ޒަރޫރީ މުދާތައް ނެރުމުގެ މަސައްކަތް މާދަމާ ފެށޭނެ: އެމްޕީއެލް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ޕޯޓުގައި ނުނެރެވި ތާށިވެފައި ހުރި މުދަލުގެ ތެރެއިން މުހިންމު ޒަރޫރީ މުދާތައް ނެރުމުގެ މަސައްކަތް މާދަމާ ފަށައިގަނެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ޕޯޓުގެ ހުރިހާ އޮަޕަރޭޝަންތަކެއް މިވަގުތު ހުއްޓިފައިވާ ކަަމަށެވެ.

"އެހެން ނަމަވެސް މިހާރު ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް، ޕޯޓުގައި ހުރި މުހިންމު މުދާތައް ބޭރުކޮށް ލިބެންވާ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މާދަމާ އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ގިނަ އަދަދެއްގެ މުދާ މިހާރުވެސް ބަނދަރުގައި އެބަހުރި ކަމަށާއި، އޭގެ ތެރޭގައި މެޑިކަލް ސަޕްލައިސް އާއި ކާބީތަކެއްޗާއި އާންމު ސާފުތާހިރުކަމަށް ބޭނުންކުރާ ސާމާނު ހިމެނޭ ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހަށް މާ ކުރިންސުރެ އޯޑަރު ކޮށްފައިވާ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުތައް ވެސް ހިމެނޭ ކަމަށެވެ.

މުދާ އެތެރެކުރާ ފަރާތްތަކާ ވިޔަފާރިވެރިންނާއި ސަރުކާރުގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުން، މި ދުވަސްކޮޅު އަންނާނީ ވަރަށް މުހިންމު ޝިޕްމަންޓްތައް ކަމަށް އެނގިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ހަމައެއާއެކު ޕެރިޝަބަލް މުދާ ހިފައިގެން އިންޑިއާގެ ސޫތުކުޅިން ވެސް ބޯޓެއް ފުރަން ތައްޔާރުވެފައިވާ ކަމަށާއި، މިހާރު ގިނަ އަދަދެއްގެ މުދާ އައިސްފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަަ އަދަދެއްގެ މުދާ ރާއްޖެ އަންނާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މި އޮތް ރެސްޓްރިކްޝަންގެ ތެރެއިން މި ހާއްސަ ހާލަތުގައި އެޗްޕީއޭގެ އިރުޝާދާއެކު ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން ތިބެ މި އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތަކަށް މި މަސައްކަތް ކުރަނީ... ލަފާކުރަނީ މާދަމާއިން ފެށިގެން ކޮންމެސް ވަރަކަށް މަސައްކަތް ފަށައިގަނެވޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި އޮޕަރޭޝަންތައް ފަށައިގެން ކުރިއަށް ގެންދަން ރާވާފައި ވަނީ ދުވާލު ގަޑީގެ ގިނަ ވަގުތުތަކުގައި މަސައްކަތް ކޮށްގެން ވީހާވެސް ގިނަ އަދަދެއްގެ މުދާ ނެރެވޭނެ ގޮތަށް ކަމަށެވެ.

އެހެން ނަމަވެސް އޮޕަރޭޝަންގެ ވަގުތު އިތުރުކޮށް ރޭގަނޑު މަސައްކަތް ކުރަންޖެހިއްޖެ ނަމަ އެ ހާލަތަށް ވެސް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޝާހިދު އަދި ވިދާޅުވީ ބަނދަރުގެ އޮޕަރޭޝަންތައް ހުއްޓިފައި އޮތް ނަމަވެސް، ކޮންމެހެން ނެރެންޖެހޭ، ހަލާކުވާ ބާވަތުގެ މުދާތައް ނެރެ އިއްޔެ ގުދަންތައް ކްލިއާ ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތައް، އިމްޕޯޓަރުންގެ އަތުން ނަގާ ބައެއް ފީތައް ކުޑަކޮށް، އެހެން ވެސް ފީތައް އެމްޕީއެލް އިން ވަނީ ނުނަގަން ނިންމައިފަ އެވެ.

އެގޮތުން މުދާ ކުލިއާ ނުކުރެވިގެން އަރާ ޖޫރިމަނާ، ޑެމަރޭޖް ފީ މާލެ-ހުޅުމާލެ ޕޯޓުން 20 ޕަސެންޓް ކުޑަކުރުމަށާއި ކުޅުދުއްފުށި، ހިތަދޫ ޕޯޓުން ނަގާ ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން އެމްޕީއެލްގެ ވެއާހައުސްގައި ހިލޭ މުދާ ބެހެއްޓޭނެ މުއްދަތު ދެ ދުވަހަށް އިތުރުކޮށް، އެއާޕޯޓް ބޮންޑެޑް ވެއާހައުސްގެ ކުލި 50 ޕަސެންޓް ކުޑަކުރަން ވެސް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް