ޗެލްސީއިން އަދި ލިވަޕޫލާއި، ސިޓީއާ އެއްހަމައަކަށް އަރާނެ: ލަމްޕާޑް

ޗެލްސީގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ---

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކުރީގައި މިވަގުތު އޮތްް ލިވަޕޫލާއި މެންޗެސްޓާ ސިޓީއާ އެއް ހަމައަކަށް މިވަގުތު ނޭރުނަސް އަދި އެހިސާބަށް ދާނެ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަންޕާޑް ބުނެފި އެވެ.

އުމުރުން 18 އަހަރު ނުވާ ކުޅުންތެރިން ގަނެވިއްކި މައްސަލައިގައި ދެ ސީޒަނުގެ ޓްރާންސްފާ ބޭންއެއް އައިސްފައިވާ ޗެލްސީގެ ޒުވާން ޓީމު ގޮވައިގެން އެ ޓީމުގެ ކޯޗު ލަމްޕާޑް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިރު ޓީމުގެ މުހިއްމު ކުޅުންތެރިން ތަކެއް ވަނީ މިފަހުން ޓީމު ދޫކޮށްލައިފަ އެވެ. އެކަމަކު ވެސް ހިތްވަރާ އެކު ކުޅެ ލީގު ވަގުތީ ގޮތުން ހުއްޓުމަކަށް އައި އިރު ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.

ސީޒަން ފެށި އިރު ޓީމު އޮތް ހާލަތުން ހަތަރުވަނައިގައި ޗެލްސީ އޮންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރި ނަމަވެސް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ޓީމު ދެއްކި ކުޅުމާ އެކު އަލަށް ހުޅުވޭ ޓްރާންސްފާ މާކެޓުން ކުޅުންތެރިން ތަކެއް ގެނެވި ޓީމު ގަދަ ބާރަކަށް ވާނެ ކަމުގެ އުންމީދު ވަނީ އައު ވެފަ އެވެ.

"އަހަރެން އަބަދުވެސް އަމިއްލަ ނަފުސަށް ފާޑުކިޔަން. ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް ކޮންމެ މެޗަކުން ވެސް ފާހަގަވޭ، ލިވަޕޫލް އަދި މެންޗެސްޓާ ސިޓީއާ އެއްހަމައެއްގައި ނޫން އަދި މިއޮތީ،" ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ، މިވަގުތު ތާވަލުގެ ހަތަރުވަނައިގައި އޮތުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އެކަަމަކު ޓްރާންސްފާ މާކެޓު ހުޅުވުމުން އައު ކުޅުންތެރިން ގެނެސް ޓީމު އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ރަނގަޅު މިސްރާބަކަށް ޓީމު މިދަނީ. ހުނަރުވެރި ޒުވާން ކުޅުންތެރިން އެބަ ތިބި، އެކުޅުންތެރިން ބަލަހައްޓާނެ ތަޖުރިބާ ހުރި ކުޅުންތެރިން ވެސް އެބަތިބި. މިގޮތަށް ކުރިއަށް ގެންދެވިއްޖެ ނަމަ ލިވަޕޫލް އަދި ސިޓީއާ އެއްހަމައަކަށް ދެވިދާނެ."

ޗެލްސީއިން ވަނީ މި ސީޒަނުގައި ކުޅުނު 29 ލީގު މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފަ އެވެ. އަދި ހަ މެޗަކުން އެއްވަރުވި އިރު ނުވަ މެޗަކުން ވަނީ ބަލިވެފަ އެވެ.

comment ކޮމެންޓް