ދަނޑުވެރިކަމުގެ އާ ކޯސްތަކެއް ތައާރަފްކުރާނަން: މިނިސްޓަރު

ފައިނުގެ ދަނޑުބިމެއްގައި މީހުން އަވަދި ނެތި މަސައްކަތް ކުރަނީ -- ފޮޓޯ/ އަހުމަދު ނައުޝާދު

ދަނޑުވެރިކަމުގެ އާ ކޯސްތަކެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ރޭ ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރަށް އެއްއަހަރު ފުރުނިއިރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓްރެއިން ނީޑް އެނާލިސިސް ހަދައި ނިންމި ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި މީހުން ބިނާކުރަންވީ ދާއިރާތައް ދެނެވިފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީހުން ބިނާކުުރުމަށް ފާހަގަކުރެވުނު ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ދާދި ފަހުން ހުޅުވާލި ސްޓޫޑަންޓް ލޯން ސްކީމްގައިވެސް އެ ދެ ދާއިރާއަށް ހާއްސަ ސްލޮތްތަކެއް ވަނީ ކަނޑައަޅައިފައެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިލި ދަރިވަރުން ޝަރުތު ހަމަވާނަމަ އެ ދެ ދާއިރާއިން ލޯނު ލިބޭނެކަމަށާއި އެހެންކަމުން ދެ ދާއިރާއިންވެސް މީހުން ބިނާކުރަން މަގުފަހިވެގެން ދާނެ ކަމަށެވެ.

"ދެން މިއޮތީ ރާއްޖޭގަ ދެން އަޅުގަނޑުމެންނަށް ކުރެވޭނީ ކީއްތޯ. ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް އިން މަސައްކަތްތަކެއް އެބަ ކުރައްވާ. އަޅުގަނޑުމެންނާ ގުޅިގެން ޓިވެޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކެއް ހެދިގެން އަޅުގަނޑުމެންވެސް މި ގަސްދުކުރަނީ ދަނޑުވެރިކަމުގެ ދާއިރާއިން އާ ކޯސްތައް ރާއްޖޭގައި ތައާރަފްކޮށް ސެޓްފިކެޓް ލެވަލްގެ ކޯސްތަކެއް ތައާރަފްކޮށްގެން މީހުން ބިނާކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭތޯ. އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކޯސްތައް ފަރުމާކޮށްގެން މި ދާއިރާއަށް މީހުން ބިނާކޮށްގެން މަސައްކަތްތައް ފެއްޓޭތޯ ބެލުން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް