ސްރީލަންކަންގެ ދަތުރުތައް ފެށުން ފަސްކޮށްފި

ސްރީލަންކަން އެއާލައިންސްއިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސްރީލަންކަން އެއާލައިންސްގެ ކޮމާޝަލް ދަތުރުތައް ފެށުން ފަސްކޮށްފިއެވެ. މީގެ ކުރިން އެ އެއާލައިނުން ނިންމާފައި އޮތީ މިމަހުގެ އަށަކުން 21 އަށް އެ އެއާލައިނުގެެ ހުރިހާ ޕެސެންޖާ ފްލައިޓުތައް މެދުކަނޑާލުމަށެވެ.

ސްރީލަންކަން އެއާލައިންސް އިން މިރޭ ބުނީ ދަތުރުތައް މެދުކަނޑާލާފައި ބާއްވާ މުއްދަތު މި މަހުގެ ނިޔަކަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ޕެސެންޖާ ފްލައިޓުތައް މެދުކަނޑާލިނަމަވެސް ކާގޯ ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މި ނިންމުން ނިންމާފައިވަނީ އެ އެއާލައިނުން ޕެސެންޖާ ފްލައިޓުތައް ބާއްވާ މަންޒިލްތަކުން އަޅާފައިވާ ޓްރެވަލް ރެސްޓްރިކްޝަންތަކުގެ ސަބަބުން ކަމަށް ސްރީލަންކަން އިން ބުންޏެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސްރީލަންކާގެ މައި އެއާޕޯޓުވަނީ ބަންދުކޮށްފައެވެ. ވައިރަހާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުގެ ދާއިރާ ހުއްޓުމަކަށް އައިސްފައިވާއިރު ބޮޑެތި ގިނަ އެއާލައިންތަކަކުން ވަނީ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފައެވެ. މިހާރު ގިނަ އެއާލައިން ތަކުން ބާއްވަނީ ހަމައެކަނި ކާގޯ ފްލައިޓުތަކެވެ.

ސްރީލަންކަން އިން ބުނީ ދަތުރުތައް މެދުކަނޑާލި ނަމަވެސް ގައުމުން ބޭރުގައި ތިބި އެ ގައުމުގެ ރައްޔިތުން ގައުމަށް ގެންދަން ޖެހިއްޖެ ހާލަތްތަކުގައި އެ ދަތުރުތައް ކުރާނެ ކަމަށެވެ.

ސްރީލަންކަން އިން މާލެ އާއި ކޮލަމްބޯ އާއި ދެމެދު ދުވާލަކު ތިން ފްލައިޓު ބޭއްވިއެވެ. ކޮރޯނާ އާއި ގުޅިގެން ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރުމާ ގުޅިގެން މިދިޔަ މަހުގެ 19 އިން ފެށިގެން އެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ.

comment ކޮމެންޓް