ކާށިދޫގެ ލޮކްޑައުން: އާންމު ހާލަތު ރަނގަޅު!

ކ. ކާށިދޫ: އެ ރަށަށް މީހުން އަރާ ފޭބުން ވަނީ މަނާ ކޮށްފައި --- ފޮޓޯ: ސަން

ވެރިރަށް މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވިއިރު އޭނާއާ ޑައިރެކްޓް ކޮންޓްކެޓްވި މީހަކު ކ. ކާށިދޫއަށް ގޮސްފައިވާތީ އެ ރަށް ލޮކްޑައުން ކޮށްފައި އޮންނަތާ އެއް ދުވަސް މި ވަނީ ވެފަ އެވެ.

ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކާށިދޫ ކަރަންޓީނަށް ގެނައިސްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެގޮތުން، އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެ ރަށުން މީހުން ފޭބުމާއި ހުއްދައަކާ ނުލައި އެ ރަށަށް އެރުމަކީ ވެސް މަނާ ކަމެކެވެ.

އެސްޓީއޯގައި މަސައްކަތް ކުރާ އެ މީހާ ކާށިދޫއަށް ގޮސްފައިވަނީ މިދިޔަ ހޮނިހުރު ދުވަހު އެވެ. އެސްޓީއޯގެ އިސްވެރިންނާއި އެކު ކުރި އެ ދަތުރަކީ އެ ރަށުގެ ދަނޑުބިންތަކާއި ބެލުމަށާއި ދަނޑުވެރިންނަށް ހުރި ދަތިތައް ބެލުމަށް ކުރި ދަތުރެކެވެ. އެ ޓީމް އެ ރަށުގައި ރޭ ކޮށްފައި ނުވި ނަމަވެސް ގެސްޓު ހައުސެއްގައި ވަނީ މަޑު ކޮށްފަ އެވެ. އަދި އެ ރަށުން ދިމާވި ބައެއް މީހުން މި ވަގަތު ތިބީ ގެ ތަކުގައި ބައިތިއްބާފަ އެވެ. އޭގެ ތެރޭގައި އެ ރަށު ކައުންސިލް ރައީސް އަލީ ސުލްތާން ވެސް ހިމެނެ އެވެ.

ގޭގައި ހުންނަވައި ފޯނުން 'ސަން' އަށް ދެއްވި އިންޓްވައި އެއްގައި ސުލްތާން ވިދާޅުވީ، ރައްޔިތުންގެ ހިތްތަކުގައި ކޮންމެވެސް ވަރަކަށް ނުތަނަވަސް ކަމެއް ހުރި ނަމަވެސް ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށެވެ.

"ޖުމްލަކޮށް އާންމު ހާލަތު ގޯހެއް ނޫން. ރަނގަޅޭ އަޅުގަނޑައް ދެންނެވޭނީ. ހުންނާނާތާ ކޮންމެ ވެސް ވަރަކަށް ކަންބޮޑުވުން،" ސުލްތާން ވިދާޅުވި އެވެ.

ކ. ކާށިދޫ: އެ ރަށް ލޮކްޑައުން ކޮށްފައި އޮތުމުން މީހުން މަގުމައްޗަށް ވަރަށް ނުނިކުމެ --- ފޮޓޯ: ސަން

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މީގެ ކުރިން ވެސް އެ ރަށުގެ ރައްޔިތުން މާ ގިނައިން ބޭރުތެރެއަށް ނުކުމެ ނޫޅޭކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިހާރު އެ ރަށް ބަންދުކޮށްފައި އޮތުމުން މަގުތަކަށް މީހުން ނިކުތުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ކާށިދޫ އަކީ މާލެއާ ކައިރި ރަށަކަށް ވުމުން ކޮންމެ ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް ވިޔަފާރިވެރިން އެ ރަށަށް މުދާ ގެންނަ ކަން ކައުންސިލުން ފާހަގަކުރި އެވެ. އަދި އެ ރަށުގެ ލޮކްޑައުން އިތުރުކޮށްފި ނަމަ ކާބޯތަކެއްޗަށް ދަތިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ދެ ފަހަރު ނޫނީ ތިން ފަހަރު އެބަ މުދާ ގެންނަން. އާންމުކޮށް ހަފްތާއަކަށްވާ ވަރަށް މި ގެންނަނީ. އެކަމު ދެން ބައެއް ކަހަލަ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ސާމާނު ހުންނާނެ ގިނައިން،" އެ ރަށުން ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

ކ. ކާށިދޫ: ބިން ބޮޑު އެ ރަށަކީ ދަނޑުވެރި ރަށެއް

ކާބޯ ތަކެއްޗަށް ދަތިވެގެން މިހާތަނަށް އަދި އެއްވެސް ޝަކުވާއެއް ކައުންސިލަށް އައިސްފައި ނުވާ ކަން ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ. އަދި ލޮކްޑައުން އިތުރުކުރާ ނަމަ ކަމާގުޅޭ އިދާރާތަކާއި މަޝްވާރަކޮށްގެން ކާބޯތަކެތި ހުސްނުވެ ރަށަށް ގެނެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

އާބާދީގައި 2500 މީހުން ދިރުއުޅޭ ކާށިދޫ އަކީ ދަޑުވެރި ރަށެކެވެ. އެރަށުގައި ހައްދާ ތަކެތީގެ 99 އިންސައްތަ ރަށުން ބޭރުކުރާ ކަން ސުލްތާން ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް ލޮކްޑައުން ކޮށްފައި އޮތުމުން އެތަކެތި ބޭރު ކުރުން ވެސް ވަނީ ހުއްޓިފަ އެވެ.

އެނގިފައިވާ ގޮތުގައި ކާށިދޫ އިން ސާމްޕަލް ނެގި މީހާގެ ފުރަތަމަ ނަތީޖާ ނެގެޓިވް އެވެ. ކަށަވަރު ކުރުމަށްޓަކައި އަދި އިތުރު ސާމްޕަލެއް ނަގައި ޓެސްޓް ކުރާނެ އެވެ.

comment ކޮމެންޓް