ދުވާފަރު މަގުތައް ހެދުމުގެ 38 ޕަސެންޓް މަސައްކަތް ނިންމާލައިފި

ދުވާފަރުގެ މަގުތައް--- ފޮޓޯ: އެމްޓީސީސީ

ރ. ދުވާފަރުގެ މަގު ހެދުމުގެ 38 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

ދުވާފަރުގައި މަގު ހެދުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންއެވެ.

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިހާރު ކުރަމުންދަނީ މަގުތަކުގައި ޕޭމަންޓްގެ މަސައްކަތްތަކާއި އެގްރިގޭގޭޓް ބޭސ ކޯސް (އޭބީސީ ލޭޔާ) އެޅުމުގެ މަސައްކަތް ކަމަށެެވެ. އެ ލޭޔާގެ ސަބަބުން މަގުތައް ގިނަ ދުވަހަށް ހަލާކުނުވެ ހުންނާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މީގެ ކުރިން ނިންމާފައި އޮތީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން ބޭސް ކޯސްއެއް އަޅާ ގޮތަށެވެ. ނަަމަވެސް ފަހުން ވަނީ ހިލަ ބޭނުންކޮށްގެން ބޭސްކޯސްއެއް ހަދަން ޑިޒައިން ބަދަލުކޮށްފައެވެ.

އެމްޓީސީސީން ދުވާފަރުގައި މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެ ޕްރޮޖެކްޓްގެ ދަށުން ދުވާފަރުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ދުވާފަރު މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 28.2 މިލިއަން ރުފިޔާއަށެވެ.

ދުވާފަރުގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ހަތް ރަށެއްގެ މަގުތައް ހެދުމަށް އެމްޓީސީސީން ފެށި ޕްރޮޖެކްޓެއްގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ. އެ ޕްރޮޖެކްޓްގެ ދަށުން މަގުތައް ހަދަން ފެށި ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ސ. ހުޅުދޫމީދޫ، ށ. ފޮނަދޫގެ މަގުތަކާއި އަދި ފުވައްމުލަކު ސިޓީގެ ރިންގްރޯޑް ހެދުން ހިމެނެއެވެ.

comment ކޮމެންޓް