މަރުވެފައިވާ މީހަކު އަންދާލުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށާއި ބަލިމަޑުކަމެއްގައި މަރުވާ މީހުން ވެސް ޖެހޭނީ ވަޅުލަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ އެންމެން އަންދާލަން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މުސްލިމުންވެސް މިހާތަނަށް އަންދާލާފައިވާއިރު، އެކަމާ ގުޅިގެން މުސްލިމް އާއިލާތަކުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ދީނުގައި އޮންނަ ގޮތް ހާމަ ކުރައްވައި، "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، ގައިން ގަޔަށް އަރާ ބައްޔެއް ޖެހިގެން މަރުވާ މީހަކު ވެސް އަންދާލުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. ދީނީ ގޮތުން އޮންނަ ގޮތަކީ، އެމީހަކު ކަފުންކޮށް، ކަށުނަމާދުކޮށް ވަޅުލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ ދިރިހުރި މިހަކު އަންދާލުންފަދަ ކަމެއް މަރުވެފައި އޮތް މީހަކު އަންދާލުމަކީ. މީހަކު ނިޔާވުމަށްފަހު ވެސް ހަށިގަނޑުން ގުވަނެއް ބިންދާލުމަކީ ހަމަ ދިރިހުރި މީހެއްގެ ހަށިގަނޑުން ގުނަވަނެއް ބިންދާލުމެކޭ އެއްފަދަ ކަމެއް. އެހެންކަމުން މީހަކު ނިޔާވުމަށްފަހު އެ މީހަކު އަންދާލައިފިނަމަ، ދިރިހުރި މީހަކު އަންދާލުމުން ލިބޭ އަޒާބު ލިބޭނެ،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ޒާހިރު ވިދާޅުވީ، ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް އެ ހާލަތުގައި، މަރުވާ މީހުންގެ ކަށުކަމާ ކެމީގެ ކަންތައްތައް ކުރުމުގައި އިސްލާމްދީނުގައި ލުއިތަކެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ހާލަތްތަކުގައި ވަޅުލާ ގޮތާއި ހިނަވާ ގޮތް ތަފާތުވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް ވަބާއެއް ފެތުރިގެން ބައިވަރު މީހުން ނިޔާވެގެން، ވަޅުލާ ގޮތް ތަފާތުވެދާނެ. މިސާލަކަށް އެއް ވަޅުގަނޑެއްގައި ތިން ހަތަރު މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންވެސް ވަޅުލެވިދާނެ،" ޑރ. ޒާހިރު ވިދާޅުވި އެވެ.
މަރުވާ މީހެއްގެ ބަލިހާލަތައް ބަލައި، ހިނާވާ ގޮތް ލުއިކުރުން އިސްލާމްދީނުގައި ހުއްދަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެއް ފަހަރާ އެއްކޮށް ހަށިގަނޑަށް ފެން ޖަހާލުން ނުވަތަ ތަޔައްމަމްވެސް ކުރެވިދާނެ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.
"ވަކިވަކިން ތިން ދާނިން ފެން އެޅުމުގެ ބަދަލުގައި އެއްފަހަރާ މުޅި ހަށިގަނޑު ދޮވެވެސް ލެވިދާނެ، ހާލަތަށް ރިއާޔަތްކޮށްފައި. ދެން ތައްޔަމްމަމްވެސް ކުރެވިދާނެ. އެގޮތަށް ލުއި ދެވޭނެ ކަންތައްތައް އެބަހުރި. މި ލުއިތައް ދިން ނަމަވެސް، އެއްވެސް ގޮތަކަށް އަންދާލުމަށް ދީނުގައި ޝަރުޢު ކޮށްފައި ނުވޭ. އެއީ ވަރަށް ބޮޑު ގޯހެއް. އެއީ ވަރަށް ބޮޑު ފާފައެއް،" ދީނީ އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ޒާހިރު ވިދާޅުވި އެވެ.
ކޮވިޑް-19 ޖެހިގެން މަރުވާ މީހުން އަންދާލުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ތާއީދުކޮށްފަ އެވެ. ވައިރަސް ޖެހިގެން މަރުވާ މުސްލިމުން އަންދާލަމުންދާތީވެ، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައެއް ޖަމްއިއްޔާތަކުން ވެސް އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ލަންކާގައި އަންދާލި ނަމަވެސް، އިނގިރޭސީވިލާތް، ހޮންގްކޮން، މެލޭޝިއާ ސިންގަޕޫރު ފަދަ ގައުމުތަކުން އެ ވައިރަސް ޖެހިގެން މަރުވާ މުސްލިމުން ދަނީ ވަޅުލަމުންނެވެ.
މި ހާލަތުގައިވެސް ކަށުނަމާދު ކުރަން ޖެހޭނެ، ދުރުދުރުގައި ސަފު ނުހެދޭނެ!
ކަށުނަމާދާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑރ. ޒާހިރު ވިދާޅުވީ، ކަށުނަމާދަކީ ކިފާޔަތުގެ ފަރުޟެއް ކަމަށެވެ. އެހެންކަމުން ދެ މީހަކު ވިޔަސް މިހާލަތުގައި އެ ނާމާދު ކުރަން ޖެހޭނެ ކަމަށެވެ. ކިފާޔަތުގެ ފަރުޟަކީ އެއްބަޔަކު އެކަން ކުރުމުން އަނެއް މީހުންގެ މައްޗަށް ފަރުޟުކަން ކެނޑިގެންދާ ކަންކަމެވެ.
"ހަމައެކަނި ހިނަވާ މީހުން އެކަނިވިޔަސް މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރަން ޖެހޭނެ. ބޮޑު ޖަމާއަތުގައި ބައިވެރި ނުވެވޭނަމަ ދުރުގައި ތިބެގެން މައްޔިއްތާގެ މައްޗަށް ހެޔޮ ރަހްމަތް ލެއްވުމަށް ދުއާ ކޮށްލެވޭނެ،" މިހާލަތުގައި ކަށުނަމާދު ނުކޮށް ދޫކޮށްލެވޭނެތޯ ސުވާލު ކުރުމުން ޑރ. ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކަށުނަމާދުގައި ގިނަ ބަޔަކު ބައިވެރިވުމަކީ މައްޔިތާއަށް ސަވާބު އިތުރުވާނެ ކަމެއް ކަމަށާއި ނަމަވެސް މިފަދަ ހާލަތެއްގައި މީހަކު މަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ އެތަނަކަށް ނުދިޔުން ކަމަށެވެ. އަދި އެއީ ދީނުގައިވެސް އަމަލުކުރަން އަންގަވާފައި އޮންނަ ގޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޝަރުއީ ގޮތުން ކޮށްފައި އޮންނަ އަމުރެއް އެއީ ބައްޔެއް ޖެހިފައި ހުންނަ ތަނަކަށް ނުދިޔުން. ހަމަ ޝަރުޢީ ގޮތުން ދީފައި އޮންނަ ލުއުޔެއް އެފަދަ ހާލަތުގައި މަދު ބަޔަކު ތިބެގެން ކަށުނަމާދު ކުރުމުގެ ހުއްދަ. އެހެންކަމުން މިހާލަތުގައި މީހަކު ނިޔާވެއްޖެ ނަމަ، އެތަނުގައި ތިބި މަދު މީސްކޮޅުން ޖަމާއަތް ހަދައިގެން ކަށުނަމާދު ކުރަން ޖެހޭނީ،" ޑރ. ޒާހިރު ވިދާޅުވި އެވެ.
ދުރުދުރުގައި ސަފު ހަދައިގެން ކަށުނަމާދު ކުރެވިދާނެތޯ ސުވާލުކުމުން މިނިސްޓަރު ވިދާޅުވީ، އެއީ ދީނުގައި އޮންނަ ގޮތެއް ނޫން ކަމަށެވެ. އެއީ ޖަމާއަތުގެ ގޮތުގައި ނުބެލެވޭނެމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޖަމާއަތުގައި ނަމަ، ސަފު ހަދަން ޖެހޭނީ ކައިރި ކައިރީގައި ވަރަށް ސީދަލަށް. އިމާމް މީހާއަށްވުރެ ކުރިއަރައިގެން ނުދާނެ ގޮތަށް. އެހެންވީމަ ވަކި ތަރުތީބުވުމެއް އޮވޭ ޖަމާތްތުގައި ނަމާދުކުރުމަށް. އެމިންގަނޑުތަކާ ފުށު އަރާ ކަމެއް ދުރުދުރުގައި އެކަކު އަނެއްކަކު ކައިރި ނުވާ ގޮތަށް ސަފު ހެދުމަކީ،" ޑރ. ޒާހިރު ވިދާޅުވި އެވެ.
އެފަދަ ހާލަތުގައި ވަކިވަކިންވެސް ކަށުނަމާދު ކުރެވިދާނެ ކަމަށާއި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހެދުންތައް އަޅައިގެންވެސް ކަށުނަމާދު ކުރެވިދާނެ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.