މާޗުމަހުގެ އާމްދަނީ 26.9 ޕަސެންޓް ދަށަށް

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ މާޗުމަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 26.9 ޕަސެންޓް ދަށްވެއްޖެއެވެ.

މީރާ އިން އާންމުކޮށްފައިވާ މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާޗުމަހު މީރާ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.11 ބިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީ އަކީ 49.2 މިލިއަން ކަމަށް މީރާ އިން ބުންޏެވެ.

މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. މާޗުމަހު ލިބުނު އާމްދަނީގެ 57 ޕަސެންޓަކީ ޖީއެސްޓީ އިން ލިބުނު އާމްދަނީ އެވެ. ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 637.67 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 94.44 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އާމްދަނީގެ 12 ޕަސެންޓް ހިއްސާ ކުރަނީ ބީޕީޓީ އިން ލިބުނު އާމްދަނީއެވެ. ބީޕީޓީ އިން 81.38 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 56.69 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މި މުއްދަތުގައި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ އަކީވެސް ޖުމްލަ އާމްދަނީގެ 12 ޕަސެންޓެވެ.

މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާޗު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 74.04 މިލިއަން ރުފިޔާ އެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓު ސާވިސްޗާޖުގެ ގޮތުގައި 58.96 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާ އިން ބުނީ މާޗުމަހު އާމްދަނީ ދަށްވީ ފަތުރުވެރިން އައި މިންވަރު މަދުވުމާއި، ޓޫރިޒަމް ބިންތަކުން ދައްކާ ކުލީގެ ޑެޑްލައިން އެކްސްޓެންޑު ކުރުމުން ކަމަށެވެ.

comment ކޮމެންޓް