އެޕަލްގެ 400 ޑޮލަރުގެ އައިފޯން ދައްކާލައިފި

އެޕަލްގެ އެންޓްރީ ލެވެލް ފޯނު އައިފޯން އެސްއީ 2 ---- ފޮޓޯ : އެޕަލް

ބަޖެޓު ފޯނުތަކުގެ މާކެޓަށް ވަނުމުގެ ގޮތުން އެޕަލް ކުންފުނިން ތައްޔާރުކުރި 399 ޑޮލަރުގެ އެންޓްރީ ލެވެލް އައިފޯން "އެސްއީ" ރޭގައި ދައްކާލައިފި އެވެ.

ހާއްސަ ޓީޒާއަކާއެކު އެޕަލް އިން ރޭގައި އާންމުކުރި އެޕަލް އައިފޯން އެސްއީ އަކީ މިހާރު އައިފޯން ލައިންއަޕްގައި ހިމެނޭ އެންމެ ކުޑަ ފޯނެވެ. ސްޕެފިކެޝަނުން ފެށިގެން ސްކްރީނަށް ބަލާލި ނަމަވެސް އެ ފޯނަކީ އެންޓްރީ ލެވެލް ފޯނެކެވެ.

އައިފޯން އެސްއީ އަމާޒުކޮށްފައިވަނީ، އެޕަލް އެކޯ ސިސްޓަމް އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަގު ހެޔޮ ފޯނެއްގެ އަޖުމަ ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ކުޑަ ސްކްރީންތަކުގެ ފޯނުތަކަކީ އެޕަލް ބްރޭންޑުގެ މެދުގައި ކުރީންވެސް މަގުބޫލު ފޯނުތަކެކެވެ. ރޭގައި އިއުލާނުކުރި އެސްއީއަކީ 4.7 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ ފޯނެކެވެ.

އާ ފޯނާއެކު އެޕަލް އިން ވަނީ އެކުންފުނީގެ ކުރީގެ ހޯމް ބަޓަން ގެނެސް ޓަޗް އައިޑީ ހިމަނާފައެވެ. ނަމަވެސް އެ ހިދުމަތް ތައާރަފުކުރިއިރު، ފޭޝަލް ރެކޮގްނިޝަން ހިދުމަތް އާ ފޯނުގައި ބޭނުން ނުކުރާނެ ކަމަށް އެޕަލް އިން ބުނެއެވެ. އެޕަލް އިން ބުނީ އާ އައިފޯނުގައި އޭ13 ބަޔޯނިކް ޗިޕް ބޭނުންކުރާނެ ކަމަށެވެ.

އެ ފޯނުގައި ބޭނުންކުރާނީ އެއް ކެމެރާ ސެންސަރެވެ. އެހެންނަމަވެސް ސޮފްޓްވެއާ ބޭނުންކޮށްގެން އެ ފޯނުންވެސް ޕޯޓްރެއިޓް ފޮޓޯތައް ނެގޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

އެޕަލް އިން ބުނަނީ މި މަހުގެ 24 އިން ފެށިގެން އާ އައިފޯނު އާންމުންނަށް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން އެޕަލްގެ ފިހާރަތައް ބަންދުކޮށްފައިހުރުމުން އެ ފޯނަށް އޯޑަރު ކުރެވޭނީ އޮންލައިންކޮށް އެކަނި ކަމަށް އެޕަލް އިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް