މުދިމު ގެއްލުނުތާ ހަފްތާއެއް، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ށ.އަތޮޅުގައި ހިނގަމުން އަންނަ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުދިމު ގެއްލިގެން ހޯދަން ފެށިތާ ހަފްތާއެއް ވެފައިވާއިރު، އޭނާގެ އެއްވެސް ހަބަރެއް ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނު ކަމުގެ ރިޕޯޓު ސިފައިންނަށް ލިބިފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭގަނޑު 10:13 އެހާކަންހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ ހަބަރެއް ނުވެގެން ހޯދަމުންދާ މީހާ އެންމެ ފަހުން ލައިގެން ހުރީ ހުދު ކުލައިގެ ކުރުތާއަކާއި އަޅިކުލައިގެ ފަޓްލޫނެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމީހާއާ ބެހޭ އެއްވެސް ހަބަރެއްވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް ކޯސްޓްގާޑުން ވަނީ އެދިފައެވެ.

އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެދިފައިވެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގެ ސީސީޓީވީ ފްޓޭޖުން އެމީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާތަން ފެންނަ ކަމަށެވެ.

އެ ރެއިން ފެށިގެން އެމީހާ ހޯދަން އެ ސަރަހައްދުގައި އަންނަނީ ޑައިވް ކުރަމުންނެވެ. އަދި މިހާތަނަށް އޭނާ ހޯދަން ޑައިވް ކޮށްގެން 261،600 ސްކޮޔާމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ކުރިން ބުނެފައެވެ.

މީގެއިތުރުން ކޯސްޓްގާޑު ލޯންޗުން ކަނޑުގެ ސާފަސްގެ 48,542,000 ސްކޮޔާމީޓަރުގެ ސަރަހައްދެއް ވެސް ވަނީ ބަލައިފައެވެ. ނަމަވެސް މިހާތަނަށް އެމީހާގެ ހަބަރެއް ނުވެއެވެ.

comment ކޮމެންޓް