ކޮންޓެކްޓުވި މީހުން ހީކުރި ވަރަށް ވުރެ ގިނަ: ޑރ. އަފްޒަލް

މާޗް 31، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. އިބްރާހިމް އަފްޒަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމުންގެ ތެރެއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެންނަ ހާލަތުގައި ކޮންޓެކްޓު ވާނެ ކަމަށް ލަފާ ކުރެވުނު މީހުންގެ އަދަދަށް ވުރެ ގިނައިން އިއްޔެ މާލެއިން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

އިއްޔެ މާލެއިން ފުރަތަމަ ފަހަރަށް ވަނީ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައެވެ. އޭނާ އަކީ ޓްރެވަލް ހިސްޓަރީއެއް ނެތް ދިވެހި އަންހެނެކެވެ. އަދި އޭނާއާ ކޮންޓެކްޓުވި އޭނާގެ ކުޑަ ދަރިފުޅާ އެހެން މީހަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަންހެން މީހާއާ ކުޑަކުއްޖާގެ ކޮންޓެކްޓްސްގެ ގޮތުގައި 207 މީހުން ކަމާ ބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެެވެ. އޭގެ ތެރޭގައި ހައި ރިސްކު 75 ކޮންޓެކްޓު ހިމެނެއެވެ.

މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އާންމުންގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ފެންނަ ހާލަތުގައި ކޮންޓެކްޓު ވާނެ ކަމަށް ލަފާ ކުރެވުނު މީހުންގެ އަދަދަށް ވުރެ ގިނައިން އެ އަންހެން މީހާގެ ފަރާތުން ކޮންޓެކްޓުވި މީހުން ފެނިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންްގެ ސިނާރިއޯތަކަށް ބަލާއިރު، ކޭސްއެއް ފެނުނީމަ އަޅުގަނޑުމެން ހީކުރި އަދަދަށްވުރެވެސް މާ ގިނަކޮށް މި ފެންނަނީ ކޮންޓެކްޓްސްތައް. މީގެ ސަބަބަކީ އާންމުންގެ ތެރޭގައި އެހާވަރަށް އެއްވުންތަކާއި، މަބްރޫކު ވިދާޅުވި ގޮތަށް ބުރު ޖަހަން ދިޔުމާއި، ދަތުރުތަކަށް ދިޔުމާއި، ކޮންމެހެން ކުރަން ނުޖެހޭ ޝޮޕިން ޓްރިޕްސްތައް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެކަމުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯނުލަނބާކަން އެކަމުން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރުޝާދުތަކަށް ބޯނުލަނބާކަން އަޅުގަނޑުމެންނަށް މީގެން މި އެނގެނީ. އަޅުގަނޑުމެން އެހާވަރަށް މި ކިޔަމުން ގެންދަނީ މީހުން ތެރޭގައި އެއްވެގެން ނޫޅޭށޭ. ގެދަރިންސްތައް ނުބާއްވާށޭ. ގައިދުރުކަން އިހްތިޔާރު ކުރައްވާށޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކަކީ އެއާ ހިލާފު މަންޒަރުތަކެއް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އިއްޔެ މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޭސްއިން މިސާލު ނަންގަވަމުން ޑރ. އަފްޒަލް ވިދާޅުވީ، އެ ކޭސްއަށް ބެލި ނަމަވެސް، ޕޮޒިޓިވްވި މީހާ ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 34 މީހުންނާ ބައްދަލުވެފައިވާނެ ކަމަށެވެ.

މި ދުވަސްވަރު ޖެހޭނީ ޒަރޫރީ ހާލަތެއް މެދުވެރިވެގެން ނޫނީ ފިހާރައަކަށްވެސް ނުގޮސް ތިބެން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ލޮކްޑައުން ހުއްޓާލިއަސް ވަރަށް ބޮޑަށް ދިރިއުޅުުމުގެ ވައްޓަފާޅި ބަދަލުކޮށްގެން ނޫނީ ބަލި ކޮންޓްރޯލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"މި ފުރުސަތަކީ އާންމުންގެ ކިބައިން އެހީތެރިކަމެއް މުޅި ގައުމަށް ބޭނުންވާ ވަގުތެއް. މި ވަގުތުގައި އަޅުގަނޑުމެން ދޭ އިރުޝާދުތައް އެގޮތަށް ކުރާ ކަމުގައި ވަންޏާ އަޅުގަނޑުމެންނަށް މިކަން ކޮންޓްރޯލު ކުރެވޭނީ. އެހެންނޫންނަމަ އަޅުގަނޑުމެން ހީނުކުރާހާ ވަރަށްވެސް މިކަންތައް ފެތުރިގެން ހިނގައިދާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާލެއިން ޕޮޒިޓިވް މީހަކު ފެނުމުން މިހާރު މުޅި މާލެ ވަނީ ލޮކްޑްއުންގެ ހާލަތަށް ގެނެސްފައެވެ. މީހުންނަށް ބޭރަށް ނުކުމެވެނީ ޒަރޫރީ ހާލަތްތަކުގައި ފުލުހުންގެ ހުއްދަ ހޯދައިގެންނެވެ. އެކަމަކު، ބައެއް މީހުން އަދިވެސް މަގުމައްޗަށް ނުކުމެ އުޅުއެވެ.

comment ކޮމެންޓް