މަހިބަދޫ ބޮޑު އަލިފާނުގެ ހާދިސާގެ ތަހުގީގު ފަށައިފި

އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ ގިނަ އަދަދެއްގެ އުޅަނދުގައި ރޯވި މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މަަހިބަދޫ ފަޅުގައި އަޅާފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނީ، މިއަދު ފަތިހު 5:45 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގައި ފަސް ލޯންޗަކާއި ދެ ޑިންގީގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

އަލިފާން ރޯވި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗަކާއި ސީއެމްބިއުލެންސް އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެޗްއެމްއެޗްގެ ދެ ލޯންޗު އަދި އަމިއްލަ މީހެއްގެ ދެ ޑިންގީ އެވެ.

ރޯވި އަލިފާން ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 08:05 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ފަތިހު 05:22 ހާއިރު ކަމަށެވެ. އޮފިޝަލް ވިދާޅުވީ މިހާރު މި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ގާސިން ސިހާން "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގަން ދިމާވި ސަބަބާ މެދު އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

ސިހާން ވިދާޅުވީ އެއީ ކުއްލިއަކަށް އުޅަނދުތަކުގައި ރޯވާންޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި އެހެން ނަމަވެސް ރޭގައި އެރަށަށް ވަރަށް ބޯކޮށް ވާރެވެހި ގުގުރާ ހެދި ކަމަށެވެ.

"އަބަދުވެސް އުޅަނދުތައް އަޅާފަ އޮންނާނީ. މީގެކުރިން މިކަހަލަ ކަމެއް ނުވޭ. ދެން އެކަމަކު ހާދިސާއެއް ވެސް ހިނގާފާނެ،" ސިހާން ވިދާޅުވި އެވެ.

މަހިބަދޫ ޕޮލިސް ސްޓޭޝަން ބޭރުގައި ހަރުކޮށްފައި ހުރި ކެމެރާތަކުން ބަނދަރު ސަރަހައްދު އެއްކޮށް ކަވާ ވާނެ ކަމަށާއި، ފުލުހުންގެ ތަހުގީގުން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް