ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމު

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގައި ސިޔާސަތެއް އޮވޭތޯއެވެ؟ ދިވެހިރާއްޖޭގެ އެއްވެސް ކަމެއްގައި ސިޔާސަތެއް އޮވޭތޯއެވެ؟

މަތީ ތައުލީމުގެ ނިޒާމުގެ ވާހަކަ ދައްކަމާ ހިންގަވާށެވެ.

އަޅުގަނޑު ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރއަކަށް ހުރި ދުވަސްވަރު، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ ޔުނިވަރުސިޓީތަކުންނާއި ކޮލެޖުތަކުން ނުކުންނަ ދަރިވަރުންގެ ފެންވަރު ދަށް ވުމުގެ މައްސަލައެވެ. މިހެން ވާން ޖެހޭ ސަބަބުތަކާ މެދު ވަރަށް ގިނަ ގޮތްގޮތަށް އަޅުގަނޑުމެން ބެލީމުއެވެ. އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ގޮތުގައި، ކުދީންގެ ފެންވަރު ދަށް ވާން ޖެހޭ ސަބަބުތަކުގެ ތެރޭގައި މުގައްރަރުތަކުގެ ފެންވަރު ދަށް ވުމާއި، ކިޔަވައިދޭ ލެކްޗަރާރުންގެ ފެންވަރު ދަށް ވުމާއި، ޔުނިވަރުސިޓީތަކާއި ކޮލެޖުތަކުގެ އިދާރީ ހިންގުމުގެ ނިޒާމު ދޯދިޔާ ވުމުގެ ސަބަބުން ނުކުންނަ ބައެއް މައްސަލަތަކާއި، ލެކްޗަރާރުންނަށް ދެވޭ މުސާރަ ނުވަތަ އެލަވަންސް ކުޑަ ވުމުގެ ސަބަބުން މަސައްކަތަށް ރަނގަޅަށް ފޯކަސް ކޮށްގެން އެކަމަށް ހުސް ވެގެން ތިބެ މަސައްކަތް ކުރާނޭ ލެކްޗަރާރުން ނުލިބުމާއި، ކުތުބުޚާނާ ފަދަ ވަސީލަތްތައް ނެތުމާއި، ކޯސްތަކަށް ކުދީން ވެއްދުމުގައި ގެންގުޅެވޭ ސިޔާސަތުތަކުގެ ދޯދިޔާކަމުންނާއި އަދިވެސް އެހެން ބައެއް ސަބަބުތަކާ ހުރެ ކޯސްތަކަށް ވެއްދޭ ދަރިވަރުންގެ ފެންވަރު ދަށް ވުން ފަދަ ކަންކަން ހިމެނެއެވެ.

ޖުޑީޝަލް އެކަޑަމީން 2017 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާ އެކު ބައްދަލުވުމެއްގައި ވެސް މި މައުޒޫއަށް ދިގުކޮށް ވާހަކަ ދެކެވުނެވެ. އެ ބައްދަލުވުމުގައި އަޅުގަނޑު ފާހަގަ ކުރި އެއް ކަމަކީ، އަމިއްލަ ކޮލެޖްތަކުން ޝަރީއަތާއި ގާނޫނުގެ ކޯސްތައް ހިންގުމަށް ޓަކައި މުގައްރަރު އެކުލަވައިލައި، އެމްކިޔުއޭގެ ހުއްދަ ހޯދުމަށް ޓަކައި ހުށައެޅުމުން، އެ މުގައްރަރަކީ ރަނގަޅު އެއްޗެއްތޯ، ފުދޭ އެއްޗެއްތޯ ބެއްލެވުމަށް ޓަކައި އެ ބެއިފުޅުން ގެންގުޅުއްވާ މިންގަނޑަކީ ކޮބައިތޯއެވެ؟ އެމްކިޔުއޭގެ ބެއިފުޅުން ވިދާޅުވީ އެއީ އެ އިދާރާގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އޮންނަ މައްސަލައެއް ކަމަށެވެ. ކަމާބެހޭ އެއްވެސް އިދާރާޔަކުން އެފަދަ މިންގަނޑެއް ދެއްވައިފައި ނޯންނަ ވާހަކައެވެ. ނަތީޖާއަކީ ތޯއެވެ؟ ޝަރީއަތާއި ގާނޫނުގެ ކޯސްތައް ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީން ހަތަރު އަހަރުގެ ކޯސްތަކެއްގެ ގޮތުގައި ހިންގާ އިރު، ބައެއް ކޮލެޖުތަކުން ހަމަ އެ ކޯސް ތިން އަހަރުގެ ޕްރޮގްރާމެއްގެ ގޮތުގައި ހިންގައެވެ. މަންދު ކޮލެޖުން އެއް ފަހަރަކު އެ ކޯސް ދެ އަހަރުގެ ޕްރޮގްރާމެއްގެ ގޮތުގައި ވެސް ހިންގިއެވެ. ކޯހުގެ ކޯރ މާއްދާތަކަކީ ކޮބައިކަން ކަނޑައަޅާނޭ ފަރާތެއް ނެތެވެ. އެ ކޮލެޖެއްގައި ކަން ކުރާން ތިބި ބަޔަކަށް ފެނުނު މާއްދާތަކެއް ހިމަނައިގެން ކޯސް ހިންގާން ވީއެވެ. ނަތީޖާއެއްގެ ގޮތުން، ޝަރީއަތާއި ގާނޫނުގެ ކޯސްތަކުގައި އުޞޫލުލް ފިޤްހު ކިޔަވައިނުދީ އެބަ ހުރެއެވެ. ގާނޫނުގެ މުހިއްމު އަދި އަސާސީ ބައެއް މާއްދާތައް ކިޔަވައިނުދީ އެބަހުރެއެވެ. މީގެ އިތުރުން، ދާދި ފަހަކާ ޖެހޭންދެން، ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީގައި ވެސް ޖިނާއީ ގާނޫނާއި ދުސްތޫރީ ގާނޫނު ފަދަ އަސާސީ ބައެއް މާއްދާތަކުގައި ކިޔަވައިދެވެނީ ރާއްޖޭގެ ގާނޫނެއް ނޫނެވެ. އިނގިރޭސި ވިލާތުގެ ގާނޫނުން ތަންތަންކޮޅެވެ. މިކަން ބަދަލު ވީކަން އަޅުގަނޑަކަށް އަދިވެސް އެނގިފައެއް ނެތެވެ. ހީ ވާ ގޮތުގައި މިހާރު ވެސް މި މާއްދާތައް ކިޔަވައިދެވެނީ ހަމަ އެހެންނެވެ.

ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޝަރީއަތާއި ގާނޫނުގެ ޑިގްރީ ޕްރޮގްރާމެއްގެ މޮޑެލް ކަރިކިޔުލަމެއް ހަދައި، އެމްކިޔުއޭއަށް ހުށައެޅުމާ މެދު އަޅުގަނޑުމެން އެ ބައްދަލުވުމުގައި މަޝްވަރާ ކުރީމުއެވެ. ރާއްޖޭގައި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު އެމްޕްލޯޔަރަކީ ޝަރުއީ ދާއިރާ ކަމުގައި ވާތީ، ސްޓޭކްހޯލްޑަރެއްގެ ހައިސިއްޔަތުންނެވެ. ކޮންމެހެން، އެމްކިޔުއޭއިން އަޅުގަނޑުމެންގެ މޮޑެލަށް ތަބާ ވުން މަޖުބޫރު ވާނޭ ގޮތަކަށެއް ނޫނެވެ. 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ބޭއްވުނު ޝަރުއީ ނިޒާމު އިސްލާހު ކުރުމާ ބެހޭ ކޮންފަރެންސުގައި އަޅުގަނޑު ހުށައެޅި ކަރުދާހުގައި ވެސް މި ޚިޔާލު ފައުޅު ކޮށް، މި މަސައްކަތް ކުރާނޭ ގޮތުގެ ކުރު ތަސައްވުރެއް ހުށައެޅީމެވެ. އެ ޚިޔާލުތަކަށް އެ ކޮންފަރެންސުގެ ބައިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ވެސް އެއީ ވަރަށް ރަނގަޅު ފިޔަވަޅަކަށް ވާނޭކަން ފާހަގަ ކުރެއްވިއެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ގާނޫނާ ޚިލާފަށް އަޅުގަނޑު ވަޒީފާއިން ވަކި ކޮށް އެއްލައިލި ހިސާބުން، އެ މަސައްކަތް ދާނުދާ ގޮތެއް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ.

ވިސްނަވާށެވެ. އަޅުގަނޑުމެން އެންމެން މި ވާހަކަ ދައްކަނީ ޢަދުލުއިންޞާފުގެ މުހިއްމުކަމާ ބެހޭގޮތުންނެވެ. ޢަދުލުއިންޞާފު ނުލިބޭތީ ކަންބޮޑު ވެގެންނެވެ. ޢަދުލުއިންޞާފުގެ ދާއިރާގައި ތިބޭ ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންގެ ފެންވަރު ދަށް ވާހަކައެވެ. އެކަމަކު އެ މައްސަލަ ހައްލު ކުރުމަށް ޓަކައި އަޅާން ޖެހޭ އެންމެ މުހިއްމު ފިޔަވަޅު ކަމުގައި ވާ، ފަނޑިޔާރުންނާއި ވަކީލުން ތައްޔާރު ކޮށް ތަމްރީނު ކުރާ މުއައްސަސާތައް ހަރުދަނާ ކުރުމުގެ މަސައްކަތަށް އިސް ނަގާނޭ ފަރާތެއް ނެތެވެ. ބަޔަކު އިސް ނެގިޔަސް، އެ ބަޔަކަށް މަދަދުވެރި ވާނޭ އެހެން ބަޔަކު ނުތިބެއެވެ.

ރާއްޖޭގައި މެޑިކަލް ކޮލެޖެއް ވެސް ހެދި ވާހަކަ ނޫސްތަކުން ފެނެއެވެ. ޝަރީއަތާއި ގާނޫނުގެ ކޯސްތައް ރާއްޖޭގައި ހިންގާ ގޮތަށް، ޑޮކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ނުހިންގައިފިއްޔާ ކިތަންމެހައި ވެސް ރަނގަޅެވެ. މިހާރު ކަންކަން ހުރި ގޮތުން، އެ ތަނުން ތަމްރީނު ވެގެން ނުކުންނަ ޑޮކްޓަރެއްގެ ގާތަށް ފަރުވާޔަކަށް އެދިގެން ދާކަށް ޔަގީނުން ވެސް އަޅުގަނޑަކަށް ނުކެރޭނެއެވެ.

ސިޔާސަތެއް ނެތީއެވެ. ރަނގަޅު ސިޔާސަތުތަކެއް ހަދައި، އެ ސިޔާސަތުތައް ހެޔޮ ގޮތުގައި ތަންފީޒު ކުރުމުގެ "ވިލް" ނުވަތަ އިރާދާ ވެސް ނެތީއެވެ. ބާރު ހޯދުމާއި، ބާރުގައި ތިބުމާއި، ޑިމޮކްރަސީއޭ، އިންސާނީ ހައްގޭ ކިޔައިގެން މުޅިތަން ފިތުނަފަސާދަ ކުރުން ނޫން އެހެން ކަމެއް ނެތީއެވެ. ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން ގައުމީ މަސްލަހަތުގައި ކަންކަން ހަމަ ނުކުރެވެނީއެވެ. އެއް ބަޔަކު ހެސް ގަނެފައި ތިބީ ދޮން މީހުން އުޅޭ ގޮތަށް ނުއުޅެވިގެން، އިސްލާމް ދީން ދައުލަތުގެ ނިޒާމުގެ ތެރެއިން ބޭރު ނުކުރެވިގެން ކުރާ މަސައްކަތެއްގައެވެ.

މި ކަންކަން ރަނގަޅު ކޮށް، މަތީ ތައުލީމުގެ ރަނގަޅު ސިޔާސަތެއް އެކުލަވައިލުމަށް ޓަކައި މަސައްކަތްތަކެއް ކުރެވޭން އެބަ ޖެހެއެވެ. ސަރުކާރުން އެ މަސައްކަތް ނުކުރާ ނަމަ، ރާއްޖޭގައި ތިއްބެވި ވަރުގަދަ އިލްމީ ބެއިފުޅުން އެ މަސައްކަތް ފައްޓަވާން އެބަ ޖެހެއެވެ. ޑރ. ޙަސަން ޙަމީދު ފަދަ ބެއިފުޅުންނެވެ. ރާއްޖެއިން ބޭރުގައި މަސައްކަތް ކުރައްވާ ދިވެހި އިލްމީ ބެއިފުޅުންގެ ތެރެއިން ޕްރޮފެސަރ ޑރ. ޢަބްދުﷲ ސަޢީދާއި، ޕްރޮފެސަރު ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ފަދަ ބެއިބެއިފުޅުން މި ކަމުގައި ލީޑަރޝިޕް ނެންގެވުމަކީ ދިވެހި ފަރުދެއްގެ ހައިސިއްޔަތުން ހަމަ ގައިމު ވެސް އަޅުގަނޑުގެ އެދުމެކެވެ.

ދިވެހިރާއްޖޭގައި މިހާރު ހުރީ ދައުލަތުން ހިންގާ ދެ ޔުނިވަރުސިޓީއެވެ. އެއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، އިތުރު ޔުނިވަރުސިޓީއެއް ދައުލަތުން އުފެއްދުމުގެ ބޭނުމެއް ނެތެވެ. މި ދެ ޔުނިވަރުސިޓީ އިސްލާހު ކޮށް، ވަރުގަދަ ކޮށް، ތަރައްގީ ކުރާން ވީއެވެ. އެގޮތުން އެންމެ މުހިއްމު އެއް ކަމަކީ، ދެ ޔުނިވަރުސިޓީގައި ވެސް މިހާރު ހުރި ފެކަލްޓީތައް މުރާޖައާ ކުރުމެވެ. ގައުމީ ޔުނިވަރުސިޓީގެ ބައެއް ފެކަލްޓީތަކަކީ ކޮންމެހެން އެތަނުގެ ދަށުގައި ހުންނާން ޖެހޭ ފެކަލްޓީތަކެއް ކަމަކަށް ނުފެނެއެވެ. އެންމެ ރީތި މިސާލަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްއެވެ. ހަމަ އެހެންމެ، އިސްލާމީ ޢިލްމުތަކާއި ގާނޫނު އެއް ފެކަލްޓީއެއްގައި ކިޔަވައިދިނުމަކީ ވެސް ރަނގަޅު ގޮތެއް ކަމުގައެއް ނުފެނެއެވެ. ސްކޫލް އޮފް މެޑިސިން އާއި ސްކޫލް އޮފް ނާރސިންގ ވަކިވަކީން ހުރުމަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި ރަނގަޅު ގޮތެއް ނޫނެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީގެ ފެކަލްޓީތައް އެކުލަވައިލެވިފައި ވާ ގޮތަށް ބެލުމުން ވެސް، ގޯސްތަކެއް ފެނެއެވެ. މިސާލަކަށް، ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާ ހުރެފައި، ދެން ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައެންސް ގެ ނަމުގައި ވަކި ފެކަލްޓީއެއް ހުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ "އިސްލާމިކް ރިވީލްޑް ނޮލެޖް" އަކީ ހަނި ގޮތެއްގައި ނަމަ ޤުރްއާން، އަދި ފުޅާކޮށް މާނަ ކުރާ ނަމަ ޤުރްއާނާއި ސުންނަތް ކަމުގައި ވާތީ، ޤުރްއާނާއި ސުންނަތާ ބެހޭ ފެކަލްޓީއެއް އެ ޔުނިވަރުސިޓީގައި ހުރުމެވެ.

ގައުމެއްގައި ގައުމީ ފެންވަރުގައި ގާއިމު ކުރެވޭ ގައުމީ ޔުނިވަރުސިޓީތަކުގެ އެންމެ މުހިއްމު އެއް ބޭނުމަކަށް ވާން ވާނީ، އެ ގައުމެއްގެ އެންމެ އިހުގެ ދައުރުތަކުގެ ތެރެއިން، ކާބަފައިންގެ ފުށުން ވާރުތަ ވަމުން އައިސްފައި ވާ އިލްމުތައް އެއް ކޮށް، ރައްކައުތެރި ކޮށް، އެ އިލްމު އިތުރަށް ތަރައްގީ ކުރުމެވެ. އެ އިލްމު ޖީލުތަކަށް ވާސިލު ކޮށްދިނުމުގެ މަސައްކަތް ކުރުމެވެ. އެ އިލްމުތަކުގައި ހުރިއްޔާ ހުރި އުނި ކަންކަން ފިލުވައި، ސާފު ކުރުމެވެ. ފުރިހަމަ ކުރުމެވެ. މި ކަންކަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ އާއި، ގައުމީ އިސްލާމީ ޔުނިވަރުސިޓީން ކުރެވޭތޯއެވެ؟ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތް ދިވެހި ބޭސްވެރިކަމުގެ އިލްމު އެ ތަންތަނުގެ ވަސީލަތުން އެބަ ރައްކައުތެރި ކުރެވޭތޯއެވެ؟ ދިވެހި ކާބަފައިން އަޅުގަނޑުމެންނަށް ދޫކުރި ނުހަނު މުހިއްމު އިލްމެއް ކަމުގައި ވާ ދިވެހި ކަނޑުތަކާއި ދިވެހި ނެވިނިޔަމިކަމުގެ އިލްމު އެބަ ރައްކައުތެރި ކުރެވޭތޯއެވެ؟ ދިވެހި ކާބަފައިން ގެދޮރު ބިނާ ކުރުން ފަދަ ކަންކަމުގައި ގެންގުޅުނު ފަންނީ އިލްމުތައް ރައްކައުތެރި ކުރެވޭތޯއެވެ؟ ދިވެހި ވަޑީން ކިއްސަރު ވަޑާމާއި ތެދުއުއި ވަޑާމުގެ ދާއިރާގައި އެއްކޮށް ތަރައްގީ ކޮށްފައި ހުރީ ދުނިޔޭގެ ފެންވަރުން ވެސް އަގު ކުރެވޭ ފަދަ ފަންނީ އިލްމުތަކެކެވެ. އެ ފަންނީ އިލްމުތައް އެބަ ރައްކައުތެރި ކުރެވޭތޯއެވެ؟ މަސްވެރިކަމާ ބެހޭގޮތުން ދިވެހި ކާބަފައިން އެއްކޮށްފައި ހުރި ފަންނީ އިލްމުތަކާއި ހުނަރުތައް ގެއްލިގެން ދާ އިރު، އެ އެއްޗެތި ސަލާމަތް ކޮށް ރައްކައުތެރި ކުރުމަށް ކުރެވޭ މަސައްކަތެއް އެބައޮތްތޯއެވެ؟

ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީގެ ފެކަލްޓީތައް މިހާރު ހުރި ގޮތް މުރާޖައާ ކުރާ އިރު، އިލާހިއްޔާތާއި ދީނާއި ދީންތައް އަޅައިކިޔުމުގެ އިލްމުތައް ވަކި ފެކަލްޓީއަކަށް، އިޖުތިމާއީ ސައެންސާއި ހިޔުމޭނިޓީޒް ވަކި ފެކަލްޓީއަކަށް، އިގުތިސާދީ އިލްމާއި ވިޔަފާރިއާއި މެނޭޖްމަންޓާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން ވަކި ފެކަލްޓީއަކަށް، ބަހަވިއްޔާތުގެ އިލްމާއި ބަސްތަކާއި ތައުލީމުގެ ތިޔަރީ އާއި މުދައްރިސުން ތަމްރީނު ކުރުން ފަދަ ކަންކަން ވަކި ފެކަލްޓީއަކަށް، ތަބީއީ ސައެންސާއި ހިސާބުގެ އިލްމުތައް ވަކި ފެކަލްޓީއަކަށް، ގާނޫނާއި ޖުރިސްޕްރޫޑެންސާއި ސިޔާސަތުގެ އިލްމުތައް ވަކި ފެކަލްޓީއަކަށް، އިންޖިނިޔަރިންގ އާއި ޓެކްނޯލޮޖީ އާއި ކޮމްޕިޔުޓަރު ސައެންސުގެ އިލްމުތައް ވަކި ފެކަލްޓީއަކަށް، ބޭސްވެރިކަމާއި ފަރުވާޔާއި ސިއްހަތާ ބެހޭ އިލްމުތައް ވަކި ފެކަލްޓީއަކަށް، އާޓާއި ތިޔެޓަރާއި ތަމްސީލު ފަދަ ހުނަރުތައް ވަކި ފެކަލްޓީއަކަށް ލުމަކީ އަޅުގަނޑަށް ފެންނަ އެއް ގޮތެވެ. މި ފެކަލްޓީތަކުގެ ދަށުން، މިހާރު ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީގައި ހުރި ހުރިހާ ޕްރޮގްރާމްތަކާއި، އިތުރު އެތައް ޕްރޮގްރާމްތަކެއް ހިންގޭނެއެވެ. ދިވެހިރާއްޖެއަށް ނުހަނު މުހިއްމު، އެކަމަކު ދިވެހިރާއްޖޭގެ ޔުނިވަރުސިޓީތަކުގައި މިހާރު "އަތް ވެސް ނުލާ" ދާއިރާތަކެވެ. ދިވެހި ތާރީޚާއި، ދިވެހި ކަނޑުތަކާއި އޯޝަނޯގްރަފީ އާއި، ދިވެހި ބިމުގެ ޖިޔޮލޮޖީ އާއި ޖިޔޮގްރަފީ ފަދަ ދާއިރާތަކެވެ.

ދެން އޮތީ ޔުނިވަރުސިޓީތަކުގެ އިލްމީ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ކޮންމެހެން ކުރާން ޖެހޭ އެހެން ބައެއް ކަންތައްތަކެވެ. މިހާރު އަޅުގަނޑުމެންގެ ޔުނިވަރުސިޓީތަކުގައި، އެކިއެކި ދާއިރާތަކުން ރަނގަޅު ޕްރޮފެސަރުން އެއްގޮތަކަށް ވެސް ނެތެވެ. ކުރިމަގުގައި ވިސްނާން ވީ ދިވެހީންގެ ތެރެއިން ޕްރޮފެސަރުން ވެސް އުފެއްދުމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި އޮތް އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ އަޅުގަނޑުމެންގެ ޔުނިވަރސިޓީތަކުގެ ކޮންމެ ފެކަލްޓީއަކަށް ވެސް ރާއްޖެއިން ބޭރުގެ ފެންވަރު ރަނގަޅު ދެތިން ޕްރޮފެސަރުން ގެނައުމެވެ. ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީއަށް ސާޅީހަކަށް ޕްރޮފެސަރުން ބޭރުން ގެނެސްފި ނަމަ، އެ ބެއިފުޅުންގެ ޚަރަދުތަކަށް ކޮންމެ އަހަރަކު ހޭދަ ވާނީ ގާތްގަނޑަކަށް ފަންސާހަކަށް މިލިޔަން ރުފިޔާއެވެ. މިއީ މިހާރު ދިވެހި ދައުލަތުން ސިޔާސީ ޕާޓީ އެކްޓިވިސްޓުންނަށް ބޮޑު މުސާރަތައް ދިނުމަށް ޓަކައި ކޮންމެ އަހަރަކު އިސްރާފު ކުރަމުން ގެންދާ ފައިސާގެ ހަބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު އަދަދެކެވެ. ވިސްނަވާށެވެ. އަޅުގަނޑުމެންގެ ގައުމަށާއި، ގައުމުގެ މުސްތަގުބަލަށް ފައިދާ ހުރި ގޮތަކީ މި ފައިސާ ސިޔާސީ އެކްޓިވިސްޓުންނަށް ސިޔާސީ މަގާމުތަކުގެ މުސާރަ ދިނުންތޯއެވެ؟ ނުވަތަ ރާއްޖެއިން ބޭރުގެ ރަނގަޅު ޕްރޮފެސަރުން ގެނެސްގެން ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީ ތަރައްގީ ކުރުމަށް މި ފައިސާ ބޭނުން ކުރުންތޯއެވެ؟

މީގެ އިތުރުން ވެސް ކުރާން ޖެހޭ ބައިވަރު ކަންކަން އެބަހުއްޓެވެ. ރާއްޖެއިން ބޭރުން ގެނެވޭ ޕްރޮފެސަރުން ބޭނުން ކޮށްގެން، ދިވެހި ޕްރޮފެސަރުން އުފައްދައި، ދިވެހި އެކަޑަމީޝަނުން ގިނަ ކުރުމެވެ. ޔުނިވަރުސިޓީތަކުގައި އިލްމީ ދިރާސާ ކުރުމާއި، ފޮތް ލިޔުމާއި، އިލްމީ ޖާރނަލްތައް ނެރުމާއި، އިލްމީ ކޮންފަރެންސްތައް ބޭއްވުން ފަދަ ކަންކަން ގިނަ ކުރުމެވެ. ދައުލަތުން ޔުނިވަރުސިޓީތަކަށް ކުރާ ހޭދަ އިތުރު ކުރުމާއި، އަމިއްލަ ވިޔަފާރިތަކުން ކޯރޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ކުޑައިގެ ދަށުން ޔުނިވަރުސިޓީތަކަށް ޚަރަދު ކުރުން ގާނޫނީ ގޮތުން ލާޒިމު ކުރުމާއި، ޔުނިވަރުސިޓީ ޕްރޮފެސަރުންނާއި މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމާއި، ސްކޮލަރޝިޕް ޕްރޮގްރާމްތައް ގިނަ ކުރުމެވެ. ރާއްޖެއިން ބޭރުގެ ރަނގަޅު ޔުނިވަރުސިޓީތަކާއި، އިސްލާމީ ގައުމުތަކާ އޮންނަ އިލްމީ ގުޅުން ވަރުގަދަ ކުރުމެވެ. އަޅުގަނޑުމެންގެ ޔުނިވަރުސިޓީތަކުގައި މިހާރު ހަމައެކަނި ނަމަކަށް ހުންނަ ކުތުބުޚާނާތައް ވަރުގަދަ ކޮށް، ޔުނިވަރުސިޓީތަކަކާ އެކަށޭނަ ފެންވަރުގެ ކުތުބުޚާނާތަކަކަށް ހެދުމެވެ. ޔުނިވަރުސިޓީތަކަކީ "އިސްލާހިއްޔާތަކެއް" ނުވަތަ "ޕަބްލިކް ޓޮއިލެޓްތަކެއް" ނޫންކަން ހަނދާނުގައި ބަހައްޓައިގެން، ކޯސްތަކަށް ވެއްދުމުގައި ހަރުދަނާ މިންގަނޑުތަކެއް ތައާރަފު ކޮށް އެ މިންގަނޑުތަކަށް ފެތޭ ކުދީންނަށް ނޫނީ ޔުނިވަރުސިޓީތަކުން ޖާގަ ދިނުން ހުއްޓައިލުމެވެ. ކޮންމެ ޔުނިވަރުސިޓީއެއްގައި ވެސް އެކިއެކި ދާއިރާތަކުން ޕްރޮފެސަރުންނާއި ލެކްޗަރާރުންނާއި ދަރިވަރުން ހިމެނޭ ޓީމުތަކުން ދިރާސާތައް ކުރާ މިންވަރު އިތުރު ކުރުމެވެ. ދިވެހިރާއްޖޭގެ ޔުނިވަރުސިޓީތަކާއި ކޮލެޖުތަކުގައި މިހާރު ގެންގުޅޭ "ކުއަންޓިޓީ ނޮޓް ކޮލިޓީ" ސިޔާސަތު ހަމަ މުޅީން އެކޮޅުކޮޅުން ޖެހުމެވެ. ފޮތް ނުކިޔައި، އަމިއްލަޔަށް އެސައިންމެންޓް ނުހަދައި ޑިގްރީ ހޯދުމާއި، އުމުރުން ސާޅީސް އަހަރު ވާންދެން އެއް ދާއިރާއެއްގައި އުޅެފައި، ދެން ކުއްލިޔަކަށް އެހެން ދާއިރާޔަކުން ޑިގްރީ ނެގުމާއި، ދިވެއްސެއް އިނގިރޭސިއެއް ޢަރަތްބެއް ނޭނގޭ މީހުން ޔުނިވަރުސިޓީތަކަށް ވައްދައިގެން ޑިގްރީ ސެޓުފިކެޓް ދިނުން ފަދަ ބިރުވެރި އަދި ނުރައްކައުތެރި ކަންކަން ވަގުތުން ވަގުތަށް ހުއްޓުވުމެވެ. ފައިސާޔަށް އެސައިންމަންޓް ހަދައިދޭ މީހުންނާ މެދު ފިޔަވަޅު އެޅުމެވެ. ވިޔަފާރި ކުންފުނިތަކެއް ފަދައިން ހަދައިފައި އެހެރަ "ކޮލެޖުތައް" ހަގީގީ ކޮލެޖުތަކަކަށް ބަދަލު ކުރުމަށް ބާރު އަޅައި، އެކަން ކުރުވުމެވެ. ފެންވަރު ނުހިފަހައްޓާ ތަންތަނާ މެދު ފިޔަވަޅު އެޅުމެވެ.

މި ކަންކަމުގެ ތެރެއިން، ސަރުކާރުގެ ސިޔާސަތަށް ގެންނާން ޖެހިފައި އޮތް އެންމެ ބޮޑު އެއް ބަދަލަކީ، މަޑުމަޑުން، ދިވެހި ކުދީން ސަރުކާރުގެ ނުވަތަ ދިވެހި ކުންފުނިތަކުގެ ޚަރަދުގައި ޑިގްރީޔަށް ކިޔެވުމަށް ޓަކައި ބޭރަށް ފޮނުވުން ހުއްޓައިލުމެވެ. އެ ކަމަކީ ކަނޑައެޅި ބަޔާން ވެފައި ވާ އިސްތިސްނާ ހާލަތެއްގައި މެނުވީ ނުކުރެވޭ ކަމަކަށް ހެދުމެވެ. ދައުލަތުގެ ޚަރަދުގައި ބޭރަށް ދެވޭނީ ހަމައެކަނި މާސްޓަރޒް ނުވަތަ ޕީއެޗްޑީއަށް ކިޔެވުމަށް ކަމުގައި ހެދުމެވެ. މިހެން ހެދުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންގެ ތެރެއިން "ކްރީމްކޮޅު" ރާއްޖޭގެ ޔުނިވަރުސިޓީތަކަށް ވައްދައި، އެ ތަންތަނުގެ ދަރިވަރުންގެ ފެންވަރު ރަނގަޅު ވާނެ ގޮތް ހެދުމެވެ. ދެވަނަ ބޭނުމަކީ ދިވެހި ކުދީންނަކީ ދިވެހި ޔުނިވަރުސިޓީތަކުން، ދިވެހި ގައުމުގެ މަސްލަހަތުތަކާ އެއްގޮތަށް، ދިވެހި ގައުމިއްޔަތުގެ އަސާސްތަކުގެ މަތީގައި، ދިވެހި އެއް ވިސްނުމަކަށް ބިނާ ކުރެވޭ ކުދީން ކަމުގައި ހެދުމެވެ. ރާއްޖޭގެ ކޮންމެ ދާއިރާޔަކީ، އެ ދާއިރާޔަކުން އިނގިރޭސި ވިލާތުން ކިޔެވި ގުރޫޕާއި، މިޞުރުން ކިޔެވި ގުރޫޕާއި، ސުޢޫދީ ޢަރަބިއްޔާއިން ކިޔެވި ގުރޫޕާއި، އިންޑިޔާއިން ކިޔެވި ގުރޫޕުގެ މީހުންގެ ފިކުރީ ތަޅައިފޮޅުމުގެ މައިދާނަޔަށް ވެފައި އޮންނައޮތުން ނިމުމަކަށް ގެނައުމެވެ. ނަމަވެސް މި ފަދަ ބޮޑު ބަދަލެއް ގެނެވޭނީ ރާއްޖޭގެ ޔުނިވަރުސިޓީތަކުގެ ފެންވަރު ރަނގަޅު ކޮށްގެންނެވެ. މިކަން ކުރާން ވާނީ މަޑުމަޑުންނޭ ދެންނެވީ އެހެންވެގެންނެވެ.

މަތީ ތައުލީމުގެ ނިޒާމު ފުރިހަމަ ވެގެން ދާއިރު، އެކިއެކި ދާއިރާތަކުން ދިރާސާތައް ކުރުން ފަދަ އިލްމީ މަސައްކަތްތައް ކުރާނޭ ތަންތަން ގައުމުގައި ގިނަ ކުރުމަކީ ވެސް މުހިއްމު ކަމެކެވެ. ދިވެހި ދައުލަތުން އުފައްދައިފައި ހުންނަނީ ކިތައް ދިރާސާ މަރުކަޒުތޯއެވެ؟ ކިތަން އޮބްޒަރވޭޓްރީތޯއެވެ؟ އިލްމީ މީހުން މި ގައުމުގައި ޖެހެނީ ގަނަ ތެޅޭންށެވެ. ތާރީޚު ފަދަ އިލްމުތަކުން ބޭރުން ކިޔަވައިގެން އައިސް ތިބި ދިވެހީން އެތިބީ، ކުރާނޭ މަސައްކަތެއް، އަދާ ކުރާނޭ ވަޒީފާއެއް ނެތިފައި، ކިޔެވި އެއްޗަކާ ނުވެސް ގުޅޭ ދާއިރާއަކުން ކިޔަވައިދިނުން، ނުވަތަ އޮފީހެއްގެ އިދާރީ މަގާމެއް އަދާ ކުރުން ކަހަލަ ކަމަކުން ކުޑަކުޑަ އާމުދަނީއެއް ހޯދައިގެން، ނާއުއްމީދު ވެފައެވެ. އަމިއްލަ ފަރާތަކުން އިލްމީ ދިރާސާތައް ކުރުން ފަދަ ކަމެއް ކުރާނޭ އިންސްޓިޓިޔުޓެއް ކަހަލަ ތަނެއް ހަދާން ބަލާ އިރު، އެންމެ ކުޑަމިނުން އެކަން ތަންޒީމު ކުރާނޭ ގާނޫނުގަނޑެއް ނެތެވެ. އެޔަށްވުރެ ވެސް ހިތާމަ ހުރި ކަމަކީ، އެފަދަ މަސައްކަތަކަށް ފައިސާ ލިބޭނޭ ހަމަ އެއްގޮތެއް ވެސް ނޯވެއެވެ. މި ވެސް ސަރުކާރުން ހައްލު ކުރާން ވެފައި ހުރި ބޮޑެތި މައްސަލަތަކެވެ. މި މައްސަލަތައް ހައްލު ކޮށް، އިލްމީ ގޮތުން ފުރާފުރިހަމަ އަދި ތަސައްރަފު ފުދޭ ގައުމަކަށް ވެގެން ނޫނީ އަޅުގަނޑުމެންނަކަށް މުސްތަގުބަލެއް ނެތެވެ. ދިވެހި ގައުމަކަށް ކުރިމަގެއް ނެތެވެ. ގައުމުގެ ކުރިމަގަކީ "ޑިމެގޯގުން" ދައްކާ ހުސް ވާހަކަތަކާއި، ދޭތެރެދޭތެރެއިން ނަށައިލައިފައި ކިޔާ ގައުމީ ލަވަޔަކުން ބިނާ ކުރެވޭ އެއްޗެއް ނޫނެވެ.

comment ކޮމެންޓް