެވެ. ޖަރުމަނުގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 138،000 އަށް އަރާފައިވާ އިރު މަރުވި މީހުންގެ އަދަދު އުޅެނީ 4098 ގަ އެވެ.

ޖަރުމަނަށް މި ކާމިޔާބު ލިބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ރައްޔިތުން ބޯލެނބުމުގެ ނަތީޖާ އެއްގެ ގޮތުން ކަމަށް ޝްޕަން ވިދާޅުވި އެވެ. ޖަރުމަނަކީ ކޮވިޑް-19 ވަރަށް ބާރަށް ފެތުރިގެންދިޔަ ގައުމެކެވެ. ބާރަށް ފެތުރިގެން ދިޔުމާ އެކު އެގައުމުން ވަނީ ދަތުރުފަތުރު އެއްކޮށް ހުއްޓާލައި ޕްރޮވިންސްތަކާއި ސަރަހައްދުތަކާއި ސިޓީތަކާއި ވިލެޖްތައް ފުރަބަންދުކުރުމާއި ކާފިއުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށައިފަ އެވެ.

މިފިޔަވަޅުތައް ރަނގަނޅަށް ތަންފީޒުކުރެވުމާ އެކު ކޮވިޑް-19 އަށް ރައްޔިތުން ޓެސްޓް ކުރުމަށް ޖަރުމަނުން ހިންގި ކާމިޔާބު އޮޕަރޭޝަނަކީ ވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ކަމެއްކަމަށް ޖަރުމަނުގެ ސިއްޙަތާބެހޭ ވަޒީރު ވިދާޅުވި އެވެ.

ޖަރުމަނުގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރެވުމާ ގުޅިގެން އެގައުމުންވަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމަށް ތައްޔާރުވަމުންނެވެ. ކޮވިޑް-19 ދުނިޔޭގައި ބާރަށް ފެތުރެމުންދާއިރު އެ ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ އެމެރިކާގަ އެވެ. އެއަށް ފަހު ޔޫރަޕްގެ ގައުމުތަކުގަ އެވެ.

މީގެއިތުރުން އީރާން، ތުރުކީ އަދި ގަލްފުގެ ބައެއް ގައުމުތަކުގައި ވެސް އެ ވައިރަސްދަނީ ފެތުރެމުންނެވެ. ނަމަވެސް ރެކޯޑް އަދަދަކަށް ފެތުރެމުންދަނީ އެމެރިކާގަ އެވެ. އަދި އެރޯގާގައި މަރުވާ މީހުން ވެސް ރެކޯޑް އަދަދަކަށް އެންމެ ގިނައީ އެމެރިކާގަ އެވެ.

އެމެރިކާގައި ކޮވިޑް-19ގައި 34،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ބުރާސްފަތި ދުވަހު އެމެރިކާގައި ވަނީ ފަސްހާހާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފަ އެވެ. މިއީ އެމެރިކާގައި ވެސް ރެކޯޑު އަދަދަކަށް އެރޯގާގައި މީހުން މަރުވި ދުވަހެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް