މަޖިލިސް:-- ފޮޓޯ/ މަޖިލިސް

އަހަރު ފެށިގެން އެތައް ދުވަހެއް ދުއްވާލީ ސީޕްލޭން ޓާމިނަލްގެ މައްސަލަ ނިންމާނެ ގޮތަކާ ބެހޭ ގޮތުން ކުރި ހޫނު ބަހުސުގަ އެވެ. އެ ބަހުސް ކުރުމުގައި ރައްޔިތުންގެ މަޖިލީހާއި އަދި އެ މަޖިލީހުގެ ކޮމެޓީތަކުގައި ވެސް ކަމަކަށް އޮތީ އެކަމެވެ. މަޖިލީހުގެ ކޮމެޓީތަކަށް ވަރުވަރުން ހާޒިރު ކުރި މީހުންގެ ތެރޭގައި އެއާޕޯޓްސް ކޮމްޕެނީގައި މަސައްކަތް ކުރި އަަދި ކުރާ، އެކި ވަރުގެ މީހުން ހިމެނެ އެވެ. އޭގެ އިތުރުން ސީޕްލޭން އޮޕަރޭޓް ކުރާ ފަރާތްތައް ހާޒިރުކޮށް ކުރި ސުވާލުތަކުގެ އިތުރަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަން ނިންމުން ނިންމި އެވެ.

އެ "ކޯޅުންތައް" ކުރިއަށް ދަނިކޮށް ސަރުކާރުން އެކަން ކޮޅެއްގައި ޖެއްސި އެވެ. އަދި ސީޕްލޭން ޓާމިނަލްއިން ޓްރާންސް މޯލްޑިވިއަން އެއާ (ޓީއެމްއޭ) އަށް، އެ މީހުން މިހާރު ބޭނުން ކުރާ ޓާމިނަލުގެ ޖާގައާ އެއްވަރަށް އަދި އެ ކުއްޔަށް (އަކަ މީޓަރަކަށް 10.35 ޑޮލަރުގެ) ދެ އަހަރު ދުވަހަށް އެ މީހުންނަށް 6،300 އަކަ މީޓަރުގެ ޖާގަ ދިނުމަށް ނިންމި އެވެ. އެއީ، ޓީއެމްއޭ އަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ނުވެދާނެ އެވެ. އެކަމަކު ދެ ފަރާތަށް ވެސް ގެއްލުން އެންމެ ކުޑަ ގޮތަކީ އެއީ ކަމަށް ގަބޫލު ކުރެވެ އެވެ.

ރަނގަޅު ވާހަކަ އެކެވެ. ރާއްޖޭގައި ޓޫރިޒަމް ހަލުއިކަމާ އެކު ކުރިއަށް ދާ ނަމަ، ސީޕްލޭން އޮޕަރޭޝަނަކީ ފައިދާ ހުރި ވިޔަފާރި އެކެވެ. އަދި ރާއްޖޭގެ ގިނަ ސަރައްހައްދުތަކެއްގައި އެއާ ސްޓިރިޕް ނޫނީ ކުދި އެއާޕޯޓްތައް ހެދެންދެން އެ ވިޔާފާރި ދާނީ ވެސް ކުރިއަށެވެ.

އެކަމަކު އަޅުގަނޑުގެ ސުވާލަކީ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީތަކުން ފޯރިއަރުވާލާފައިވާ، ވޭތުވެ ދިޔަ ދެތިން މަހު ކުރި މަސައްކަތުގެ ނަތީޖާއަކީ ކޮބައިތޯ އެވެ؟ އެމްއޭސީއެލް އާއި ޓީއެމްއޭގެ ބަޔަކު ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ދޭހަވާ ގޮތަށް ޓީވީތަކުން ލައިވްކޮށް ދެެއްކި މަންޒަރުތަކުގެ ފަހަތުން ފެނުނީ ކޮން އެއްޗެއްތޯ އެވެ؟

ފަހަރުގައި އެ ތުހުމަތުތަގެ ހަގީގަތެއް ނޯންނާނެ ކަމަށް ބުނާ ކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްހެން ބޭނުންކޮށްގެން ހިންގި ތަހުގީގުން ފެނުނީ ކޮން އެއްޗެއް ކަމެއް ތިލައެއް ނުކޮށްދެވުނެވެ. އެހެން ކަމާ އެކު އެ ކަމުގެ އާހިރު ނަތީޖާއަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލުން ފިޔަވައި ކޮން ކަމެއްތޯ އެވެ؟

އެއީ އެ ވާހަކަ އެވެ. ދެން އޮތީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިނގާ ބަހުސުގެ ވާހަކަ އެވެ. މިއީ ވެސް ވަރަށް މަޖާ ވާހަކަ އެކެވެ. ގާނޫނު އަސާސީގައި މުތުލަގަށް ކަޅާއި ހުދުން ލިޔެފައިވާ ކަމަކާ ކަނޑައެޅިގެން ދެކޮޅު ހަދަނީ އެވެ. ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް މަޖިލީހުން އިސްލާހެއް ގެނެސް ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް ދިގު ދައްމާލި އެވެ. އެކަމަކު އެ ފަސް އަހަރުގެ މުއްދަތު ފަށާނީ މިހާރު އޮތް ކައުންސިލުގެ ދައުރު ހަމަވުމުން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އެެ އުސޫލުން ބަލާއިރު މިހާރު އޮތް ކައުންސިލްގެ މުއްދަތު އަންނަ ޖޫން މަހު 3 ވަނަ ދުވަހަށް ހަމަވެ އެވެ. އެހެން ކަމާ އެކު، ގާނޫނު އަސާސީ އަށް ބަދަލު ނުގެނެސް، މިހާރު އޮތް ކައުންސިލްގެ މުއްދަތާ ކުޅޭނެ ގޮތަކީ ކޮބައިތޯ އެވެ؟ އެންމެ ކުޑަ ކުއްޖާ އަށް ވެސް އެނގޭނޭ ފަދައިން ގާނޫނު އަސާސީގައި ކަމެއް ވަކި ގޮތަކަށް ބަޔާންކޮށްފައިވަނިކޮށް، އެއާ ފުށު އަރާ ގޮތަކަށް ގާނޫނެއް ނެހެދޭނެ އެވެ. އަދި ނަމުގެ ކުރިއަށް ކިތަންމެ ދިގު އުސްތާޒެއް ލިޔަސް، އެކަން އެ ނޫން ގޮތަކަށް ވާނެ ހަމަ އެއްވެސް ގާނޫނީ ހުއްޖަތެއް ނޯންނާނެ އެވެ. އަދި ދުސްތޫރަކީ ހަމައެކަނި ގައިޑިން ޑޮކިއުމެންޓެއްގެ ގޮތުގައި ބެލެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.

ދެން އޮތީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ކުއްލި ނުރައްކަލުގެ ހާލަތާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލެތުގެ ލަފާގެ މަތީން ހެލްތު މިނިސްޓަރަށް ލިބިދޭ ގާނޫނީ އިހުތިޔާރުގެ ދަށުން އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލާ އަޅާ ކިޔުމެވެ. ރަނގަޅު ވާހަކަ އެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރާ، ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އަށް އިސްލާހެއް ނުގެނެވޭނެ އެވެ. އެކަމަކު ހެލްތު މިނިސްޓަރު އިއުލާން ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އަށް ބަދަލު ނުގެނެވޭނެ ކަމަކަށް ތިޔަ ވިދާޅުވާ ގައިޑިން ޑޮކިއުމެންޓް، ނޫނީ ދުސްތޫރުގައި ބުނެފައެއް ނުވެ އެވެ. އަދި ދައުލަތުގެ ބަންޑާރައި ނައިބުގެ ލަފަޔަކީ ވެސް އެއީ އެވެ. ކަން ކޮންމެ ގޮތަަކަށް ހިނގިއަސް، ގާނޫނު އަސާސީ ދަންނަ ބަންޑާރަނައިބަކީ ދައުލަތުގެ ބަންޑާރަނައިބެވެ. އެއީ ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ލަފާ ދެއްވާ ބޭފުޅެއް ނޫނެވެ. ދައުލަތަށް ލަފާ ދެއްވާ ފަނޑިޔާރެވެ. ގާނޫނީ މައްފޫމަކީ އެއީ ނޫންތޯ އެވެ؟

ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފާ ދެއްވާ، އެންމެ އިސް މުސީރަކީ މަޖިލީހުގެ ކައުންސިލާ ޖެނެރަލް އެވެ. އޭނާގެ ލަފަޔަކީ ވެސް މިހާލަތުގައި ގާނޫނު އަސާސީ އަށް އިސްލާހު ގެނެވިދާނެ ކަމުގެ ލަފަޔެވެ. ދެން ކޮން ބަހަނާއެއްތޯ އެވެ؟

ތެދެކެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެންމެ ރަނގަޅު ގޮތަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގިނަ ބަޔައެއްގެ ހިޔާލު ހޯދައިގެން އެކަން ކުރުމެވެ. އޭގެ ތެރޭގައި ތިޔަ ކިޔާ ހޮޅުއަށިތަކާއި އެކިއެކި މާލަމުތަކުގައި ވަރުގަަދަ އަށް ބަހުސު ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެކަމަކު ސުވާލަކީ، ކޮވިޑް19ގެ މިހާލަތުގައި އަދި ގައިދުރުކަންމަތީ ތިބެ، އެކަން ކުރާނީ ކިހިނެއްތޯ އެވެ؟

ރައްޔިތުންގެ މަޝްވަރާ އެކު ނޫނީ ގާނޫނު އަސާސީގެ ވަކި މާއްދާތަކަކަށް ބަދަލު ނުގެނެވޭނެ ކަމަށް ބުނެފައިވެ އެވެ. އެއިން މާއްދާއަކަށް ބަދަލު ގެންނަން ޖެހޭނީ ރައްޔިތުންގެ މަޝްވަރާއާ އެކު އެވެ. އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ. އެކަމަކު އޭގެ ތެރޭގައި ކައުންސިލްގެ މުއްދަތަށް ބަދަލު ގެނައުމެއް ނުހިމެނެ އެވެ. އެހެން ކަމާ އެކު، އެކަން ނުކޮށް، މަހަކު ހަތް މިލިއަން ރުފިޔާ އަދި ދުވަލާލަކު 235،000 ރުފިޔާ، އަހަރަކު 86 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޖިލީހަކުން، ކައްކައިންގެންތޯ ފުރާނީ ނުކައްކައިތޯ ފުރާނީ ކިޔާލަކިޔާލައި ތިބެންވީތޯ އެވެ؟

ތެދުފުޅެކެވެ. މި ހާރު އޮތް ކައުންސިލްގެ މުއްދަތު ދައްމާލުމަކީ ވެސް އެންމެ ޑިމޮކްރެޓިކް ގޮތް ކަމަށް ނުވެދާނެ އެވެ. އެކަމަކު އެކަން ނުކޮށް އޮތީ ވަކި ކޮން ގޮތެއްތޯ އެވެ. ހަމަ ޔަގީނުން ވެސް ސަރުކާރުން ނޫނީ ރައީސުލްޖުމުހޫރިއްޔާ އައްޔަން ކުރާ ކައުންސިލްތަކަކަށް ވުރެ އެގޮތް ވެސް މާ ޑިމޮކްރެޓިކް ވާނެ އެވެ. އަޅުގަނޑުމެން މިިތިބީ ކުޅި ބަލާށެވެ. އެނގިދާނެތާ އެވެ.

comment ކޮމެންޓް