ގަތަރު އަތުން ވޯލްޑްކަޕުގެ ބިޑު އަތުލަފާނެ ކަމުގެ އިޝާރާތެއް

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ --- ގެޓީ އިމޭޖެސް

ދެހާސް ބާވީސްވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕުގެ ބިޑު ކާމިޔާބުކޮށްފައިވާ ގަތަރުގެ އަތުން ބިޑު އަތުލުމަށްފަހު އެމެރިކާއާ ހަވާލު ކުރުމަކީ ގާތް ކަމެއް ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕާއި އަންނަ ފަހަރު ގަތަރުގައި ބާއްވަން ހަމެޖެހިފައިވާ ވޯލްޑްކަޕުގެ ބިޑު ކާމިޔާބު ކުރުމުގައި ކޮރަޕްޝަނާއި، ނުފޫޒް ފޯރުވުންތަކެއް ހުރި ކަމަށް ބުނެ، އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ސީރިއަސް ތުހުމަތުތަކެއް އެގައުމުތަކާ ދެކޮޅަށް ކޮށްފަ އެވެ.

އަންނަ ފަހަރުގެ ވޯލްޑްކަޕު ބޭއްވުމަށް އެންމެ ވަރުގަދައަށް ބިޑު ކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ. އެގައުމުން މިފަހުން ކުރި ތުހުމަތުތަކުގައި ބުނެފައި ވަނީ ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ރިކާޑޯ ޓެއިޒެރާއާއި ކޮންމެބޯލްގެ ރައީސް ނިކޮލަސް ލިއޯޒް ރިޝްވަތު ހިފައި، ކޮރަޕްޝަނަށް މަގުފައިވާފަދަ އަމަލުތަކެއް ހިންގާފައިވާކަމަށެވެ.

އެމެރިކާގެ ތުހުމަތުތަކާ އެކު އަންނަ ފަހަރުގެ ވޯލްޑްކަޕުގެ ބިޑު ކާމިޔާބު ކުރި ގަތަރުގެ އަތުން އެ ބިޑު މިހާރުން މިހާރަށް އަތުލުމަށް ގޮވާލާ އަޑު ވަނީ ގަދަވާން ފަށައިފަ އެވެ. އެހެން ނަމަވެސް މުބާރާތް ފެށެން ދެ އަހަރަށް ވެފައިވާ އިރު އަލުން މުބާރާތް އެހެން ގައުމަކަށް ބަދަލުކުރާ ނަމަ މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ އެކަން ކުރަން ފަސްވެފައިވާ ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަންނަ ފަހަރުގެ ވޯލްޑްކަޕަކީ 32 ޓީމު ހިމަނައިގެން ކުޅޭނެ ފަހު ވޯލްޑް ކަޕެވެ. އެއަށްފަހު ކުޅޭ ވޯލްޑްކަޕުގެ ޖާގަ 48 ޓީމަށް އިތުރު ކުރާނެ ކަމަށް ފީފާއިން ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

"ޖާމަނީގައި ވެސް އަންނަ ފަހަރުގެ ވޯލްޑް ކަޕު ބޭއްވިދާނެ. އެކަމަކު ކުރީ ވޯލްޑްކަޕު ވެސް ޔޫރަޕުގައި ބާއްވާފައި އަންނަ ފަހަރުގެ މުބާރާތް ވެސް ޔޫރަޕުގައި އޮތުން ކަމަކު ނުދާނެ،" ބްލެޓާ ބުންޏެވެ.

އޭނާ ބުނީ، ޔޫރަޕުގައި މުބާރަތް ބޭއްވުމަކީ އެހާ އިންސާފުވެރިގޮތަކަށް ނުވާނެތީ އެމެރިކާ ނުވަތަ ޖަޕާނަށް ބިޑު ބަދަލުކުރުމުން ރަނގަޅުވާނެ ކަމަށެވެ.

"މިކަހަލަ ކަންކަން ޖެހޭނެ ތަހުގީގުކޮށް ފިޔަވަޅު އެޅެން. އަހަރެންނަށް ވެސް ބޮޑެތި ތުހުމަތުތަކެއްކޮށް ނާއިންސާފުން އަދުބު ވަނީ ދެވިފައި،" ބްލެޓާ ބުންޏެވެ.

ފީފާގެ ރައީސްކަމުގައި ބްލެޓާ ހުރި ދުވަސްވަރު ހިނގި ކޮރަޕްޝަނުގެ އަމަލުތަކެއްގައި ޝާމިލްވެފައިވާ ކަމަށް ބުނެ އޭނާ ވަނީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ހަ އަހަރުގެ ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

comment ކޮމެންޓް