ކޮރޯނާ: ފީވަކު ޓާސްކްފޯހަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފި

ށ. ފީވައް ---

ށ. ފީވަކުގައި ކޮރޯނާ އާއި ދެކޮޅަށް ކުރާ މަސައްކަތަށް ހުރަސް އެޅި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެރަށުގައި ގާއިމްކޮށްފައިވާ ކޮވިޑް19 ޓާސްކްފޯހުގެ ބައްދަލުވުމެއް އެރަށު ސްކޫލުގައި ރޭ ކުރިއަށް ދަނިކޮށް އެތަނުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެތަނަށް ފުލުހުން ދިޔުމުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ، ހަމަނުޖެހުން ހިންގާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން 25 އަހަރުގެެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކުވެސް ރޭ ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ށ. މިލަންދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން 25 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް އަދި 28 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް