ބިދޭސީ މުވައްޒަފުން ދިރިއުޅޭ ތަނުގައި ހުންނަންވާނެ މިންގަނޑު އާންމުކޮށްފި

ބިދޭސިންގެ އެކޮމޮޑޭޝަން ފެސިލިޓީއެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުން ދިރިއުޅުމަށް ވަޒީފާ ދޭ ފަރާތުން ހަމަޖައްސައިދޭ އެކޮމޮޑޭޝަން ފެސިލިޓީގައި ހުންނަންވާނެ މިންގަނޑުތައް ކަނޑައަޅައި އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު އާންމު ކުރި މިންގަނޑުގައިވާގޮތުން ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުން ދިރިއުޅުމަށް ވަޒީފާ ދޭ ފަރާތުން ހަމަޖައްސައިދޭ ތަނަކީ ވެންޓިލޭޝަން ބޭނުމަށް ފިޔަވައި، ވާރެ އާއި އަވިން ރައްކާވާނެ ގޮތަކަށް ހުންނަތަނަކަށް ވާންޖެހޭނެއެވެ. އަދި އެފަދަ ތަންތަން ހުންނަންވާނީ އިމާރާތް ކުރުމަށް އެކަށީގެންވާ އާލާތްތައް ބޭނުންކޮށްގެން އިމާރާތް ކުރެވިފައި ކަމަށް އެ މިންގަނޑުގައި ވެއެވެ.

އިމާރާތް ކުރާ ސަރަހައްދެއްގައި ދިރިއުޅުމަށް ތަނެއް ގާއިމް ކުރާނަމަ، އިމާރާތްކުރާ ތަނާ، ދިރިއުޅޭ ތަނާ ދެމެދު އިން ވަކި ކުރެވިފައި ހުންނަވާނެ ކަމަށާއި އިމުގެ އެތެރެއާއި ބޭރުގެ ވަށައިގެންވާ ސަރަހައްދަކީ ކުނިން ރައްކާތެރިކުރެވިފައިވާ، ސާފު ތާހިރު ތަނަކަށް ވާން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. މަސައްކަތް ކުރާ ތަނާ ދިރިއުޅޭ ތަނާ ދެމެދު 1.5 މީޓަރުގެ ދުރުމިން ހުންނަންވާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.

އަދި ދިރިއުޅުމަށް ބޭނުންކުރާ ތަނުގެ ވަންނަ ދޮރު ކައިރީ، އެތަނެއްގައި ތިބޭ ބިދޭސީންނަށް ވަޒީފާ ދިން ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު، އެތަނެއް ހިންގުމަށް ހުއްދަ ދެވުނު ރެފަރެންސް ނަންބަރު، އެތަނެއް ބެލެހެއްޓުމަށް ހަވާލުވެ ހުންނަ ސުޕަވައިޒަރުގެ ނަމާއި ނަންބަރު އަދި އެތަނަކުން ލިބެންހުރި ޖާގައިގެ އަދަދާއި އެ ވަގުތަކު ދިރިއުޅޭ މީހުންގެ އަދަދު އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެވިފައި ހުންނަންވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އަދި އެފަދަ ފެސިލިޓީތަކުގައި ނިދުމަށް ބޭނުންކުރާތަންތަން ހުންނަންވާނީ އެކަށީގެންވާ ގޮތަކަށް ގުދުރަތީ އަލި ނުވަތަ މަސްނޫއީ އަލި ލިބޭނެ ގޮތަކަށް ކަމަށާއި އެކަށީގެންވާގޮތަށް ވައިދައުރުވާނެހެން ކަމަށްވެސް އުސޫލުގައި ވެއެވެ.

އަދި އެފަދަ ތަނެއްގައި ދިރިއުޅޭ މީހުންގެ ނިސްބަތުން ތަނުގެ ޖާގަ ތަނަވަސް ވާންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އެތަނުގައި ދިރިއުޅެނީ އެކަކު ނަމަ ތަނުގެ ބޮޑުމިނުގައި މަދުވެގެން 3.78 އަކަމީޓަރު އަދި އުސްމިނުގައި 2.8 މީޓަރު ހުންނަންވާނެއެވެ. ހަމައެހެންމެ ފުޅާމިނުގައި 1.5 މީޓަރު ހުންނަންވާނެ ކަމަށާއި ބަންކު ބެޑު ބަހައްޓައި ގިނަވެގެން ދެމީހުން ނިދާނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 5.13 އަކަމީޓަރު އަދި އުސްމިނުގައި މަދުވެގެން ތިން މީޓަރު ހުންނަންވާނެ ކަމަށް އުސޫލުގައި ވެއެވެ.

މީގެ އިތުރުން ސިންގަލް އެނދުގެ ދެ އެނދުބެހެއްޓިފައި މަދުވެގެން ދެ މީހަކު ނިދާނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 6.84 އަކަމީޓަރު ހުންނަން ޖެހޭނެ ކަމަށާއި ބަންކު ބެޑުގެ ދެ އެނދު ބެހެއްޓިފައި ގިނަވެގެން ހަތަރު މީހުން ނިދާނަމަ ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 8.55 މީޓަރު ހުންނަން ވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެެއެވެ.

އަދި ސިންގަލް އެނދުގެ ދެ އެނދަށް، ދެ މީހުންނަށްވުރެ އިތުރުވާ ކޮންމެ އެނދަކަށް، މީހަކަށް ތަޅުންގަނޑުގެ ބޮޑުމިނުގައި މަދުވެގެން 3.24 އަކަމީޓަރު ހުންނަންވާނެ ކަމަށް އުސޫލުގައި ވެއެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ނިދުމަށް ބޭނުންކުރާ ތަންތަނުގައި ސިންގަލް، ޑަބަލް ނުވަތަ ބަންކު ބެޑާއެކު އަމިއްލަ ތަކެތި ބެހެއްޓޭނެ ކަބަޑުފަދަ އެއްޗެހި ހުންނަންވާނެ ކަމަށެވެ. އެއް އެނދާއި އަނެއް އެނދާ ދެމެދު މީޓަރެއްގެ ދުރުމިން ހުންނަންވާނެ ކަމަށްވެސް އުސޫލުގައި ވެއެވެ.

އަދި އެކޮމޮޑޭޝަން ފެސިލިޓީތަކުގައި ފާހާނާ އަށާއި ލޯންޑްރީ އަށް ހާއްސަ ތަންތަން ހުންނަވާނެ ކަމަށާއި ކޮންމެ 10 މީހަކަށް އެއް ފާޚާނާ ހުންނަންވާނެ ކަމަށް ބުނެފައިވެއެވެ.

އިމާރާތް ކުރާ ސަރަހައްދުގައި ގާއިމްކުރެވިފައި ހުންނަ ފާހާނާ ބަރި ހުންނަންވާނީ ނިދުމަށް ބޭނުންކުރާ ސަރަހައްދާ 60 މީޓަރަށްވުރެ ދުރު ނޫން ހިސާބެއްގައި ކަމަށާއި ނިދުމަށް ނުވަތަ ކެއުމަށް ބޭނުންކުރާ ތަނާ ފަސް މީޓަރަށްވުރެ ކައިރި ނުވާނެ ސަރަހައްދެއްގައި ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އެފަދަ ފެސިލިޓީތަކުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގަބޫލުކުރާ ފެންވަރަށް ބޯފެނާއި ފެންވެރުމަށް އަދި އެއްޗެހި ދޮވުމަށް ބޭނުންކުރާނެ ފެން ހުންނަންވާނެ ކަމަށާއި އެފަދަ ތަންތަނުގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރެވި ކުނިއަޅާނެެ ޑަސްބިންވެސް ހުންނަން ވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މިފަދަ ތަންތަނަކީ އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަދި އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ފަސޭހައިން ސަލާމަތްވެވޭނެހެން ހުންނަވާނެ ތަންތަން ކަމަށާއި އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލު ލިޔެވިފައި ހުންނަންވާނެ ކަމަށް ބުނެފައިވެއެވެ.

މިފަދަ ތަންތަނުގެ ސޭފްޓީ އާއި ސެކިޔުރިޓީ ޔަގީންކޮށްދީ، އެތަންތަން މެއިންޓެއިން ކުރުމަކީ ވަޒީފާ ދޭ ފަރާތުން ކަށަވަރު ކުރަންޖެހޭނެ ކަންތައްކަމަށް ބަޔާންކޮށްފައިވެއެވެ.

މިފަދަ ތަންތަނުގައި 100 އަށްވުރެ ގިނަ މީހުން އުޅޭނަމަ އެތަނަކަށް ހާއްސަ ޑޮކްޓަރަކު ހުންނަންވާނެ ކަމަށާއި އެފަދަ ފެސިލިޓީތަކުގައި ގައިން ގަޔަށް އަރާ ބައްޔެއް އުޅޭނަމަ އެކަން ހެލްތު މިނިސްޓްރީ އަށް އެންގުމަކީ ވަޒީފާދޭ ފަރާތުން ކުރަންޖެހޭނެ ކަމެއް ކަމަށް ބުނެފައިވެއެވެ.

މި ތަންތަނަކީ ނަމާދު ކުރެވޭނެހެން ހުންނަންވާނެ ތަންތަން ކަމަށާއި މި އުސޫލަށް އަމަލު ކުރޭތޯ އަހަރަކު އެއްފަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ބަލައި ޗެކް ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ އުސޫލާ ހިލާފުވާގޮތަށް އެކޮމޮޑޭޝަން ދޭނަމަ ވަޒީފާ ދޭ ފަރާތާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.

އެ އުސޫލަށް އަމަލުކުރާނީ އުސޫލު ގެޒެޓްކުރާތާ ހަ މަސް ފަހުން، އަންނަ އޮކްޓޯބަރު 13 ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގައި ލައްކަ އަކަށްވުރެ ގިނަ ބިދޭސީން އުޅޭއިރު އެމީހުން ދިރިއުޅޭ ތަންތަނަކީ ހާލަތު ދަށް، އެތައް ބަޔަކު ތޮއްޖެހިގެން އުޅޭ ތަންތަނެވެ. މިފަދަ ތަންތަނުގައި އުޅޭ ބިދޭސިން ސަރުކާރުގެ ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

https://sun.mv/134577

comment ކޮމެންޓް