މިއަހަރު އިތުރު ސްޓޫޑަންޓް ލޯން ސްކީމެއް ހުޅުވާލެވޭނެކަމަށް ނުބެލެވޭ: މިނިސްޓަރު

ފެބްރުއަރީ 17، 2020: މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

މިއަހަރު އިތުރު ސްޓޫޑަންޓް ލޯން ސްކީމެއް ހުޅުވާލެވޭނެކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު 550 ސްޓޫޑަންޓް ލޯންގެ ފުރުސަތު ހުޅުވާލި އެވެ. އަދި މިއަަހަރުގެ ފަހުކޮޅުވެސް އިތުރު ލޯނު ސްކީމްތަކެއް ހުޅުވާލަން ވިސްނާކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވެގެންވާނަމަ ކުރިން ވެސް ހުޅުވާލީ ފުރުސަތުތަކަށް މަގުފަހިކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ކިރިޔާވެސް އިގްތިސޯދު ޖާގަދެންޏާ އަޅުގަނޑުމެން މި ފުރުސަތު ދޭ ގޮތަށް މިތިބީ. މީހުން ބިނާކޮށްގެން ގައުމު ކުރިއަށް ދާނީ. ދިވެހީން ބިނާކޮށްގެން މިކަހަލަ ހާލަަތަކަށް މުސްތަގުބަލުގައި ދިމާވެއްޖިއްޔާވެސް އެކަމުގައި މަސައްކަތްކުރާނެ ފަންނުވެރި ހުނަރުވެރި ދަރިންތަކެއް ރާއްޖޭގައި ތިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ލޯނު ސްކީމްގެ އެޕްލިކޭޝަންތައް މިހާރު ޗެކްކުރަމުން އަންނަ ކަމަށާއި އެކަން ލަސްވަނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިހާރު މިބަލަނީ ވީހާވެސް ގިަނ އެޕްލިކޭޝަންތައް ޕްރޮސެސްކޮށްފަ އެ މަރުހަލާ ނިންމޭތޯ. އެ މަރުހަލާ ނިމޭއިރަށް އަޅުގަނޑުމެން މިކަމާ ބެހޭގޮތުން އިތުރުގޮތެއް ނިންމާކަމަށް ވާނަމަ އަޅުގަނޑުމެން އެކަން އާންމުކޮށް އިއުލާންކުރާނެ. އެހެން ނަމަވެސް އަދި މިވަގުތު ވިސްނުމެއް ނެތް އިއުލާންކޮށްފަ އޮތް ގޮތް ނޫންް ގޮތަކަށް އިއުލާންކުރާކަަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައިސްފައިވާ ބޮޑު ހީނަރުކަމާއެކު އޭގެ އަސަރު ހުރިހާ ދާއިރާއަކަަށް ކުރިމަތިވާނެކަމަށެވެ. އެހެންކަމުން މިއަހަރު އިތުރު ލޯނުތައް ތައާރަފް ކުރެވޭނެ ކަމުގެ ޔަގީންކަން އަދި ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

އެ ޔަގީންކަން ދެވެން ނެތް ނަމަވެސް ނަމަވެސް އެންމެ ފަހުން ހުޅުވާލި ލޯނު ސްކީމަށް ހުށަހަޅާފައި ހުރި އެޕްލިކޭޝަންތައް އެސެސްކޮށް އެއާމެދު ގޮތެއް ނިންމޭތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުގެ ލޯނު ސްކީމްގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިއެކޭވެސް އެއްގޮތަށް ލޯނު ލިބޭނެކަމަށެވެ.

comment ކޮމެންޓް