ދަނޑުވެރިކަމަށް ސިޔާސަތެއް ނުފެނޭ! މިނިސްޓަރު ކޮބާ؟

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު -- ސަންފޮޓޯ/ ފަޔާޒު މޫސާ

މާލެއަށް އަރައި ފޭބުން މަނާކޮށް ލޮކްޑައުން ކުރުމާ އެކު ރޯދަމަހަށް ހާއްސަކޮށްގެން ދިވެހި ދަނޑުވެރިން ހެއްދި ތަކެތި ވިއްކޭނެ ގޮތެއް ނެތި ދަނޑުވެރިން ތިބީ މާޔޫސްވެ، ކަރުއެލިފަ އެވެ. ހެއްދިހާ ކަރާ ކިޔުކަމްބާ ތޮރާ ފަދަ ތަކެތި ކުނިވާ އަތަށް ވަނީ އަޅާފަ އެވެ. ކުރިހާ ހަރަދާއި ބުރަ މަސައްކަތް ފެނަށް ދާތަން ބަލަން ކެތް ނުކުރެވިގެން ބައެއް ރަށްރަށުން ކައިރި ރަށްތަކަށް ހަދިޔާގެ ގޮތުގައި ތަކެތި ދަނީ ބަހަމުންނެވެ.

"މިފަހަރު ތޮއްޑޫގައި ހެއްދި ގިނަ ތަކެތިވެސް މާލެ ގެންދެވޭނެ ގޮތެއް ނެތިގެން އުކާލަން ޖެހެނީ. ގިނަ ތަކެތި ރަށްރަށް މި ބަހާލީ. މާލެއަށް ގެންގޮސް ތަކެތި ވިއްކޭނެ މަގެއް ސަރުކާރުން ނުދައްކާ." ތޮއްޑޫގެ ދަނޑުވެރިއަކު ޝަކުވާކުރި އެވެ.

މިހުރިހާ ކަމެއް މިހެންވާއިރު ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ ވަޒީރުގެ ހިލަމެއްވެސް ނެތެވެ. އެކަމާ ބެހޭގޮތުން ބަހެއްވެސް ބުނެ ނުލަ އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަ މިނިސްޓްރީގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ގޭތެރޭގައި ކޮޕީފަތް ހައްދާނެ ގޮތުގެ ވީޑިއޯއެއް އާންމުކޮށްލުން ފިޔަވާ ވީ ހަމަ އެއްވެސް ކަމެއް ނެތެވެ. އުފެދޭ ސުވާލަކީ ދަނޑުވެރިންގެ މުސްތަގުބަލާ މެދު މިނިސްޓަރު ޒަހާ ވަހީދު ވިސްނަވަނީ ކިހާވަރަކަށް ހެއްޔެވެ؟ އަދި ރާއްޖޭގެ ދަނޑުވެރިކަމަށް މިނިސްޓަރު ގެންގުޅުއްވާ ދުރު ރާސްތާ ޕްލޭނަކީ ކޮބައި ހެއްޔެވެ؟ ދަނޑުވެރިކަން ކުރިއަރުވާ ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރަން އެކަމަނާގެ މިނިސްޓްރީއިން މި ދަނޑިވަޅުގައި ކުރައްވަނީ ކޮން ކަމެއް ހެއްޔެވެ؟

ތޮއްޑޫ ކަރާ ދަނޑުގައި ދަނޑުވެރިން --- ސަން ފޮޓޯ: އަހްމަދު ޝަރުވާން

ކޮރޯނާވައިރަހާ އެކު އިގްތިސާދަށް އަންނަ ބޮޑެތި ލޮޅުންތަކާ އެކު، ދިވެހިން ކާން ބޭނުންވާ ތަކެތި ރާއްޖޭގައި ހައްދަން ފަށަން ޖެހޭ ކަމުގެ އަޑު މިވަނީ އާންމުންގެ ތެރޭގައި ގަދަވެފަ އެވެ. މި ވާހަކަ ފެށުން ގުޅިފައިވަނީ ރާއްޖެ އިމްޕޯޓަށް ބަރޯސާވެފައި އޮތުމުން ދިވެހިންގެ އފުޑް ސެކިއުރިޓީއާ މެދު ސުވާލު އުފެދޭތީ އެވެ.

ކޮވިޑް 19 ގެ ސަބަބުން ގިނަ ގައުމުތަކެއް ލޮކްޑައުން ކުރުމުން ރާއްޖޭން ބޭރުން ގައުމަށް އެތެރެކުރާ ތަރުކާރީ މޭވާ ފަދަ ތަކެތި އެތެރެކުރުމުގައި ދަތިތަކެއް އެބަ ހުއްޓެވެ. އެހެންވެ، ގިނަ ބަޔަކު ބުނާ ގޮތުގައި މި ވަގުތު ރާއްޖެއަށް އޮތް ހައްލަކީ، ރާއްޖޭގައި ހެއްދޭނެ ތަކެތި ހައްދައި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވަނީ 40 ރަށެއް ދަނޑުވެރި ކަމަށް ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ހެއްދޭނެ ބާވަތްތައް ކަނޑައަޅައި އެތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް އަދި އެ ސިޔާސަތު ތަންފީޒުވާތަނެއް ނުފެނެ އެވެ. ކަންކަން ލަސްވަމުން ދާތީ ދަނޑުވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު އެ ސިޔާސަތު ތަންފީޒު ކުރުމަށް ދަނޑުވެރިކަމާ ގުޅޭ މިނިސްޓްރީއިން ކުރާ އަމަލީ މަސައްކަތެއް ނުފެނެ އެވެ. އެކަން ތަންފީޒުކުރަން ގެންގުޅޭ ދުރު ވިސްނުމާއި އެކަމަށް އޮތް އުސޫލެއްވެސް ނެތެވެ.

ރޯދަމަސް ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މިނިސްޓަރު ޒަހާ ވަހީދު ހާޒިރު ކުރި އެވެ. އަދި ދަނޑުވެރިކަން ކުރިއަރުވަން މިނިސްޓަރުގެ އޮތީ ކޮންޕްލޭނެއްތޯ މެމްބަރުން ސުވާލު ކުރެއްވި އެވެ.

އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑާ) ސުވާލު ކުރެއްވީ ދަނޑުވެރިކަން ކުރިއަރުވަން މިނިސްޓަރުގެ އޮތް ދުރު ރާސްތާ ޕްލޭނަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލަށް މިނިސްޓަރު ޒަހާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެއަށްވެސް ދެއްވީ ނުގުޅޭ ޖަވާބެކެވެ. މެމްބަރު ބޮންޑާގެ ވާހަކަ މުޅިން އޮޅުވާލައްވައި ދެއްކެވީ އަނެއްކާވެސް އެއްކަލަ ތިން އަހަރަށް ރަށްރަށުން ބިން ދޫކުރާ ވާހަކަ އެވެ. ބޮންޑާގެ ސުވާލަކީ ދުރު ރާސްތާއަށް ދަނޑުވެރިކަމަށް އޮތް ޕްލޭންއާ ބެހޭ ގޮތުންނެވެ.

"އަޅުގަނޑުމެންގެ ވިސްނުންތެރިކަމާ އެކު މި ކުރަނީ މި މަސައްކަތުގައި ޝާމިލުވެ ތިބެ ފުޑް ސެކިއުރިޓީ އަކީ ގައުމަށް ވަރަށް މުހިންމު ކަމެއްކަން ދެކި މި މަސައްކަތުގައި ދެމިތިބެވޭނެ ގޮތަކަށް ކަންކަން ތަރުތީބު މިކުރަނީ." ދަނޑުވެރިކަމުގެ ދުރު ރާސްތާ ޕްލޭނާ ބެހޭ ގޮތުން މެމްބަރު ކުރެއްވި ސުވާލަށް މިނިސްޓަރު ޒަހާ ދެއްވީ ވަރަށް އާންމު ޖަވާބެކެވެ.

އައިދޫގައި ދަނޑުވެރިކަން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އޭދަފުށީ ޓައިމްސް

ވާހަކަ އޮޅުވާލުމުން މިނިސްޓަރަށް ރައްދު ދެއްވާ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ "އެހެންވީމަ ދުރު ރާސްތާގެ ޕްލޭނެއް ނެތް ދެއްތޯ؟" އެވެ.

"ދުރު ރާސްތާގެ ޕްލޭނަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭންގައި އޮންނާނެ ރާއްޖޭގެ ތިން ސަރަހައްދުން ތަކެތި ގަނެވިއްކާ ބާޒާރުތަކެއް ހަދާނަމޭ. އެހެންވީމަ މިހިސާބަށް ދިޔުން އަޅުގަނޑުމެންގެ އަމާޒަކީ." ޒަހާ ވިދާޅުވި އެވެ.

އޭގެ އިތުރުން ފަލަމަޑީގެ ބާވަތްތައް ހެދުމަށް މިނިސްޓަރު އިލްތިމާސްކުރެވި އިރު ދަނޑުވެރި ކަމަށް ރަށެއް ތިން އަހަރަށް ދޫކުރާތީ އެކަމާ ގުޅިގެންވެސް މެމްބަރުން ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، ރުށްދަނޑެއް ނުވަތަ ބަނބުކެޔޮ ގަސްތަކެއް ހައްދަން އިންވެސްޓްކޮށްފައި ރަށުން ފައިބަން ޖެހުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ.

"ރަށްތައް ދޫކުރަން މިއޮތީ ތިން އަހަރަށް ކަނޑައެޅިފަ. ރަށްތައް ދޫކުރުމުގަ ކިހިނެތްތޯ ވިސްނާފަ އޮތީ. މިހެން މިބުނީ ރުކެއް ފޯދެން އެބަ ނަގާ ފަސް އަހަރު. ރުށްދަނޑު ހައްދާ މީހާ ރުށްދަނޑު ހައްދާފަ އެތަނުން ފައިބަން ޖެހޭނެ ގޮތަކަށް މިއޮތީ." މެމްބަރު މުހައްމަދު ރަޝީދު ސުވާލު ކުރެއްވި އެވެ.

އެސުވާލަށްވެސް ސީދާ ޖަވާބެއް މިނިސްޓަރު ނުދެއްވަ އެވެ. ވިދާޅުވީ ތިން އަހަރަށް ދޫކުރަން ނިންމާފައި އޮތީ މީހުން ދިރިއުޅޭ ރަށްރަށުން ދޫކުރާ ބިންތައް ކަމަށެވެ. އަދި ތިން އަހަރު ތެރޭގައި ކާބޯތަކެތި އެ ދަނޑުތަކުގައި ހައްދައިގެން ނެރެދެއްވުމަށް އެދޭ ކަމަށް ވިދާޅުވި އެވެ. ދިގު މުއްދަތުން ހެދޭ ތަކެތި ހެއްދޭނެ އުސޫލެއްވެސް މިނިސްޓަރު ވިދާޅުވެ ދެއްވާފައެއް ނެތެވެ.

އެޖަވާބާ ގުޅިގެން މެމްބަރު ބޮންޑާ ވިދާޅުވީ ދުރު މުސްތަގުބަލަށް މިނިސްޓަރު ވިސްނަވާހެން ހީނުވާ ކަމަށެވެ. އަދި ވިދާޅުވީ؛ "ރައްޔިތުން ދާށޭ ރަށަށް. ރަށު ފެންވަރުގައި ފަލަމަޑި ހައްދަން" އެހެން ބުންޏަސް އަދި ކަންކަން ހަމަނުޖެހޭނެ ކަމަށެވެ.

ފައިނުގެ ދަނޑުބިމެއްގައި މީހުން އަވަދި ނެތި މަސައްކަތް ކުރަނީ -- ފޮޓޯ/ އަހުމަދު ނައުޝާދު

ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަނޑުވެރިން ތަކެތި ހައްދާއިރު ޕެސްޓިސައިޑް ނުވަތަ ގަހަށް ޖަހާ ބޭސް މާ ގިނައިން ބޭނުން ކުރާ މައްސަލަ އެވެ. އެކަމަށް ގާނޫނެއް ހެދި ނަމަވެސް އެކަން ތަންފީޒު ކުރެވެމުން ނުދާތީ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.

މިނިސްޓަރު ޒަހާ އެންމެ ފަހުން ބައިވެރިވެ ވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ ގަސްތަކަށް ކާނާ އަދި ބޭސް އެޅުމުގައި އަމަލު ކުރާނޭ ގޮތުގެ ގައިޑްލައިނެއް އޮންނާނެ ކަމަށެވެ.

އެކަމަށް ގާނޫނެއް އޮންނަ ކަންވެސް ދަނޑުވެރިންނަށް އެނގެ އެވެ. ގައިޑްލައިނެއް އޮންނަކަންވެސް އެނގެ އެވެ. އެކަމަކު އަވަހަށް ތަކެތި ހައްދަން ބޭސް ބޭނުން ކުރަނީ އެވެ. ސުވާލަކީ އެކަން ހުއްޓުވަން ނުވަތަ މޮނިޓަ ކުރާނީ ކިހިނެތް ހެއްޔެވެ؟ އެކަން މޮނީޓާ ކުރަން ފިޝަރީޒް މިނިސްޓްރީއިން މިހާތަނަށް ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ.

މިހާރު ދަނޑުވެރިން ހައްދާ ތަކެތި ގަތުމަށް ވަނީ ވަކި ކުންފުންޏެއް ހަދާފަ އެވެ. އެ މަސައްކަތްކުރަނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ، އެސްޓީއޯއިންނެވެ. މިހުރިހާ ކަމެއް ހިނގަމުން ދާއިރު ދަނޑުވެރިން ކުރާ ސުވާލަކީ މިނިސްޓަރު ޒަހާ ވަހީދު ކޮބައި ހެއްޔެވެ؟ ދަނޑވެރިން ހެއްދި ތަކެތި އުކާލަން ޖެހި ދަނޑުވެރިން ކަރުއެލުވާލާފައި ތިބި މި ދަނޑިވަޅުގައި ވަޒީރުގެ ހަބަރެއް ދަނޑުވެރިންނަކަށް ނުވެ އެވެ. އެ މީހުންގެ ވިޔަފާރިއަށް އެހީވުމަށް އޮތް ޕްލޭނެއް ތަންފީޒުވަމުން އަންތަނެއް ނުފެނެ އެވެ. އެ މަސައްކަތް ކުރައްވަން ހުންނެވީ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރެވެ. އެކަމަކު އެކަމަނާގެ ފަރާތުން ހަބަރެއް ނުވެ އެވެ.

comment ކޮމެންޓް