މެސީ ފުޓުބޯޅަ ހަޔާތް ނިންމާލާނީ ބާސެލޯނާގައި: ސެޓިއެން

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ތަށި އުފުލާލަނީ ----

އާޖެންޓީނާގެ ސުޕަ ސްޓާ ލިއޮނެލް މެސީގެ ފުޓުބޯޅަ ހަޔާތް ނިންމާލާނީ ބާސެލޯނާގައި ކަމަށާއި، ދަނޑު ބޭރުން ހިނގާ ކަންތައްތަކުގެ ސަބަބުން އެކަން ބަދަލު ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ޔޫރަޕްގެ ލީގުތައް މެދުކަނޑާލައި، ގައުމުތައް ލޮކްޑައުންކޮށްފައި އޮތް ނަމަވެސް ފުޓުބޯޅައިގެ ޑްރާމާތަކެއް މިފަހުން ވަނީ ހިނގާފަ އެވެ. ބައެއް ކުލަބުތަކުގެ އެތެރޭގައި މައްސަލަތަކެއް އުފެދުނު އިރު ކުޅުންތެރިންގެ ޓްރާންސްފާގެ "ޔޯލަ" ވާހަކަ ތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އަކީ، ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުގައި މެދުކެނޑުމެތް ނެތި އެއް ފެންވަރަކަށް ކުޅެމުން އައި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ވާހަކަ އެވެ.

ކުލަބުގެ އިސް މެނޭޖްމެންޓުގެ ބައެއް ސްޓާފުންނަށް ފާޑުކިޔައި މެސީ ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ އެކުލަބު ދޫކޮށް ގޮސްދާނެ ކަމަށް އެއްބަޔަކު ދެކެން ފެށި އިރު ބައެއް ކުލަބުތަކުން ވަނީ މެސީ ގަތުމުގެ ޝައުގުވެރިކަން ހުރިކަން ފާޅު ކޮށްފަ އެވެ.

އެގޮތުން ދާދި ފަހުން އިޓަލީގެ އިންޓަ މިލާނުން ވަނީ މެސީ ގެންދަން ބޭނުންވާ ކަމަށާއި އެކަމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ މޭޖާ ސޮކާ ލީގު (އެމްއެލްއެސް) ގެ އިންޓަ މައިއެމީއިން ވެސް މެސީ ގެންދާނެ ކަމުގެ އިޝާރާތްތަކެއް ވަނީ މީގެ ކުރިން ކޮށްފަ އެވެ.

ނަމަވެސް ފުޓުބޯޅަ ހަޔާތް ނިމެންދެން މެސީ ބާސެލޯނާގައި މަޑު ކުރާނެ ކަމަށާއި ކުލަބުތެރޭގައި ޖެހޭ މައްސަލަތަކުން އެކަމަށް ބަދަލެއް ނާންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސެޓިއެން ވަނީ ބުނެފަ އެވެ.

"މިކަހަލަ ކަންކަމަކީ ބޮޑެތި ކުލަބުތަކަށް އާ ކަމެއް ނޫން. ހިތާމައަކީ މީޑިއާއިން މިފަދަ ކަންކަން ހަގީގަތް އޮޅޭ ގޮތަށް ގެނެސްދިނުން،" ސެޓިއެން ބުންޏެވެ.

ސެޓިއެން ބުނީ އެފަދަ ކަންކަން އެންމެ ރަނގަޅު ގޮތަކީ ސިއްރިއްޔާތުގައި ބޭއްވުން ކަމަށެވެ.

"މިހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން މެސީގެ ވިސްނުން އެހެން ކުލަބަކާއި ދިމާއަށް ގޮސްދާނެ ކަމަކަށް ގަބޫލެއް ނުކުރަން. މެސީ ފުޓުބޯޅަ ކުޅުން ހުއްޓާލާނީ މިކުލަބުގައި،" ސެޓިއެން ބުންޏެވެ.

ސެޓިއެން މިހެން ބުނި އިރު ބާސެލޯނާގެ ބޯޑުގައި ހިމެނޭ ހަ މެމްބަރަކު ވަނީ ދާދި ފަހުން ކުއްލި ގޮތަކަށް އިސްތިއުފާ ދީފަ އެވެ. އޭގެ ތެރޭގައި ކުލަބުގެ ދެ ނައިބު ރައީސްއަކާއި ހަތަރު ޑިރެކްޓަރުން ހިމެނެ އެވެ.

comment ކޮމެންޓް