މަސް ދޯނިފަހަރު މަހަށް ފުރަން ހުއްދަ ދީފި

ދިވެހި މަސްވެރިިން މަސް ބޭނުމުގައި

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މަސް ދޯނި ފަހަރު މަހަށް ފުރަން ހުއްދަ ދީފައިވީ ނަމަވެސް، މި ހާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ފައިބައިގެން ނުވާނެ ކަމަށެވެ.

އަދި މަސް ދަތުރު ނިންމުމަށްފަހު އެ އުޅަނދެއް ނިސްބަތްވާ ރަށަށް ދަތުރުކުރުން ލާޒިމުވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ‏މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ކަމާގުޅޭ ފަރާތްތަކުން އިތުރު ތަފްސީލު ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ވަކި އެއްޗެއް އަންގަން ދެން ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަަށުން އަނެއް ރަށަށް ދަތުރުކުން މަނާވާނެއެވެ.

މި މުއްދަތުގައި ރަށްރަށަށް ބޭނުންވާ މުދަލާއި އެހެނިހެން ވެސް ޒަރޫރީ ކަންކަން އެ ރަށެއްގެ ކައުންސިލުން ރާވާ ގޮތެއްގެ މަތިން ހަމަޖެއްސުމަށް އެޗްޕީއޭއިން ވަނީ އަންގައިފަައެވެ.

މީގެ އިތުރުން އާންމު ތަންތަނަށް މީހުން އެއްވުމާއި އެއްވެސް ޒާތެއްގެ އެއްވުމެއް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެގޮތުން، ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި މާހެފުމާއި ދަތުރު ދިޔުމާއި މޫދަށް ދިއުމާއި، ކުޅިވަރު ކުޅުމާއި އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުންވެސް ހުއްޓާލަން ވަނީ އަންގައިފައެވެ.

comment ކޮމެންޓް