އޭއެފްސީ ގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ފެބްރުއަރީ 19، 2020: އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުުންދާ ކޮރޯނާ ވައިރަސް ފެތުރުމުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ މެޗުތައް މުއްދަތެެއް ނެތްގޮތަށް ފަސްކޮށްފި އެވެ.

އޭއެފްސީގެ ދެ މުބާރާތެއް މިއަހަރުގެ ކުރީކޮޅު ފަށާފައިވާ އިރު މިހާތަނަށް ކުޅެވިފައި ވަނީ މަދު މެޗުތަކެކެވެ. ކޮރޯނާ ވައިރަސްގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް ބޮޑުވެފައިވާ އިރު އެންމެ ފުރަތަމަ ބަލި ފެނުނީ އޭޝިޔާގެ ގައުމުތަކުންނެވެ. އަދި މިއަދާ ހަމައަށް ވެސް މި ބަލި ކޮންޓްރޯލް ކުރެވިފައި ނުވާތީ ގިނަ ގައުމުތަށް އަދިވެސް އޮތީ ލޮކްޑައުންގަ އެވެ.

މީގެ ކުރިން ކުއްލި ބައްދަލުވުމެއް ބާއްވާ، އޭއެފްސީއިން ވަނީ މިދިޔަ މަހާއި، މި މަހު ކުޅެން ހުރި މެޗުތައް ފަސްކުރުމަށް ނިންމާފަ އެވެ. އެކަމަކު އަންނަ މަހާއި ޖޫން މަހު ވެސް މެޗުތައް ކުރިއަށްގެންދެވޭނެ މާހައުލެއް އޮންނާނެ ކަމަށް ނުބެލެވޭތީ، އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް މުއްދަތެއް ނެތްގޮތަށް މެޗުތައް ފަސްކޮށްފައިވާ ކަމަށް ބުނެ އޭއެފްސީއިން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

"އޭއެފްސީއިން ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު އޭއެފްސީ ކަޕާއި، އޭއެފްސީ ޗެމްޕިއަންސް ލީގު ކެންސަލް ނުކޮށް ކުރިއަށް ގެންދޭވޭނެ އެއްވެސް ގޮތެއް އޮތްތޯ މިދަނީ ބަލަމުން،" އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެ އެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

މިދެޓީމުގެ މެޗުތައް ވެސް މިދިޔަ މާޗު މަހުގެ ކުރީކޮޅު ކުޅުނު އިރު މާޒިޔާގެ ޓީމު ވަނީ އިންޑިއާގެ ޗެންނާއީގައި މެޗު ކުޅުމަށްފަހު އައިސްފަ އެވެ. އެކަމަކު ބަންގްލަދޭޝްގައި މެޗު ކުޅުނު ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ވަނީ ރާއްޖެ ނައިސް ސްރީ ލަންކާގައި ކަރަންޓީން ކުރުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އެގައުމުގައި ތާށި ވެފަ އެވެ.

އަދި މި މަހު ކުރީ ކޮޅު ޓީސީ އެނބުރި ލަންކާއިން ގެނައުމަށްފަހު މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ހަރަކާތްތައްވެސް ހުއްޓުމަކަށް އައިސްފައިވާއިރު، ރާއްޖެއިންވެސް މީގެ ކުރިން ވަނީ 2019/2020 ވަނަ އަހަރުގެ ސީޒަނުގެ ބާކީބައި ކެންސަލް ކޮށްފައެވެ. އެގޮތުން އެފްއޭއެމުން ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައެވެ. އެފްއޭ ކަޕް ކެންސަލްކުރީ ކުއާޓާ ފައިނަލް މެޗުތައް ކުޅުނު ފަހުންނެވެ.

comment ކޮމެންޓް