ފެނަށް ދަތިވެ 40 އަށްވުރެ ގިނަ ރަށުން އެހީއަށް އެދިއްޖެ

ތިމާވެށީގެ ހާލަތު ބައްލަވާލެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު މ. އަތޮޅުގެ ރައްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާ ގުޅިގެން 40 އަށްވުރެ ގިނަ ރަށުން ފެން ލިބުމަށް ދަތިވެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ މިހާތަނަށް ރަށްރަށުން ފެން ހުސްވެގެން 48 ރަށުން ވަނީ ފާހަގަކޮށްފައި ކަމަށެވެ. އަދި އޭގެތެރެއިން 27 ރަށަކަށް މިހާރު ވަނީ ފެން ފޯރުކޮށްދީފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފެނަށް ދަތިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ރިޕޯޓުކޮށްފައިވަނީ ހއ. އާއި ހދ. އާއި ށ. އާއި ނ. އާއި ރ. އާއި ބ. އާއި ޅ. އާއި އއ. އާއި އދ. އާއި ތ. އާއި ލ. އަދި ގދ. އަތޮޅުގެ ބައެއް ރަށްތަކުން ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އެކަމާ ގުޅިގެން އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިރޭ "ސަން" އަށް ވިދާޅުވީ ފެނަށް ޖެހިގެން ނޮޓިފައިކުރާ ހާއްސަ ރަށްތަކެއް ހިމެނޭ ކަމަށާއި އެއީ ހޫނު މުސުމާ ގުޅިގެން އާންމުކޮށް ދިމާވަމުން އަންނަ މައްސަލައެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ނުހުރޭ ޕޯޓަބަލް ވޯޓާއެއް. ވާރޭ ވެހޭ މޫސުމުގައި ފެން ނަގައި ރައްކާ ކުރެވިފައި ނެތިއްޔާ އެރަށް ފެނަށް ޖެހުން ވަރަށް އެކަށީގެންވޭ،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކުރިންވެސް ޕްރޮގްރާމެއް ހިންގާ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފެނަށް ދަތިވެފައިވާކަން ރިޕޯޓުކުރާނީ ކައުންސިލުން ކަމަށެވެ. އަދި އެގޮތަށް މައްސަލަ ރިޕޯޓުކުރުމުން އެސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ ކުއްލިއަކަށް ވެގެން އުޅޭ ކަމެއް ނޫން. ހަމަ ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ހިންގާ ޕްރޮގްރާމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް