ޔުނައިޓެޑާ އެކު ކާމިޔާބީ ހޯދަން މިހުރީ ކެތްމަދުވެފައި: ބްރޫނޯ ފަނަންޑެޒް

ޔުނައިޓެޑުގެ މިޑްފީލްޑަރު ބްރޫނޯ ފަނަންޑޭޒް --- ގެޓީ އިމޭޖެސް

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާ އެކު ކާމިޔާބީތަކެއް ހޯދުމަށް ކެތްމަދުވެފައި ހުރި ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ބްރޫނޯ ފަނޭންޑެޒް ބުނެފި އެވެ.

އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި ޕޯޗުގަލްގެ ސްޕޯޓިންގެ ލިސްބޮންއިން 46.6 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް އައިތާ ގިނަ ދުވަސްތަކެއްް ނުވަނީސް ފަނަންޑޭޒް ވަނީ އެ ކުލަބުގެ ސަޕޯޓަރުންގެ ފޭވަރިޓަކަށް ވެފަ އެވެ. ކުޅުނު ނުވަ މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާ ތިން ގޯލު ޖެހި އިރު ހަތަރު އެސިސްޓް ވެސް އޭނާ ވަނީ ކޮށްފަ އެވެ.

އެއާ އެކު އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ހޮވި މަހުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ފަނަންޑޭޒް ވަނީ ހޯދައިފަ އެވެ. އަދި އެ ޓީމުގެ ކުރީގެ ކުޅުންތެރިންނާއި ކޯޗުންގެ ތައުރީފާއި އުންމީދުތަކެއް ވެސް ވަނީ އޭނާގެ ކުޅުމަށް ލިބި ގިނަ ބައެއްގެ ނަޒަރު ހުއްޓިފަ އެވެ.

"އަހަރެން ބޭނުމީ ޔުނައިޓެޑާ އެކު ހޯދެން ހުރި ނަމަ ހުރި، ހުރިހާ ކާމިޔާބީއެއް ހޯދަން. ލީގު ތަށްޓާއި، ޗެމްޕިއަންސް ލީގު އަދި ދެން ހުރި ތަށިތައް ވެސް. އެއީ މި ކުލަބަށް އައުމުގެ މަގުސަދަކީ ވެސް،" ފަނަންޑޭޒް ބުންޏެވެ.

އޭނާ ބުނީ މެންޗެސްޓާ ޔުނައިޓެޑުގެ ފެންވަރާއި ދޭތެރޭ ސުވާލެއް ކުރުމުގެ ފުރުސަތު އެކަކަށް ވެސް ނޯންނާނެ ކަމަށެވެ. އަދި ޓީމަކީ ޒުވާން ޓީމެއް ކަމަށާއި، އުންމީދީ ހުނަރުތަކެއް ޓީމުގައި އެބަ ތިބި ކަމަށެވެ.

"ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރެއިން ކުލަބެއް. ހުރިހާ ކުޅުންތެރިންވެސް މިކުލަބަށް އައުމަށް ބޭނުންވޭ. ކުލަބަށް ދެން އަންނަ ކުޅުންތެރިން ވެސް ކާމިޔާބީއަށް ކަރުހިތްކައިގަންނަން ޖެހޭ. މިހާރު ތިބި ކުޅުންތެރިން ތިބީ އެ ވިސްނުމުގައި،" އޭނާ ބުންޏެވެ.

މިފަހަރުގެ ސީޒަން ފަށައިގެން ގިނަ މެޗުތަކަކުން ޔުނައިޓެޑް ބަލިވި ނަމަވެސް ފަނަންޑޭޒް ޓީމާއި ގުޅުނު ފަހުން ޓީމު ހަމައަކަށް އެޅި އެއްވެސް މެޗަކުން ބަލި ނުވެ 11 މެޗު ވަނީ ކުޅެފަ އެވެ.

comment ކޮމެންޓް