ކޮވިޑް-19 ޖެހިގެން ޖަޕާނުން އެތައް ލައްކަ ބަޔަކު މަރުވެދާނެ: ސާވޭ

ހޮކައިޑޫ ޔުނިވާސިޓީގެ ޕްރޮފެސާ ޑރ. ހިރޮޝީ ނިޝިޔޫރާ (މެދުގައި) ކޮވިޑް-19 އާ ބެހޭގޮތުން ވާހަކަ ދައްކަވަނީ

ޖެނީވާ (15 އެޕްރީލް 2020): ކޮވިޑް-19 ޖެހިގެން ޖަޕާނުން އެތައް ލައްކަ ބަޔަކު މަރުވެދާނެކަމުގެ ބިރު އެބައޮތްކަމަށް އެގައުމުން ބުނެފިއެވެ.

ޖަޕާނުގެ ސިއްހަތާބެހޭ ވުޒާރާއާ ހަވާލާދީ ކިޔުޑޯ ނޫސްއެޖެންސީ ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ޖަޕާނުން ހަތަރު ލައްކަ އެއްހާމީހުން އެރޯގާގައި މަރުވެގެންދާނެކަމަށް އެ ގައުމުގެ ސިއްހަތާބެހޭ ވުޒާރާގެ ޓީމަކުން ކުރި ސާވޭ ތަކެއްގެ އަލީގައި އެޓީމުން ލަފާކޮށްފައިވާ ކަމަށެވެ. މި އަންދާޒާގައި ކޮވިޑް-19 ޖެހިގެން ވެންޓިލޭޓަރު ބޭނުންކުރަންޖެހޭ ހާލަތަށް އެގައުމުގެ 8 ލައްކަ 50 ހާސް މީހުން ދާނެކަމާއި އޭގެތެރެއިން 4 ލައްކަ މީހުންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި އަންދާޒާ ބިނާކޮށްފައިވަނީ ޖަޕާންގެ މަޝްހޫރު ޔުނިވާސިޓީ އެއްކަމަށްވާ ހޮކައިޑޫ ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ހިރޮޝީ ނިޝިޔޫރާ އެކުލަވާލައްވާފައިވާ މޮޑެލް އަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާގެ ޚާއްސަ ޓީމުން ކުރި ސާވޭ ގެ މައްޗަށެވެ. ޖަޕާނުގައި 8 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 465 މީހުން ވަނީ މަރުވެފައެވެ.

ޖަޕާނަކީ ކޮވިޑް-19 ފެނުނުތާ ކުރީކޮޅު އެވައިރަސް ކޮންޓްރޯލް ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެކެވެ. ނަމަވެސް މިހަފްތާގައި ޖަޕާނުން އެރޯގާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވާން ވަނީ ފަށާފައެވެ. މިކަމާ ކުރިމަތިލުމަށްޓަކައި ޖަޕާނުންވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި ގިނަ ސަރަހައްދުތަކެއް މުއްދަތެއްނެތި ފުރަބަންދުކުރުންފަދަ ފިޔަވަޅުތައް ހިމެނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް