ރާއްޖޭގެ އިގްތިސާދަށް އަންނަ އަހަރު ބޮޑު ކުރިއެރުމެއް ލިބޭނެ: އައިއެމްއެފް

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ރާއްޖޭގެ އިިގުތިސާދު ދަށަށް ދިޔަ ނަމަވެސް އަންނަ އަހަރު ގައުމުގެ އިގުތިސާދު ކުރި އަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

އައިއެމްއެފްއިން ނެރުުނު ވޯލްޑް އިކޮނޮމިކް އައުޓްލުކްގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން، މައިނަސް، 8.1 ޕަސެންޓަށް ވެއްޓޭނެ އެވެ. ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 13.2 ޕަސެންޓަށް ކުރިއަރާނެ އެވެ.

މީގެ ކުރިން ވޯލްޑް ބޭންކުން އެކުލަވާލި "ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް: ސްޕްރިންގް 2020" ރިޕޯޓްގައިވާ ގޮތުން ކޮރޯނާވައިރަހުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުން އިގުތިސާދަށް އެންމެ ބޮޑަށް ގެއްލުންވާނީ ރާއްޖެއަށެވެ. އަދި މިއަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 13- އާއި 8- ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވެއްޓޭނެ އެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ކޮރޯނާވައިރަހުގެ ސަބަބުން މިއަހަރު އޭޝިއާގެ އިގުތިސާދީ ކުރިއެރުން ހުއްޓުމަކަށް އަންނާނެ އެވެ. އަދި އެއީ ފާއިތުވި 60 އަހަރު ތެރޭ އޭޝިއާގެ އިގުތިސާދީ ކުރިއެރުން ހުއްޓުމަކަށް އަންނަ ފުރަތަމަ ފަހަރަށް ވާނެ އެވެ. އެގޮތުން 1997ގެ އޭޝިއާގެ އިގުތިސާދީ ކާރިސާ އާއި 2008 ވަނަ އަހަރުގެ ދުނިޔޭގެ އިގުތިސާދީ ކާރިސާ ތެރޭގައިވެސް އޭޝިއާގެ އިގުތިސާދީ ކުރިއެރުން ސުމަކަށް ނުވެއްޓޭކަން އެ ޖަމްއިއްޔާއިން ފާހަގަ ކުރި އެވެ.

"މިއީ ދުނިޔޭގެ އިގުތިސާދަށް ދެން ވާނެ ގޮތެއް ޔަގީން ނުވެ، ގޮންޖެހުންތައް ބޮޑު ދުވަސްވަރެއް. އޭޝިއާ-ޕެސިފިކް ސަރަހައްދުވެސް އޮތީ އެހާލަތުގައި. ކޮރޯނާވައިރަހުގެ ސަބަބުން އެސަރަހައްދަށް ކުރާނީ މީގެ ކުރިން ނުފެންނަ ފަދަ ސީރިއަސް އަސަރެއް،" އައިއެމްއެފްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމެންޓުގެ ޑިރެކްޓާ ޗަންގްޔޮންގް ރީ ވިދާޅުވި އެވެ.

އެހެންކަމުން އައިއެމްއެފްއިން ވަނީ ކޮރޯނާވައިރަހުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ މީހުންނާއި ކުންފުނިތައް ސަރުކާރުން ފާހަގަކޮށް، އެހީ ދިނުމަށް ގޮވާލާފަ އެވެ.

އައިއެމްއެފްއިން ވަނީ މުޅި އޭޝިއާގެ އިގުތިސާދީ ކުރިއެރުން މިއަހަރު ހުއްޓުނު ނަމަވެސް އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގުތިސާދު މިއަހަރު އެވަރެޖުކޮށް އެއް ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފަ އެވެ. އޭގެ ތެރެއިން ވިއެޓްނާމް 2.7 ޕަސެންޓަށް، ފިލިޕީންސް 0.6 ޕަސެންޓަށް އަދި އިންޑޮނޭޝިއާ 0.5 ޕަސެންޓަށް ކުރިއަރާނެ އެވެ. އެއާ ހިލާފަށް ތައިލޭންޑުގެ އިގުތިސާދު -6.7 ޕަސެންޓަށް، މެލޭޝިއާ -1.7 ޕަސެންޓަށް އަދި ލަންކާގެ އިގުތިސާދު -0.5 ޕަސެންޓަށް ވެއްޓޭނެ އެވެ. ނަމަވެސް އެ ހުރިހާ ގައުމެއްގެ އިގުތިސާދުވެސް އަންނަ އަހަރު ކުރިއަރާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އޭޝިއާގެ އެންމެ ކުރިއަރާފައިވާ އިގުތިސާދުތަކުގެ ތެރެއިން ޗައިނާގެ އިގުތިސާދު މިއަހަރު 1.2 ޕަސެންޓަށް އަދި އިންޑިއާގެ އިގުތިސާދު 1.9 ޕަސެންޓަށް ކުރިއަރާނެ އެވެ. އެއާ އަޅާ ބަލާ އިރު މިދިޔަ އަހަރު ޗައިނާގެ އިގުތިސާދު 6.1 ޕަސެންޓަށް އަދި އިންޑިއާގެ އިގުތިސާދު 4.2 ޕަސެންޓަށް ކުރި އެރި އެވެ.

އައިއެމްއެފްއިން ލަފާ ކުރާ ގޮތުގައި މިއަހަރު ދުނިޔޭގެ އިގުތިސާދު -3 ޕަސެންޓަށް ދަށްވާނެ އެވެ. އެގޮތުން ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތައް ކަމަށްވާ އެމެރިކާ، އިޓަލީ އަދި ސްޕެއިންގެ އިގުތިސާދު މިއަހަރު ކުރި އަރާނީ -5.9 ޕަސެންޓަށާއި -9.1 ޕަސެންޓަށާއި -8 ޕަސެންޓަށެވެ. ނަމަވެސް އަންނަ އަހަރު ދުނިޔޭގެ އިގުތިސާދު 5.8 ޕަސެންޓަށް ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ލަފާ ކުރި އެވެ.

comment ކޮމެންޓް