ޔުވެންޓަސްގެ ދެ ކުޅުންތެރިޔަކު ކޮރޯނާއިން ރަނގަޅު ވެއްޖެ

ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ --- ފޮޓޯ// ބެން ސްޕްރެޓް

މިދިޔަ މަހުގެ ތެރޭގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮސިޓިވްވި އިޓަލީގެ ޔުވެންޓަސްގެ ދެކުޅުންތެރިން ކަމަށްވާ ޑެނިއެލް ރުގާނީއާއި ބްލެއިސް މަޓުއިޑީ އެ ބަލިން ރަނގަޅުވެފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.

ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ އަކީ އެ ކްލަބުން އެންމެ ފުރަތަމަ ކޮރޯނާއަށް ޕޮސިޓިވްވި ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ. ބަލީގެ އެއްވެސް އަލާމާތެއް ނުފެނި އެ ބައްޔަށް ރުގާނީ ޕޮސިޓިވްވިކަން އިނގުމުން ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިން ވަނީ ހޯމް އައިސޮލޭޓްކޮށްފަ އެވެ.

އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެ ޓީމުގެ ފްރާންސްގެ މިޑްފީލްޑަރު މަޓުއިޑީ ވެސް ވަނީ ބައްޔަށް ޕޮސިޓިވް ވެފަ އެވެ. އޭނާއަށް ވެސް ބަލި ޖެހިފައި ވަނީ އެއްވެސް އަލާމާތެއް ނުފެނި ހުރުމަށްފަހު އެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން އެ ޓީމުގެ ފޯވާޑް ޕައޮލޯ ޑިބާލާ ވެސް ވަނީ އެ ބައްޔަށް މިދިޔަ މަހުގެ ފަހުކޮޅު ޕޮސިޓިވްވެފަ އެވެ.

"ޔުވެންޓަސްގެ ޑުއޯ، ރުގާނީއާއި މަޓުއިޑީ ވަނީ ބަލިން އެއްކޮށް ރަނގަޅުވެ އެންމެ ފަހުން ކުރި ޓެސްޓުން ނެގެޓިވް ކަމަށް ދައްކާފައި،" ޔުވެންޓަސްގެ އޮފިޝަލް ވެބްސައިޓުގައި ރޭގެ ވަގުތެއްގައި ބުނެފައިވެ އެވެ.

މި ދެކުޅުންތެރިންނަށް މިދިޔަ މަހުގެ ކުރީކޮޅު ބަލި ޖެހުނު ނަމަވެސް އެ ދެ ކުޅުންތެރިންނަށް ވަގުތީ ގޮތުން އިޓާލިއަން ލީގު މެދުކަނޑާލާފައި އޮތުމުން އެއްވެސް މެޗެއް ގެއްލިފައެއް ނުވެ އެވެ. ނަމަވެސް އިޓަލީގައި އަދިވެސް ގިނަ އަދަދަކަށް ކޮރޯނާގެ ކޭސްތައް ފެންނަމުންދާތީ ލީގު ފެށޭނެ މާހައުލެއް ނެތް ކަމަށް ބުނެ މުއްދަތެއް ނެތް ގޮތަށް ލީގު ވަނީ ފަސްކޮށްފަ އެވެ.

އެކަމަކު ލީގު ހުއްޓާލަން ޖެހިއްޖެ ނަމަ މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ކުލަބުތަކަށް ދިމާވެދާނެ ދަރަނިވެރިކަމުން ސަލާމަތް ކުރުމަށް ލީގު ކެންސަލް ނުކުރާނެ ކަމަށް އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.

އިޓަލީގެ ލީގު މެދުކަނޑާލިއިރު މޯރީޒިއޯ ސަރީގެ ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. އެ ޓީމުން މިހާތަނަށް 26 މެޗެއް ކުޅުނުއިރު 20 މެޗަކުން ވަނީ މޮޅުވެފަ އެވެ. އަދި ތިން މެޗަކުން ބަލިވި އިރު އަނެއް ތިން މެޗުން އެއްވަރުވެގެން ޖުމުލަ 63 ޕޮއިންޓް ވަނީ ހޯދައިފަ އެވެ.

ޔުވެންޓަސްއާ ދެން އެންމެ ގާތުން ވާދަކުރާ ލާޒިއޯއަށް 62 ޕޮއިންޓް ލިބިފައިވާއިރު އޭގެ ދަށުން ތިންވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައި ވަނީ 54 ޕޮއިންޓެވެ.

comment ކޮމެންޓް