ކާށިދޫ ލޮކްޑައުންނަށް ގެންގޮސްފި

ކ. ކާށިދޫ: އެ ރަށް ވަނީ ކަރަންޓީނަށް ގެނައިސްފައި ----

ކ. ކާށިދޫ ކަރަންޓީނަށް ގެނައިސް އެ ރަށަށް އެރުމާއި ފޭބުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ، ކާށިދޫ ކަރަންޓީނަށް ގެނައިސްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެގޮތުން، އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އެ ރަށުން މީހުން ފޭބުމާއި ހުއްދައަކާ ނުލައި އެ ރަށަށް އެރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

ނަމަވެސް ކާށިދޫ ކަރަންޓީނަށް ގެނައި ސަބަބެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ކާށިދޫ ކަރަންޓީނަށް ގެނައިސްފައިވަނީ މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވި މީހާގެ ފިރިމީހާ އެ ރަށަށް ގޮސްފައިވާތީ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ، އިއްޔެ މާލެއިން ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެކެވެ.

މިއީ މާލޭން ތެރެއިން ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.

comment ކޮމެންޓް